ކ.މާފުށީ ހިއްކި ބިމުގެ ސަރަހައްދުން ދޫކުރާ ގޯއްޗަށް އެދުމުގެ ފުރުސަތު މާފުށީ ކައުންސިލުން ހުޅުވާލައިފިއެވެ.
އެކަމާއި ގުޅިގެން މާފުށީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކ.މާފުށީގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ދިރިއުޅުމަށް ބަންޑާރަ ގޯތިދޫކުރުމަށް 28 މާރިޗުގައި ކައުންސިލްގެ އާއްމު ޖަލްސާއިން ފާސްކޮށްފައިވާކަމަށެވެ. އެގޮތުގެ މަތިން ރަށުގެ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުން 2000 އަކަފޫޓުގެ 308 ގޯއްޗަށް އެދި ފޯމް ފުރިހަމަކޮށް ހުށަހެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލާކަމަށެވެ.
ގޯއްޗަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ގޯތި ދޫކުރުމަށް އިޢުލާންކުރެވޭ ދުވަހާއި ހަމައަށް މީލާދީގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުމެވެ. ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 ފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ ނުވަތަ އެމީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މީހަކަށް އެމީހަކު ނުވުމާއި ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުމެވެ. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައިއޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 02 އޭޕްރީލުން ފެށިގެން 15 ޖޫން ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 ން 12:30 އަށެވެ. ފޯމް ބަލައިގަތުން އޮންނާނީ 09 އޭޕްރީލުން 15 ޖޫން ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:30 ން 13:00 އަށެވެ.
އަލަށް ހިއްކި ބިން ބޭނުން ކުރާނީ ހަމައެކަނި ގޯތި ދޫކުރުމަށް އެކަންޏެއް ނޫނެވެ. މާފުށީ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭންގައިވާގޮތުން ފަތުރުވެރިކަމަށް ތިން ޒޯނެއް ވެސް ވަނީ ހާއްސަކޮށްފައެވެ.
މާފުށީގައި އަލަށް ހިއްކާފައިވަނީ 25 ހެކްޓަރުގެ ބިމެވެ. އެއީ މާފުއްޓާ ކައިރިން އެ ރަށު ފަޅުގައި ހިއްކި ބިމެކެވެ. މި ބިމާ މާފުއްޓާ ގުޅުވާލާނީ ކޯޒްވޭއަކުންނެވެ.