ކ. މާލެ
|
28 މާރޗް 2023 | އަންގާރަ 11:40
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު
ރާއްޖެއެމްވީ
''ޒަކާތު ނަފާ'' ޕްރޮގްރާމް
''ޒަކާތު ނަފާ'' ޕްރޮގްރާމް: ދެތިން އަހަރެއްގެ ތެރޭގައި ފަގީރުންގެ ދަފްތަރު އެއްކޮށް ހުސްކޮށްލެވޭނެ
ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ޚާއްސަ ޕްލޭނެއް އެކުލަވާލެވިފައި
އެމީހުން ތަމްރީން ކުރުމަށްފަހު، އެ މަސައްކަތް ކުރާނެ އާލަތްތައް ފޯރުކޮށްދޭނެ
އިގްތިސާދީ ކުރިއެރުވުމުގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުވުމަށް މަސައްކަތް ކުރާނެ

ފަގީރުންގެ ލިސްޓުގައި ތިބި މީހުން އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތްތައް ހޯދައިދިނުމުގެ ގޮތުން ''ޒަކާތު ނަފާ'' ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި، ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ފަގީރުންގެ ދަފްތަރު އެއްކޮށް ހުސްކޮށްލެވޭނެ ކަމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ފަގީރުންގެ ލިސްޓުގައި ތިބި މީހުން އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ފަދަ ގޮތްތައް ހޯދައިދިނުމަށް މިނިސްޓްރީގެ ފަރާތުން ޚާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަމާޒަކީ މި ޕްރޮގްރާމްގެ ތެރެއިން ފަގީރުންގެ ދަފްތަރު އެއްކޮށް ހުސްކޮށްލުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޒަކާތު ނަފާގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ދަނޑުވެރިކަމާއި، ފެހުމާއި، ފަރުމަސްވެރިކަމާއި އަދިވެސް އަމިއްލަ ފައިމައްޗަށް ތެދުވެ އެމީހުންނަށް އަމިއްލައަށް ކުރެވޭނެ މަސައްކަތްތައް ކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އިގްތިސާދީ ކުރިއެރުވުމުގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުވަން އެ ޕްރޮގްރާމްގައި މަސައްކަތްކުރާނެ ކަމަށެވެ.

ވަރަށް ރަނގަޅު ނިޔަތެއްގައި އަޅުގަނޑުމެން ފެށި މަސައްކަތެއް. އަޅުގަނޑުމެން މި މަސައްކަތް ކުރަމުން މިގެންދަނީ އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން. އަޅުގަނޑު އިރާދަކުއްރެއްވިއްޔާ ހުޅުވުމުގެ ރަސްމިއްޔާތެއް ބާއްވާނެ. ބަޔަކާއި ހަވާލު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. ފުރަތަމަ މަރުހަލާގައި ފަގީރުންގެ ގޮތުގައި ދަފްތަރުގައި ޖެހިފައި ތިބި 1070 މީހުން. ވިސްނުން މިހުރީ ކުރިއަށް އޮތްތަނުގައި ފަގީރުންނަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެވަރު ކޮށްދިނުން. މި ލިސްޓުން ހުސްކޮށްލުން. އަޅުގަނޑުމެން ޓަރގެޓެއް ކަނޑައަޅައިގެން މިމަސައްކަތް ކުރަނީ. ފަގީރުންގެ ގޮތުގައި ދަފްތަރުގައި ޖެހިފައި ތިބި ހުރިހާ އެންމެން އަމިއްލަ ފައިމައްޗަށް ތެދުވެވޭރު އިރާދަކުރެއްވިއްޔާ ކުރާނަން.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ

ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ފަގީރުންގެ ދަފްތަރު އެއްކޮށް ހުސްކޮލެވޭވަރުވާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ އަމާޒަށް ވާސިލްވުމަށް ވަކި ޕްލޭންއެއް އެކުލަވާލެވި އެ ޕްލޭންއާ އެއްގޮތަށް މަސައްކަތް ކުރާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ޕްރޮގްރާމްގެ ތެރެއިން އެމީހުން ތަމްރީން ކުރުމަށްފަހު، އެ މަސައްކަތް ކުރާނެ އާލަތްތައް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ދަނޑުވެރިކަން ކުރަން ބޭނުންވާ މީހެއް ނަމަ، އެމަސައްކަތް ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެނގިވަޑައިގަންނަވާނެ ބައެއް ފަރާތްތަކަކީ ފަގީރުންގެ ދަފްތަރުގައި ހިމެނިފައިހުރި ބައެއް ފަރާތްތަކަކީ މިކަމަށް އަހުލުވެރި ފަރާތްތަކެއް ނޫން. އެބޭފުޅުންނަށް ނޭގިދާނެ ދަނޑުވެރިކަން ކުރަން، ފަހަން ދެން އައިސް ބައެއް އެހެންކަހަލަ މަސައްކަތްތައް ވެސް ކުރަން ނޭނގިދާނެ. އެހެންވީމަ އަޅުގަނޑުމެން އެފަރާތްތަކަށް ތަމްރީން ދެނީ ފުރަތަމަ. ދެން އެކަމަށް އަހުލުވެރި ކުރުވުމާއި ދެން އެފަރާތްތަކާއި މަސައްކަތް ހަވާލުކުރަނީ. އަދި މިސާލަކަށް ބުނަނީ ނަމަ ދަނޑުވެރިކަމުން ކޮށްގެން ލިބޭ އެއްޗެއް ސަރުކާރުން އަނެއްކާ ވެސް ގަންނަނީ. ގަނެފައި އެކި ދިމަދިމާލުން ވިއްކޭނެ އިންތިޒާމް މި ހަމަ ޖައްސަނީ. ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު މި މަސައްކަތް މި ކުރިއަށް ގެންދަނީ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ

މިނިސްޓަރު ވިދާޅުވީ މާލެސީޓީ އަދި އަތޮޅުތެރެއިން ފަގީރުންގެ ލިސްޓަށް ބަލާއިރު، ޕްރޮގްރާމްގައި ބައިވެރިވުމަށް ޚާއްސަ ފޯމެއް ފޮނުވާނެ ކަމަށެވެ. އަދި ފޯމަށް ބެލުމަށްފަހު، ލިސްޓް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ލިސްޓް އަޅުގަނޑުމެން ހެދިއިރު، އެންމެ ފުރަތަމަ ފިޔަވައްސަށް ލިސްޓް ނަގަން މަސައްކަތް ކުރިއިރު އަޅުގަނޑުމެންނަށް މިހެދި ގޮތަކީ ކޮންމެ ރަށެއްގައި ފަގީރުންގެ ގޮތުގައި ތިބީ ކިހައި ވަރެއްތޯ މިބެލީ. އަޅުގަނޑުމެން އެންމެ ފުރަތަމަ މަރުހަލާ މިނެގީ ފަގީރުންގެ ގޮތުގައި ދަފްތަރުގައި ޖެހިފައި ތިބި 10 ގޭބިސީ ހިމެނޭ ރަށްތައް. އެހެންވީމަ ގާތްގަނޑަކަށް އެއީ 98 ރަށަކުން ފުރަތަމަ މިފަށަނީ އޭގެ ތެރޭގައި 1070 ވަރަކަށް މީހުން ހިމެނޭނެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ

''ޒަކާތު ނަފާ'' ޕްރޮގްރާމަކީ އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.

- ކޮމެންޓް