ކ. މާލެ
|
31 މާރޗް 2023 | ހުކުރު 11:45
ހުޅުމާލެ ގެސްޓްހައުސް
ހުޅުމާލެ ގެސްޓްހައުސް
ރާއްޖެއެމްވީ
ގެސްޓްހައުސްތަކަށް އެހީވުން
ގެސްޓްހައުސް އަދި ސަފާރީތަކަށް އިތުރު 10.1 މިލިއަން ރުފިޔާގެ އެހީ ދީފި
 
އެހީ ދޫކޮށްފައިވަނީ 6،227 އެނދަށް
 
ގެސްޓްހައުސް އަދި ސަފާރީ ހިމެނޭހެން ޖުމްލަ 406 ފަރާތަކަށް އެހީ ދީފައިވޭ
 
ކޮންމެ އެނދަކަށް 1،614.44ރ. ދޫކޮށްފައިވޭ

ޔޫރަޕިއަން ޔޫނިއަންގެ "އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުން ގެސްޓަހައުސް އަދި ސަފާރީތަކަށް އިތުރު 10.1 މިލިއަން ރުފިޔާގެ މާލީ އެހީ ފޯރުކޮށްދީފިއެވެ.

މިއީ އީޔޫގެ ފަރާތުން ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއަށް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އެހީތަކުގެ ތެރެއިން ހިމެނިގެން ދެވޭ އެހީއެކެވެ. މި އެހީއަށް އެދުމަށް ހުޅުވާލި ފުރުސަތު ހަމަވެފައިވަނީ ފެބްރުއަރީ 28 ގައެވެ.

އެހީއަށް އެދުނު ފަރާތްތަކުގެ ތެރެއިން ޖުމްލަ 406 ފަރާތަކަށް ވަނީ އެހީ ފޯރުކޮށްދީފައެވެ. އެއީ 341 ގެސްޓްހައުސްއާއި، 65 ސަފާރީއެވެ. އެއީ ގެސްޓްހައުސްތަކުގައި 5،010 އެނދާއި ސަފާރީތަކުގައި 1،217 އެނދެވެ. ބެޑް ރޭޓަށް ނިސްބަތްކޮށް 10.1 މިލިއަން ރުފިޔާގެ މި އެހީ ދޫކޮށްފައިވާއިރު، ކޮންމެ އެނދަކަށް 1،614.44ރ. (އެއްހާސް ހަސަތޭކަ ސާދަ ރުފިޔާ ސާޅީސް ހަތަރެއް) ވަނީ ދޫކޮށްފައެވެ.

މީގެ ކުރިންވެސް މި ޕްރޮޖެކްޓުގެ ދަށުން ގެސްޓްހައުސްތަކާއި ސަފާރީތަކަށް ވަނީ މާލީ އެހީ ފޯރުކޮށްދީފައެވެ. މިގޮތުން 332 ގެސްޓްހައުސް އަދި 65 ސަފާރީ ހިމެނޭހެން 14.9 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެއީ ކޮންމެ އެނދަކަށް 2،453.76ރ. (ދެހާސް ހަތަރުސަތޭކަ ފަންސާސް ތިންރުފިޔާ ހަތްދިހަ ހަލާރި) އެވެ.

މިއާއެކު މިހާތަނަށް މި ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ ގެސްޓްހައުސްތަކާއި ސަފާރީތަކަށް 25.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މި ޕްރޮގްރާމް ފަށާފައިވަނީ 2022 ވަނަ އަހަރުގެ މާރޗް މަހުއެވެ. މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެޑް އޮފް ކޯޕޮރޭޝަން އެޓް ދަ އީޔޫ ޑެލިގޭޝަން ޓު ސްރީލަންކާ އެންޑް ދަ މޯލްޑިވްސް، ޖެނީ ކޮރެއިއާ ނޫންސް ފާހަގަކުރެއްވީ މިއީ ކޮވިޑް-19 ގެ ފުރަބަންދުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ކުދި ވިޔަފާރިތަކަށް އަމާޒުކުރެވިފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ސަބަބުން ސަރުކާރުގެ އަމާޒެއްކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކުރެވި، މިކަމުގައި މުޖްތަމައުގެ ބައިވެރިވުން އިތުރުކުރެވުމުގެ ސަބަބުން އެކަމުގެ ފައިދާ އެފަރާތްތަކަށް ލިބިގެންދާނެ ކަމަށް ޖެނީ ވިދާޅުވިއެވެ. އަދި މި އެހީއާއެކު ގެސްޓްހައުސްތަކާއި ސަފާރީތަކުން އެތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހެޔޮ އަގުތަކެއްގައި، މުޖްތަމައާއި ވީހަވެސް ކައިރިން ތަފާތު ތަޖުރިބާތައް ފޯރުކޮށްދިނުމަށް މަގުފަހިވާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިކަން ވެގެންދާނީ އެފަރާތްތަކަށް ދިވެހިރާއްޖޭގެ ސަގާފަތާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ގުޅޭ މައުލޫމާތު ލިބިގެންދާނެ ފުރުސަތަކަށްކަމަށް ވެސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި