ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ކަމުގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އިސްތިއުފާ ދެއްވައިފި އެވެ.
އެނގިފައިވާ ގޮތުގައި ޕީޕީއެމް ޕީޖީގެ ނައިބު ލީޑަރު ކަމުގެ މަގާމުން އިލްހާމް އިސްތިއުފާ ދެއްވާފައި ވަނީ ބުދަ ދުވަހު އެވެ. އަދި އެކަން މިހާރު ވަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކަށް އަންގާފަ އެވެ. ބައެއް މީޑިއާތަކަށް އިލްހާމް ވެސް ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.
ނަމަވެސް ރާއްޖެއެމްވީން އިލްހާމަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.
އިލްހާމަކީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވެއްދި 45 މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ސަރުކާރަށް ނިސްބަތްވާ ޕީޕީއެމް މެމްބަރެކެވެ. ނަމަވެސް މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅުމުން އިލްހާމް ވަނީ ވޯޓު ދެއްވާ މެންބަރުންގެ ފަޔަށް ހޫނު ފެން އެޅޭނެ ކަމަށް ވިދާޅުވެ މެންބަރުންނަށް އިންޒާރު ދެއްވަފައެވެ.
ކުރިން ގެމަނަފުށީ ދާއިރާގެ މެންބަރުކަން ކުރެއްވުމަށް ފަހު ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ދަނގެތި ދާއިރާ އަށް ހޮވިވަޑައިގެންނެވި އިލްހާމު ގިނަ ދުވަސްތަކެއް ވަންދެން ޖުމްހޫރީ ޕާޓީގައި ހުންނެވިއެވެ.