ކ. މާލެ
|
27 މާރޗް 2023 | ހޯމަ 10:49
އިޓަލީން ކުޅުން މެޗުގެ ތެރެއިން
އިޓަލީން ކުޅުން މެޗުގެ ތެރެއިން
ރޮއިޓާރސް
ޔޫރޯ ކޮލިފައިން
މަލްޓާ އަތުން މޮޅުވެ އިޓަލީ އަށް ހަމަޖެހުމެއް
މަލްޓާގެ ޓާޤަލީ ސްޓޭޑިމްގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އިޓަލީން ކާމިޔާބު ކުރީ 2-0 އިން

މިހާރު ކުރިއަށްދާ ޔޫރޯ ކޮލިފައިންގައި މަލްޓާ އަތުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އަށް ހަމަޖެހުމެއް ލިބިއްޖެ އެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުގައި ވާދަވެރި އިންގްލެންޑާ ދެކޮޅަށް ކުޅެ، އަމިއްލަ ދަނޑުގައި ބަލިވުމާއެކު އިޓަލީ އަށް އޮތީ މަލްޓާ އަތުން މޮޅުވާން މަޖުބޫރުވެފަ އެވެ. މަލްޓާގެ ޓާޤަލީ ސްޓޭޑިމްގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އިޓަލީން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އިޓަލީގެ ދެ ލަނޑު ވެސް ފެނުނު ފުރަތަަމަ ހާފުގަ އެވެ. އިޓަލީ އަށް މެޗުގައި ލީޑު ނަގައިދިނީ 15 ވަނަ މިނެޓުގައި މަޓެއޯ ރެޓެގީ އެވެ. އެއީ ކުލަބް ފުޓުބޯޅައިގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަންޑްރޯ ޓޮނާލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އިޓަލީގެ ދެ ވަނަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ޖެހީ މަތެއޯ ޕެސިނާ އެވެ. މި ލަނޑު ޖެހުމަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ޓޮނާލީ އެވެ.

މޮޅާއެކު އިޓަލީ އޮތީ ގްރޫޕް ސީގެ ދެ ވަނައިގަ އެވެ. އެއީ ކުޅުނު ދެ މެޗުން ތިން ޕޮއިންޓާއެކު އެވެ. ތިން ވަނައިގައި އޮތް ނޯތު މަސަޑޯނިއާ އަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. ނަމަވެސް އިޓަލީން ކުރި ހޯދަނީ ފައިދާ ލަނޑުންނެވެ. މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވި އިންގްލެންޑެވެ.

- ކޮމެންޓް