މުސްތަޤުބަލަށް ހަމަޖެހުން އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.
އިންފަންޓީނޯ މިހެން ވިދާޅުވީ ފީފާ އާއި ޔޫރަޕިއަން ކުލަބް އެސޯސިއޭޝަން (އީސީއޭ)އާ ދެމެދު މެމޯރެންޑަމް އޮފް އަންޑަންޓޭންޑިންގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުންނެވެ. ފީފާގެ ފަރާތުން މި އެއްބަސްވުމުގައި އިންފަންޓީނޯ ސޮއި ކުރެއްވިއިރު، އީސީއޭގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން ނާސިލް އެލް ޚެއްލާފީ އެވެ. އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އިންފަންޓީނޯ ވިދާޅުވީ، މިއީ ވަރަށް މުހިންމު އަދި ޚާއްސަ ވަގުތެއް ކަމަށެވެ. ސަބަބަކީ މުސްތަޤުބަލުގައި ހަމަޖެހުން އޮތުމަކީ ވަރަށް މުހިންމުކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އިންފަންޓީނޯ ވިދާޅުވީ ފީފާއާ އެއްވަރަކަށް އަގުތައް ހިއްސާ ކުރާ ޖަމިއްޔާއަކާއެކު އެއްބަސްވުމަށް އާދެވުމަކީ މުހިންމު ކަމެއް ކަމަށާއި ބޭނުން ވަނީ ޑިމޮކްރަޓިކް ޕްރޮސެސްތަކާއި، ފުޓުބޯޅަ ކުރިއަރުވަން އެންމެނަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށް ދާން ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ މިއީ ޔޫރަޕާއި، އަދި މުޅި ދުނިޔެ އަށް ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މިއީ ކުލަބް ފުޓުބޯޅަ އާއި ޤައުމީ ޓީމުތައް އެއް ހަމައެއްގައި ބޭއްވުމަށް ކުރެވޭ ކަމެއް ކަމަށާއި، އަބަދުވެސް އެއީ މުހިންމު މައުޟޫއެއް ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ފުޓުބޯޅައިގެ މުސްތަޤުބަލަށް ވެސް ކުރެވުނު މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އީސީއޭގެ ޗެއާމަން އަދި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ރައީސް ނާސިރު އެލް ޚެއްލާފީ ވިދާޅުވީ، 2030 ވަނަ އަހަރާ ހަމަ އަށް ދެމިގެންދާ އެއްބަސްވުމުގައި ސޮއި ކުރެވުނީތީ އުފާވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުލަބުތަކުގެ ފަރާތުން އެއްޗެއް ބުނާނަމަ، ބުނެވޭނީ މިއަށްވުރެ ފަޚުރުވެރިވެވޭނެ އެހެން ދުވަހެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އެކަމުގެ ފައިދާ އެންމެނަށް ކުރާނެ ކަމަށާއި، އޭގެ ތެރޭގައި އީސީއޭގެ މެމްބަރުންނާއި، މެމްބަރުންގެ ގޮތުގައި ނުހިމެނޭ ފަރާތްތައް ވެސް ޝާމިލްވާނެ ކަމަށެވެ.
ފީފާ އާއި އީސީއޭއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ފިރިހެން ވޯލްޑް ކަޕަށް ކުޅުންތެރިން ދޫކޮށްލާ ކްލަބުތަކަށް ފީފާއިން ދޭ ބަދަލު ގާތްގަނޑަކަށް %70 އިތުރުކޮށް، 2026 އަދި 2030 ވަނަ އަހަރުގެ މުބާރާތްތަކަށް 355 މިލިއަން ޑޮލަރަށް އިތުރުކޮށްދޭނެ އެވެ. ކްލަބް ބެނެފިޓްސް ޕްރޮގްރާމްގެ ދަށުން ކުޅުންތެރިން ދޫކޮށްލުމުގެ ބަދަލުގައި ގައުމީ ޓީމުގެ މުބާރާތުން ލިބޭ އާމްދަނީގެ ހިއްސާ އެއް ކްލަބުތަކަށް ލިބިގެންދާއިރު، ބައިނަލްއަގްވާމީ ޑިއުޓީގައި ކުޅުންތެރިންނަށް އަނިޔާވެއްޖެ ހާލަތެއްގައި ކްލަބުތައް ހިމާޔަތްކޮށްދޭނެ ކަމަށް ވެސް ވެއެވެ.