ކ. މާލެ
|
31 މާރޗް 2023 | ހުކުރު 12:51
މާލެ މަތިން ނަގައިފައިވާ ފޮޓޯއެއް
މާލެ މަތިން ނަގައިފައިވާ ފޮޓޯއެއް
އަވަސް
ބޯހިމެނުން 2022
އާބާދީގެ 41 އިންސައްތަ ދިރިއުޅެނީ މާލޭގައި
ރާއްޖޭގެ ޖުމްލަ އާބާދީއަކީ 515،122
212،138 މީހުން މާލެ ސަރަހައްދުގައި ދިރިއުޅޭ
އަތޮޅުތެރޭގައި ދިރިއުޅެނީ 236،747 މީހުން

ދިވެހިރާއްޖޭގެ އާބާދީގެ 41 އިންސައްތަ މީހުން ދިރިއުޅެނީ މާލެ ސަރަހައްދުގައި ކަމަށް 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއިން ހާމަވެއްޖެއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި 2022ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ ޖުމްލަ އާބާދީއަކީ 515،122 (ފަސް ލައްކަ ފަނަރަ ހާސް ސަތޭކަ ބާވީސް) އެވެ. އެއީ 382،751 (ތިންލައްކަ އަޑިހަ ދެ ހާސް ހަތްސަތޭކަ ފަންސާސް އެއް) ދިވެހިންނާއި 132،371 (އެއް ލައްކަ ތިރީސް ދެ ހާސް ތިން ސަތޭކަ ހަތްދިހަ އެއް) ބިދޭސީންނެވެ.

ބޯހިމެނުމުގެ ނަތީޖާއިން ދައްކާގޮތުގައި ރާއްޖޭގެ އާބާދީގެ 41 އިންސައްތަ މީހުން ދިރިއުޅެނީ މާލޭގައެވެ. އެއީ 212،138 (ދެލައްކަ ބާރަހާސް ސަތޭކަ ތިރީސް އަށެއް) މީހުންނެވެ. މީގެ ތެރޭގައި 161،108 (އެއްލައްކަ ފަސްދޮޅަސް އެއްހާސް ސަތޭކަ އަށެއް) ދިވެހިން ހިމެނެއެވެ. އަދި 51،030 ބިދޭސީން ހިމެނެއެވެ.

އާބާދީގެ 46 އިންސައްތަ މީހުން އަތޮޅުތެރޭގެ ރަށްރަށުގައި ދިރިއުޅެމުންދާއިރު، އެއީ 236،747 (ދެލައްކަ ތިރީސް ހަހާސް ހަތްސަތޭކަ ދާޅީސް ހަތެއް) މީހުންނެވެ. މީގެ ތެރޭގައި 204،277 (ދެލައްކަ ހަތަރުހާސް ދުއިސައްތަ ހަތްދިހަ ހަތެއް) ދިވެހިން ހިމެނެއެވެ. އަދި 32،470 ބިދޭސީން ހިމެނެއެވެ.

އާބާދީގެ 10 އިންސައްތަ ރިސޯޓުތަކުގައި ދިރިއުޅެމުންދާއިރު އެއީ 52،396 މީހުންނެވެ. މީގެ ތެރޭގައި 15،689 ދިވެހިން ހިމެނެއެވެ. އަދި 36،707 ބިދޭސީން ދަނީ ރިސޯޓުތަކުގައި މަސައްކަތްކުރަމުންނެވެ.

ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 3 އިންސައްތަ މީހުން ދިރިއުޅެމުންދާއިރު އެއީ 13،841 މީހުންނެވެ. މީގެ ތެރޭގައި 1،677 ދިވެހިން އަދި 12،164 ބިދޭސީން ހިމެނެއެވެ.

ތަފާސްހިސާބުން ދައްކާގޮތުގައި މާލެ ސަރަހައްދުގައި ގިނަ ބަޔަކު ދިރިއުޅެމުންދާއިރު ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ އަދަދު 16.82 އިންސައްތަ ވަނީ އިތުރުވެފައެވެ. އަދި ވިލިމާލޭގައި ދިރިއުޅޭ މީހުންގެ އަދަދު 2.10 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މާލޭގައި އުޅޭ މީހުންގެ އަދަދު ވަނީ 1.09 އިންސައްތަ އިތުރުވެފައެވެ.

- ކޮމެންޓް