ކ. މާލެ
|
29 މާރޗް 2023 | ބުދަ 03:15
މާލޭގެ މަގުތަކުގައި ނުގަވާއިދުން ޕާކުކޮށްފައި
މާލޭގެ މަގުތަކުގައި ނުގަވާއިދުން ޕާކުކޮށްފައި
އާލިމް ޢަބްދުއްލަތީފް
ރަމަޟާން 1444
ރޯދަ މަސް، ގަވާއިދާ ޚިލާފުވާން ޖެހޭ ސަބަބަކަށް ނުހަދަމާ!
 
ވަރަށް ގިނަ ކަންކަމުގައި ރޯދަ މަހަށްވުމުން ގަވާއިދާ ޚިލާފުވިޔަސް ރަނގަޅުވާނެ ކަމަށް އަމިއްލައަށް ނިންމާ

ބަރަކާތްތެރި ރަމަޟާން މަހަކީ އަޅުގަނޑުމެން މުސްލިމުން ހުރިހާ ގޮތަކުން ވެސް ރިވެތި ނަމޫނާ ދައްކަން ޖެހޭ މައްސަރެކެވެ. ނަމަވެސް ގިނަ ފަހަރު މި މައްސަރު ވެފައި އޮންނަނީ ތިމާ ކުރާ ބައެއް ގޯސް ކަންކަމުން ރެކެން އޮތް ބަހަނާއަކަށެވެ. އެގޮތުން، އެންމެ ގިނައިން ފެނިގެންދަނީ ހެދިފައި ހުންނަ ގަވާއިދުތަކާ ޚިލާފުވުމަށް ރޯދަ މަސް ބަހަނާއެއްގެ ގޮތުގައި ބޭނުންކުރާ މަންޒަރެވެ.

މަގުމައްޗަށް ކުނި އެޅުމަކީ އަބަދުވެސް މަނާ ކަމެކެވެ. ގަވާއިދާ ޚިލާފު ކަމެކެވެ. މިފަދަ އަމަލުތައް ނުކުރުމަށް ތަކުރާރުކޮށް، ކުނި ނެގުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަންނަނީ އެދެމުންނެވެ. އެއީ ކުނި ނެގުމުގެ ކަންކަން ކުރިއަށްދަނީ ވަކި ވަގުތުތަކުގެއްގައި ކަމަށްވުމުން އެހެން ގަޑިތަކުގައި މަގުމައްޗަށް ކުނި ނެރުމުން އޭގެ ސަބަބުން ސިއްޙީގޮތުން ދިމާވެދާނެ މައްސަލަތަކުގެ ސަބަބުންނެވެ.

ކުނި ނަގާ ފަރާތްތަކުން އެކަން ކުރާ ގަޑިތަކެއް ކަނޑައަޅާފައި އޮތް ނަމަވެސް އެ މީހަކު ބޭނުން ގަޑިއެއްގައި މަގުމައްޗަށް ކުނި ނެރެލަނީއެވެ. އެހެން މަސްތަކުގައި ބޭނުން ގަޑިއެއްގައި ކުނި ބޭރަށް ނެރުމުގެ އެއްވެސް ބަހަނާއެއް ނޯވެއެވެ. ނަމަވެސް ރޯދަ މަހުގައި ބަދިގޭގައި ކުނި އުފެދޭ މިންވަރު ގިނަވުމާއި ރޯދަ ވަރުބަަލިވުމުގެ ސަބަބުން ކުނި ނެރެވޭނީ ވަކި ވަގުތެއްގައި ކަމަށް ބުނެއެވެ. ނަތީޖާއަކަށްވީ ރޯދަ މަސް ފަށައިގެން ފުރަތަމަ ދެ ތިން ދުވަހު މުޅި މާލެތެރެ ގޮނޑުވުމެވެ. މަގުމަތި ކުނުފުނިތަކުން ފުރާލިއެވެ.

ދެން އޮތީ ދުއްވާ އުޅަނދުތަކުގެ ވާހަކައެވެ. ޕާކު ކުރާނެ ތަންތަން ކަނޑައަޅައި ގަވާއިދާ އެއްގޮތަށް ޕާކު ކުރުމަށް ފުލުހުން އަބަދުވެސް އިލްތިމާސްކުރެއެވެ. ނަމަވެސް ގިނަ ފަހަރަށް ބޭނުންތަނެއްގައި ސައިކަލު ނުވަތަ ކާރު ޕާކުކޮށްލަނީ އެއަށްފަހު އެ އުޅަނދެއްގައި ޕާކިން ވަޔޮލޭޝަން ސްޓިކަރއެއް ޖަހައިފިނަމަ ކުށްވެރިވަނީ ފުލުހުންނެވެ. ސޯޝަލް މީޑިއާގައި މި ދުވަސްވަރު އެފަދަ އެތައް ޕޯސްޓުތަކެއް ދަނީ ދައުރުވަމުންނެވެ.

ބައެއް ފަރަތްތަކުން ސޯޝަލް މީޑިއާގައި ފޮޓޯ ހިއްސާކޮށް ބުނަމުންދަނީ ނަމާދުކޮށް ނިންމާލުމަށްފަހު ނުކުންނައިރު އުޅަނދުގައި ސްޓިކަރ ޖަހާފައި ހުންނަ ކަމަށެވެ. އުޅަނދު ޕާކުކޮށްފައި ހުރީ ގަވާއިދާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ އަމިއްލައަށް ވެސް ބަލާލަން ބޭނުން ނުވެއެވެ. ރޯދަމަހަށްވުމުން ކޮންމެ ތަނެއްގައި ޕާކުކޮށްފައި ހުރި ނަމަވެސް ސްޓިކަރ ނުޖެހޭނެ ކަމަށް ގަބޫލުކުރެވެނީއެވެ. އަދި އެ ސްޓިކަރ ޖަހައިގެން ފުލުހުން ކުރީ ވަރަށް ގޯސް ކަމެއް ކަމަށް ގަބޫލުކުރެވެނީއެވެ. އެއަށް އެއްބާރުލުން ދޭ ފަރާތްތަކުން ވެސް ފުލުހުން ގޯސްކުރެއެވެ.

ރޯދަ މަސް އައުމުގެ ކުރިން ވެސް ފުލުހުން ވަނީ ވަރަށް ގިނަ މީޑިއަމްތައް މެދުވެރިކޮށް ޓްރެފިކްގެ އުސޫލުތަކަށް ބޯލެނބުމަށް އެންމެނަށް ވެސް އިލްތިމާސްކޮށްފައެވެ. އޭގެ ތެރެއިން ޕާކިންއަކީ އެ އިދާރާއިން ވަރަށް ބޮޑަށް ފާހަގަކުރި އެއް ކަމެވެ. އެގޮތުން، މިސްކިތަށް ދާއިރު ގެއާ ވީހާވެސް ކައިރި މިސްކިތަކަށް ހިނގާފައި ދިއުމަށް އިލްތިމާސްކޮށްފައިވާއިރު އެހެން މިސްކިތަކަށްދިޔަ ނަމަވެސް އެތަނުގައި މީހުން ގިނަވާނެ ކަން ދަނެ، ޕާކު ކުރާނެ ޖާގައެއް ނުލިބޭނެކަން ދަނެ، އެންމެ ކައިރިން ގަވާއިދާ އެއްގޮތަށް ޕާކިންގ ލިބޭ ތަނެއްގައި ޕާކު ކުރުމަށް ވެސް އިލްތިމާސްކުރިއެވެ. މިއީ ކޮންމެ ރޯދަ މަހެއްގައި ވެސް ފުލުހުން އާއްމުންގެ ފަރާތުން އެދެމުން އަންނަ ކަންތައްތަކެވެ.

ޕާކިންގެ އިތުރުން އުޅަނދުތައް ބާރަށް ދުއްވުމުގައި ރޯދަ މަސް ބަހަނާއަކަށް ބައެއް ފަހަރު ބޭނުން ކުރެއެވެ. އެގޮތުން، ބާރަށް ދުއްވަނީ ރޯދަ ވީއްލާ ގަޑިޖެހޭތީ ގެއަށް އަވަހަށް ދާން ކަމަށް ބުނެއެވެ. ނުވަތަ "ރޯދަ ކުރުކުރަން" ދުއްވާލަނީ ކަމަށް ބުނެއެވެ. މިވެސް ސަބަބެއް ކަމަށް ބަލައި، ދޫކޮށްލަންވީބާއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި ރޯދަ މަސް ފެށިފަހުން މާލެ ސަރަައްދުގައި އެކަނި 47 އެކްސިޑެންޓު ވަނީ ހިނގާފައެވެ. ރޯދަ މަހަކީ ހަވީރުން ފެށިގެން މަގުމަތީގައި އުޅަނދުތައް ގިނަ މައްސަރެއް ކަމަށްވާތީ އުޅަނދުތައް ދުއްވާއިރު ގަވާއިދުގައި އޮންނަ ސްޕީޑު ލިމިޓުގެ ތެރެއިން ދުއްވުމަށް ފުލުހުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. ރޯދަ ވީއްލަން ވަގުތު އޮއްވައި ގެއަށް ދިއުމަށް ވެސް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

ރޯދަ މަހަކީ މުސްލިމުންނާ ބައްދަލު ކުރާ އެންމެ މާތް މައްސަރަށްވާއިރު ރޯދައަށް ހުރުމާއި ރޯދަ މަހުގެ އަޅުކަންތައް ތަނެއްގައި ހަދާފައި އޮންނަ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުވުމަށް ބަހަނާއެއްގޮތުގައި ނަހަދަމާތޯއެވެ. އޭގެ ބަދަލުގައި ގަވާއިދު ތަންފީޒު ކުރަން ތިބި ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް، ނަމޫނާ މުޖުތަމައަކަށް ހަދަން އެންމެ ގުޅިގެން މަސައްކަތް ކުރަމާތޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް