ކ. މާލެ
|
5 ޖުލައި 2017 | ބުދަ 05:38
ރެއާލްގެ ކުރީގެ ޑިފެންޑަރު ޕެޕޭ (ކ) ބެސިކްޓަސްއަށް ސޮއިކުރަނީ
ރެއާލްގެ ކުރީގެ ޑިފެންޑަރު ޕެޕޭ (ކ) ބެސިކްޓަސްއަށް ސޮއިކުރަނީ
ޓްވިޓަރ
ޕެޕޭ ބެސިކްޓަސްއަށް
ރެއާލް ދޫކޮށްލުމަށް ފަހު ޕެޕޭ ބެސިކްޓަސްއަށް ބަދަލުވެއްޖެ
ޕެޕޭ ބެސިކްޓަސް އަށް ބަދަލުވީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން
ބެސިކްޓަސްއާއެކު ހޭދަކުރާ ކޮންމެ އަހަރަކު 3.25 މިލިއަން ޔޫރޯ ލިބޭނެ

ރެއާލް މެޑްރިޑަށް ކުޅެމުން އައި ޑިފެންޑަރު ޕެޕޭ ތުރުކީގެ ބެސިކްޓަސް އަށް ބަދަލުވެއްޖެ އެވެ.

އުމުރުން 34 އަހަރުގެ ޕެޕޭ ބެސިކްޓަސް އަށް ބަދަލުވެފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށާއި، އޭނާ އަށް އަހަރަކު 3.25 މިލިއަން ޔޫރޯ ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަންގާރަ ދުވަހު ޕެޕޭ އޭނާގެ ޓްވިޓާ އެކައުންޓުގައި ބެސިކްޓަސް ސްޓޭޑިއަމްގެ ފޮޓޯ ޕޯސްޓުކުރުމަށް ފަހު ކެޕްޝަނަކަށް ޖަހާފައި ވަނީ "ބެސިކްޓަސް އަށް މި އަހަރު" މިހެންނެވެ. އޭނާ މިހެން ޖަހާފައިވަނީ ޓާކިޝް ބަހުންނެވެ.

ޕެޕޭ މިހެން ޓްވީޓްކުރިތާ މާގިނައިރުތަކެއް ނުވަނީސް ބެސިކްޓަސް އިން އެ ކްލަބަށް ޕެޕޭ ބަދަލުވިކަން ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާ އެ ކްލަބަށް ބަދަލުވުމަށް ސޮއިކުރީ އަންގާރަ ދުވަހު އެވެ.

މި ސީޒަނަށްފަހު ރެއާލް ދޫކޮށްލާނެކަން ޕެޕޭ އިއުލާންކޮށްފައިވާއިރު، އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ޗައިނާ އަދި އެމެރިކާގެ ބައެއް ކްލަބްތައް ވެސް ހިމެނެއެވެ.

ޕެޕޭ ހޯދުމަށް ޖެނުއަރީ ޓްރާންސްފާގައި ވެސް ބައެއް ކްލަބްތަކުން ވަނީ މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް އެފަހަރު އޭނާ ވަނީ ކްލަބްތަކުން ހުށަހެޅި ހުށަހެޅުންތައް ރިޖެކްޓްކޮށްލާފައެވެ.

ޕޯޓޯ އިން 2007 ވަނަ އަހަރު ރެއާލް އަށް ބަދަލުވި ޕެޕޭ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 10 ސީޒަނުގައި 233 މެޗު ކުޅެދީ 15 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެޓީމާއެކު ޔުއެފާ ޗެމްޕިއަންސް ލިގު، ޔުއެފާ ސުޕާކަޕް، ފީފާ ކްލަބް ވޯލްޑްކަޕް، ސްޕެނިޝް ލަލީގާ، ކޮޕާޑެލްރޭ އަދި ސްޕެނިޝް ސުޕާ ކަޕް ކާމިޔާބުކޮށްފަ އެވެ.

މީގެއިތުރުން އޭނާ ވަނީ ޕޯޗުގަލް ޓީމާއެކު ނިމިގެންދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ކުޅެ އެ މުބާރާތް އެޓީމާއެކު ކާމިޔާބުކޮށްފައެވެ. އެ މުބާރާތަކީ ޕޯޗުގަލް އިން އެޓީމުގެ ފުޓުބޯޅަ ތާރީހުގައި ކާމިޔާބުކުރި ފުރަތަމަ ބައިނަލްއަގުވާމީ ތައްޓެވެ.

 

 

- ކޮމެންޓް