ކޯޕަރޭޓް ގަވަރނަންސް ކޯޑާ ހަވާލާދީ ވަކިގޮތަކަށް އަމަލުކުރަން އަންގާފައިވަނީ 3 ކުންފުންޏަކަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިހެން ވިދާޅުވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަށް ދެއްވި ޖަވާބުގައެވެ.
ފިނޭންސް މިނިސްޓްރީއާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން ކުންފުނިތަކަށް ފޮނުއްވާފައިވާ ސަރކިއުލާ ތަަކަށާއި، އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކޯޕަރޭޓް ގަވަރނަންސް ކޯޑަށް އަމަލުކުރަމުންނުދާ ކުންފުނިތަކުގެ ހިންގުމާ ހަވާލުވެތިއްބެވި ފަރާތްތަކާ މެދު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން ނުވަތަ ފިނޭންސް މިނިސްޓްރީން މިހާތަނަށް އެއްވެސް އިންޒާރެއްދީ އެއްގުމެއް އަންގާ ފިޔަވަޅެއް އަޅާފައިވާނަމަ އެކަމުގެ ތަފްސީލަކީ ކޮބައިތޯ؟މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލު
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުގެ ސުވާލުގެ ޖަވާބުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މިނިސްޓްރީން ފޮނުވާ ސަރކިއުލާތަކަށާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކޯޕަރޭޓް ގަވަނަންސް ކޯޑިގައި އަމަލުކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން، އެ މިނިސްޓްރީން އަދި ޕީބީސީން ވެސް ކުންފުނިތަކާއި އަބަދުވެސް ބައްދަލުކުރަމުން ގެންދާ ކަމަށެވެ.
އަދި މިއަހަރު އަލަން އައްޔަންކުރުވުނު ބޯޑު މެންބަރުންނަށް (އޭގެ ތެރޭގައި 7 އެމްޑީ އިންނާ 1 ޗެއަރމަން ހިމެނޭގޮތުން) ކޯޕަރޭޓް ގަވަނަންސް ކޯޑަށް އަމަލުކުރުމާ ގުޅޭ އާންމު އިރުޝާދު ދީ އަދި ކުންފުނީގައި ކޯޕަރޭޓް ގަވަންސް ކޯޑާ ގުޅޭގޮތުން ފުރިހަމަ ނުވެ ހުރި ކަންތައްތައް ފާހަގަކޮށް، އެކަންތައްތައް ފުރިހަމަކުރުމަށް ކީ ޕާފޯމަންސް އިންޑިކޭޓާސްގެ ގޮތުގައި ފާހަގަކުރެވިފައިވާނެ ކަމަށެވެ.
އަދި މިކަންތައްތައް ފުރިހަމަވެފައިވާ މިންވަރު، މިއައަހަރު އެކުލަވާލެވުނު ކޯޕަރޭޓް ގަވަނަންސް ރިވިއު ރިޕޯޓް 2022ށް ބަލާ އިތުރަށް އަޅާނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރެވުނު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކޯޕަރޭޓް ގަވަރނާސް ކޯޑާ ހަވާލާދީ ވަކި ގޮތަކަށް އަމަލުކުރަން އަންގާފައިވާ ކުންފުނިތަކުގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި، ފެނަކަ ކޯޕަރޭޝަން އަދި ޕަބްލިކް ސަރވިސް މީޑިއާ ހިމެނޭ ކަމަށެވެ. އަދި މި ކުންފުނިތަކުން ވަނީ އެ އެންގުންތަކާ އެއްގޮތަށް އަމަލުކުރަން ފަށާފައި ކަމަށެވެ.