ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރ މުހައްމަދު ޢަބްދުﷲ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަށްޓެރި ސްރީލަންކާގައި ބައްދަލު ކުރައްވައިފިއެވެ.
މުހައްމާއާ ބައްދަލު ކުރައްވަމުން ގެންދެވި ފޮޓޯ އެޓޭޗް ކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު ޢަބްދުﷲއާ ބައްދަލުވެ ވާހަކަ ދައްކާލަން ލިބުނު ފުރުސަތުގައި އެބޭފުޅާގެ ހިތްވަރާއި ސާބިތުކަން ސާފުވި" ކަމަށެވެ.
MP Mohamed Abdulla aai bahdhalve vaahaka dhakkaalan libunu furusathugai ebeyfulhaage hivvaraai saabithukan saafuvi pic.twitter.com/od3ve1PSmw
— Mohamed Nasheed (@MohamedNasheed) July 5, 2017
ރައީސް ނަޝީދާއި މުހައްމާ ބައްދަލު ކުރައްވާފައިވާއިރު ގުޅިފައިވާ ޕާޓީތަކުން ފަށާފައިވާ އިސްލާހީ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މުހައްމާ ވަނީ ސޮއި ކުރައްވާފައެވެ.
މުހައްމާގެ އިތުރުން ރައީސް ޔާމީން ފެކްޝަންގެ 10 މެންބަރަކު އެލިސްޓުގައި ސޮއި ކުރައްވާފައި ވެއެވެ. މުޅި ޖުމްލަ 45 މެމްބަރުން މަސީހު ބޭރު ކުރުމަށް ސޮއިކުރައްވާފައިވާއިރު ޕީޕީއެމްގެ މުސްތަޝާރު، ރައީސް ޔާމީން ފެކްޝަންގެ އިތުރު މެންބަރުން ވޯޓު ދެއްވާނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ދިގު މުއްދަތެއްގެ ޖަލު ހުކުމަށް ފަހު މިހާރު އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ރައީސް ނަޝީދު ލަންކާ އަށް ވަޑައިގެންނެވީ ބުދަ ދުވަހުއެވެ.