މިހާރު ކުރިއަށްދާ ޔޫރޯ ކޮލިފައިންގައި ލަގްޒެމްބާގްއާ ދެކޮޅަށް ކުޅުނު މެޗުން ތަފާތު ބޮޑު ގޮތަކަށް ޕޯޗުގަލް މޮޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރޭ ލަގްޒެމްބާގްގައި ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރީ 6-0 އިންނެވެ. މެޗުގައި ވިދާލީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ނޫނޯ މެންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕޯޗުގަލަށް ލީޑު ނަގައިދިނީ ރޮނާލްޑޯ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗުގަލް އިން ވަނީ އިތުރު ތިން ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި ޖެހީ ބެނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޔާއޯ ފެލިކްސް އެވެ. އޭގެ ތިން މިނެޓު ފަހުން ސިލްވާ ވަނީ ޕޯޗުގަލްގެ ތިން ވަނަ ލަނޑު ޖަހައިދީފަ އެވެ. މެޗުގެ 31 ވަނަ މިނެޓުގައި ބްރޫނީ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރޮނާލްޑޯ ވަނީ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑާއެކު ރޮނާލްޑޯ ޕޯޗުގަލަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 122 އަށް އަރައިފަ އެވެ. ޕޯޗުގަލްގެ ފަސް ވަނަ ލަނޑު ދެ ވަނަ ހާފުގެ 77 ވަނަ މިނެޓުގައި ޖެހީ އޮޓާވިއޯ އެވެ. ޕޯޗުގަލް އަށް 85 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ރަފައެލް ލެއާއޯ ފޮނުވާލި ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ލެއާއޯ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަޔަކަށް ބަދަލުކޮށްދީފަ އެވެ.
މެޗުން މޮޅުވެ ޕޯޗުގަލް އޮތީ ގްރޫޕް ޖީގެ އެއް ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް ސްލޮވާކިއާ އަށް ލިބެނީ ދެ މެޗުން ހަތަރު ޕޮއިންޓެވެ.