ޔޫކްރެއިނަށް ކުރިމަތިވެފައިވާ ޙާލަތާ މެދު އިންގްލެންޑް ޓީމުން ވަރަށް ބޮޑަށް ހަމްދަރުދީވާ ކަމަށާއި، ނަމަވެސް ބޭނުންވަނީ އެ ޤައުމު ބަލިކުރަން ކަމަށް އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.
ސައުތުގޭޓް މިހެން ބުނީ މިހާރު ކުރިއަށްދާ ޔޫރޯ ކޮލިފައިންގެ ދެ ވަނަ މެޗުގައި ޔޫކްރެއިންނާ ދެކޮޅަށް ނިކުތުމުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ، ޔޫކްރެއިންނާ މެދު ވަރަށް ފަޚުވެރިވާ ކަމަށެވެ. ސަބަބަކީ ހަނގުރާމާ ފެށުނު ފުރަތަމަ ދުވަސްކޮޅުގައި ވެސް އެ ޤައުމުން ފީފާ ވޯލްޑް ކަޕްގެ ކޮލިފައިން ކުޅުމަށް ސްކޮޓްލޭންޑަށް ގޮސް ވޭލްސްއާ ދެކޮޅަށް ކުޅުމުން ކަމަށެވެ. އަދި ޔޫކްރެއިން ޓީމުން ފެންނަނީ މުޅިން ވެސް މުޖުތަމައަށް އުފާވެރިކަން ގެނެސްދިނުމުގެ ޢަޒުމުގައި މަސައްކަތް ކުރާ މަންޒަރު ކަމަށާއި، އެހެންކަމުން ޔޫކްރެއިނުގައި ހިނގަމުންދާ ކަންތައްތަކަށް ހަމްދަރުދީވާ ކަމަށެވެ. އަދި އެމީހުންގެ ސަޕޯޓު ޔޫކްރެއިނަށް އޮންނާނެ ކަމަށެވެ. ނަމަވެސް އާދިއްތަ ދުވަހުގެ ރޭ ކުޅޭ މެޗަކީ ފުޓުބޯޅަ މެޗެއް ކަމަށާއި އިންގްލެންޑުގެ ފޯކަސް ހުރީ އެ މެޗުން މޮޅުވާން ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ އެ މެޗުގެ ކުރިން އިތުރު އެހެން އެއްވެސް ކަމަކަށް ނުވިސްނާ ކަމަށެވެ. އެ މެޗަށްފަހު ޔޫކްރެއިންގެ ދަނޑުގައި ކުޅޭ މެޗާ މެދު ވިސްނާނީ، އިންގްލެންޑުގެ ވެމްބްލީގައި ކުޅޭ މެޗުން ނަތީޖާ ނެރުމަށް ފަހު ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ކުރިއަށް އޮތް މެޗުގައި ވެސް ޖެހޭނީ މުޅި ޓީމުން ހަމަހަމަ ކުޅުމެއް ދައްކަން ކަމަށާއި، ކުޅުންތެރިންގެ ފަރާތުން ތާޒާ ކަމެއް މިހާރު ފެންނަ ކަމަށެވެ. އެހެން ނަމަވެސް ކޮލިފައިން އަށް ވިސްނާނަމަ، ކުރިއަށް އޮތީ ގްރޫޕްގައި ވެސް ވަރަށް މުހިންމު މެޗެއް ކަމަށް އޭނާ ބުންޏެވެ. އެގޮތުން އެންމެ ފަހުން އިޓަލީގައި ކުޅުނު މެޗުގައި ދެއްކި ކުޅުން ކުރިއަށް އޮތް މެޗުގައި ދެއްކިއްޖެނަމަ، އެކަން ވެގެން ދާނީ ވަރަށް ރަނގަޅު ހިސާބެއްގައި އޮވެވޭނެ ކަމެއް ކަމަށެވެ.
އެންމެ ފަހުން އިޓަލީ އަތުން ލިބުނު ތާރީޚީ މޮޅާ ގުޅޭ ގޮތުން ސައުތުގޭޓް ބުނީ، އެއީ އިންގްލެންޑުގެ ކޯޗުގެ ގޮތުގައި އޭނާ އަށް ހޯދުނު 50 ވަނަ މޮޅު ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް މެޗުން މޮޅުވެވިއްޖެނަމަ އެ އަދަދު 51 އަށް އަރާނެކަން ފާހަގަކުރަމުން އޭނާ ބުނީ، ކުރިން ވެސް ބުނި ގޮތަށް މާޒީއަކާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ފޯކަސް ހުރީ ކާމިޔާބާ ހަމައަށް ވާސިލްވުމަށް ކަމަށެވެ. އެކަމަށްޓަކައި ކުރިއަށް އޮތް މެޗުން މޮޅުވާން ޖެހޭ ކަމަށާއި، އެއަށްފަހު ހަ ޕޮއިންޓާއެކު އެއް ވަނައިގައި އޮންނަން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ. ސައުތުގޭޓް ބުނީ އިންގްލެންޑަކީ ތަފާތު މޮޅު ޓީމެއް ކަމަށް ދެކެން ބޭނުންވާ ނަމަ މޮޅުވުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އިންގްލެންޑުން ޔޫކްރެއިންނާ ދެކޮޅަށް ނުކުންނާނީ އާދިއްތަ ދުވަހުގެ ރޭ އެވެ.