ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މިހާތަނަށް 2.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މާރޗް 23 ގެ ނިޔަލަށް މިހާތަނަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ދަތުރުފަތުރުގެ ނިޒާމާ ގުޅުންހުރި ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ. މި ދާއިރާއިން 822.8 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ޚަރަދުކޮށްފައެވެ. މިގޮތުން ބަނދަރު ހެދުމުގެ މަސައްކަތްތަކަށް 309.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެއަރޕޯޓް ހެދުމުގެ ޕްރޮޖެކްޓުތަކަށް 333.9 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ބްރިޖް ހެދުމުގެ މަސައްކަތްތަކަށް 178.9 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ޚަރަދުކޮށްފައެވެ.
މީގެ އިތުރުން ބިން ހިއްކުމާއި، މަގު ހެދުމުގެ މަސައްކަތަށް 674.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މަގުހެދުމުގެ މަސައްކަތަށް 291.4 މިލިއަން ރުފިޔާ އަދި ބިން ހިއްކުމުގެ މަސައްކަތަށް 383.4 މިލިއަން ރުފިޔާ ހިނގާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ބޯހިޔާވަހިކަމާ ގުޅުންހުރި ޕްރޮޖެކްޓުތަކަށް 241.4 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ފެނާއި ނަރުދަމާ މަސައްކަތްތަކަށް 368 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ޚަރަދުކޮށްފައެވެ. މިގޮތުން ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމަށް 261.2 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ފެނުގެ ނިޒާމަށް 68.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ނަރުދަމާ ގާއިމްކުރުމަށް 38.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން ތައުލީމީ ނިޒާމުގެ މަސައްކަތްތަކަށް 108.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓްރީން ހާމަކުރެއެވެ. ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް 97.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކަށް 14.3 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި 26.8 މިލިއަން ރުފިޔާ ސިއްހީ ދާއިރާގެ ޕްރޮޖެކްޓުތަކަށް ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތުން ކުރި ޚަރަދު ވަނީ 10.7 ބިލިއަން ރުފިޔާއަށް އަރާފައެވެ.