ކ. މާލެ
|
28 މާރޗް 2023 | އަންގާރަ 07:16
ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން
18 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށް ބެޑްމިންޓަން އެސޯސިއޭޝަން އިން އަހަރަށް ތައްޔާރު ވަނީ
އަހަރީ އާންމު ޖަލްސާގައި ވަނީ މިއަހަރުގެ ކަލަންޑަރު ވެސް ފާސްކޮށްފައި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ (ބީއޭއެމް) އިން މިއަހަރަށް ލަފާ ކުރާ ބެޖެޓު ފާސްކޮށްފި އެވެ.

ދާދި ފަހުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި މިދިޔަ އަހަރުގެ އެންމެ މޮޅު އެސޯސިއޭޝަނަކަށް ހޮވުނު ބެޑްމިންޓަން އެސޯސިއޭޝަން އިން އަހަަރުގެ ބަޖެޓު ފާސްކޮށްފައި ވަނީ އަހަރީ އާންމު ޖަލްސާގަ އެވެ. އެ އެސޯސިއޭޝަނުން ވަނީ މިއަހަރަށް 18،873،891.84 (އަށާރަ މިލިއަން އަށް ލައްކަ ހަތްދިހަ ތިން ހާސް އަށް ސަތޭކަ ނުވަ ދިހަ އެއް ރުފިޔާ އަށްޑިލަ ހަތަރު ލާރި) ގެ ބަޖެޓެއް ފާސްކޮށްފަ އެވެ. މީގެ އިތުރުން އެ ޖަލްސާގައި ވަނީ އެ އެސޯސިއޭޝަންގެ މިއަހަރުގެ ކަލަންޑަރު ވެސް ފާސްކޮށްފަ އެވެ. ހަމައެއާއެކު މިދިޔަ އަހަރުގެ މާލީ ރިޕޯޓުގެ އިތުރުން އަހަރީ ރިޕޯޓު ވެސް ވަނީ ފާސްކޮށްފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ މިއަހަރުގެ ވެސް ބައިނަލްއަޤުވާމީ މުބާރާތްތަކެއް ބާއްވަން ނިންމައިފަ އެވެ. އޭގެ ތެރޭގައި މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖު، މޯލްޑިވްސް އިންވިޓޭޝަނަލް ޗެލެންޖު އަދި މޯލްޑިވްސް އިންޓަނޭޝަލް ސީރީން ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ. މިދިޔަ އަހަރު ވެސް އެ އެސޯސިއޭޝަނުން ވަނީ ބައިނަލްއަޤުވާމީ މުބާރާތް ބާއްވައިފަ އެވެ.

މީގެ އިތުރުން މިއަހަރު ވެސް ރާއްޖެ އިން ބައިނަލްއަޤުވާމީ މުބާރާތްތަކެއްގައި ވާދަކުރާނެ އެވެ. އޭގެ ތެރޭގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)، އަދި އޭޝިއަން ގޭމްސް ހިމެނެ އެވެ. މި މުބާރާތްތަކަށް ތައްޔާރުވުމުގެ ގޮތުން ދިވެހި އެތުލީޓުން އަންނަނީ ދުރާލާ ތަމްރީނުވަމުންނެވެ. ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ މުބާރާތްތަކާއި، ރާއްޖެ އިން ބައިވެރިވާ ބައިނަލްއަޤުވާމީ މުބާރާތްތަކުގެ އިތުރުން ޤައުމީ ފެންވަރުގައި 13 މުބާރާތެއް ވެސް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ވެސް ބެޑްމިންޓަންގެ އެކިއެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ވަނީ ތާވަލްކޮށްފަ އެވެ.

- ކޮމެންޓް