2022 ވަނަ އަހަރު އެމްބީއޭ ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އުފުލާލީ މިދެ ކުޅުންތެރިންނެވެ. އަންހެން ކެޓަގަރީން އާމިނަތު އިސްރާއު އަބުދުއްޝުކޫރެވެ. ފިރިހެން ކެޓަގަރީން އަބުދުالله އަމްޒަރު މުޙައްމަދެވެ. އެއީ ދެމަފިރިންނަށްވެސް ލިބުނު ބޮޑު އުފަލެކެވެ. ހިތްހަމަޖެހުމެކެވެ.
އެކަމަކު އެއަށްވުރެ ބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއް ލިބުނީ މިދިޔަ 2022 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިންގެ އެވޯޑް ދެމަފިރިންނަށް ލިބުމުންނެވެ. 2022 ވަނަ އަހަރު ސްޓޭޖުމަތިން އަމްޒަރު ހޯދި އެވޯޑް 2023 ވަނަ އަހަރު ސްޓޭޖްމަތިން ހޯދާ ދިފާއުކުރިއެވެ. ޚާއްޞަ އުފަލަކީ އެވޯޑް ދިފާއުކުރިކަން އިއުލާންކުރުމުގެ ކުރިން މިދިޔަ 2022 ވަނަ އަހަރުގެ އެންމެ މޮޅު އަންހެން ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް އޭނާގެ އަންހެނުން އިސްރާއު އުފުލާލުމެވެ. އެވޯޑް ދިފާއުކުރުމަށްވުރެ ހުރިހާ ގޮތަކުންވެސް އަމްޒަރުއަށް ޚާއްޞަވީ އޭނާގެ އަންހެނުންނަށް ހައްޤު އެވޯޑް ލިބުމުންނެވެ. މިދިޔަ އަހަރު އިސްރާއު ދެއްކި މޮޅު ކުޅުމުގެ ސަބަބުން އެޔަޤީންކަން އަމްޒަރުއަށް އޮތެވެ. ކްލަބްގައިވެސް ޤައުމީ ޓީމްގައިވެސް މިދިޔަ އަހަރު އިސްރާއު ދެއްކީ މޮޅުކުޅުމެއްކަން އެންމެ ގާތުން ފެނުނީ އަމްޒަރުއަށެވެ. އެހެންކަމުން އޭނާގެ އަންހެނުން "އިއްކޮ" އަށް އެވޯޑް ލިބޭނެކަމާމެދު ޝައްކެއް ނުކުރެއެވެ. ޔަޤީން ނުވެ އޮތީ އެއް ސްޓޭޖަކުން ދެމީހުންނަށް އެއެވޯޑް އުފާލެވޭނެކަމެވެ.
އެވޯޑް ހަލްފާއަށްދިޔައިރު ނެތް އެއްވެސް އުއްމީދެއް ދެމީހުންނަށް ލިބޭނެކަމުގެ. އެކަމަކު އިއްކޮ އަށް ލިބޭނެކަމުގެ ވަރަށް އުއްމީދު އޮތް. ކްލަބްގައިވެސް ޤައުމީ ޓީމްގައިވެސް އިއްކޮ ދެއްކި ޕާފޯމަންސަށް ބަލާއިރު, ވަރަށް މޮޅަށް އިއްކޮށް ކުޅުނީ. އިއްކޮށްގެ ފަރާތުން ތަފާތު ފެނުނު މިދިޔަ އަހަރު.އަބުދުالله އަމްޒަރު މުޙައްމަދު/ ރާއްޖޭގެ އެއްވަނަ ބާސްކެޓް ކުޅުންތެރިޔާ
މިދިޔަ ހަތް ވަރަކަށް އަހަރަށް ބަލާއިރުވެސް އިއްކޮ އަކީ އެވޯޑަށް ވާދަކުރަމުން އައި ކުޅުންތެރިއެކެވެ. އެވޯޑް ނުލިބި ދަނީ ކިރިޔާއެވެ. އިއްކޮ ހިމެނުނީ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައެވެ. ނޮމިނޭޓްވެ ނުލިބިދާތީ އިއްކޮގެ އުއްމީދަށް ހަޤީޤަތުގައި އޮތީ ނާއުއްމީދެއް އައިސްފައެވެ. އެކަމަކު އެއުއްމީދު އަލުން ލިބި ހަޤީޤަތަކަށް ވެގެންދިޔައީ މާބޮޑު އުފަލަކާއެކުއެވެ.
އަބަދުވެސް އުފާވޭ އަމްޒަރަށް ކާމިޔާބު ލިބޭތީ. އުއްމީދެއް ނުކުރަން މިފަހަރުވެސް. އަބަދުވެސް ނޮމިނޭޓްވެފަ ނުލިބިދަނީ. މިފަހަރު ލިބުނީމަ ވަރަށް އުފާވި, އަމްޒަރުއާ އެއްކޮށް ލިބުނީމަ ވަރަށް އުފާވި.އާމިނަތު އިސްރާއު ޢަބުދުއްޝުކޫރު/ ރާއްޖޭގެ އެއްވަނަ އަންހެން ބަސްކެޓް ކުޅުންތެރިޔާ
މިއަހަރަކީ ދެމަފިރިންނަށްވެސް ޚާއްޞަ އަހަރެކެވެ. އަމްޒަރަށް އެވޯޑް ވިދިވިދިގެން ތިންވަނަ ފަހަރަށް ހޯދުމުގެ ފުރުޞަތު އެބައޮތެވެ. އެކަމަކު ހަޤީޤަތުގައި އޭނާ ޤަބޫލުކުރަނީ އެކަން މިހާރުވެސް ހާޞިލްވެއްޖެކަމަށެވެ. 2020 ވަނަ އަހަރަކީ އޭނާގެ ކެރިއަރުގައި އެންމެ މޮޅަށް ކުޅެވުނު އަހަރު ކަމުގައި އަމްޒަރު ޤަބޫލުކުރެއެވެ. އެކަމަކު 2021 ވަނަ އަހަރު އެވޯޑް ދޭން ނުފަށާތީ އެފުރުޞަތު ގެއްލުނީއެވެ. މިހާރު ހަޤީޤަތުގައި އިންޑިވިޖުއަލް އެވޯޑް ތަކާއި, ރާއްޖޭގެ އެވޯޑްތައް ހޯދުމަށްވުރެ އަމްޒަރުގެ ވިސްނުމާއި އަމާޒު ހުރީ މާދުރަށެވެ.
ބާސްކެޓްބޯޅަ ކެރިއަރުގައިވެސް އަޅުގަނޑުގެ ހުވަފެނަކީ ޤައުމީ ޓީމާއެކު ރަން މެޑަލް ހޯދުން. އިންޑިވިޖުއަލް އެވޯޑެއް އަސްލު ބޭނުމެއްނެތް. ރާއްޖޭގައި މިބާއްވާ މުބާރާތެއްގެ އެއްޗެއް ބޭނުމެއް ނޫން މިހާރު. އަޅުގަނޑުގެ ޑްރީމްއަކީ ކެރިއަރ ނިންމާލާފަ ދާއިރު އިންޓަރނޭޝަނަލް މެޑަލްއެއް ހިފައިގެން ދިއުން. އެއުފާ ހޯދުން.އަބުދުالله އަމްޒަރު މުޙައްމަދު/ ރާއްޖޭގެ އެއްވަނަ ބާސްކެޓް ކުޅުންތެރިޔާ
އިއްކޮ ގެވެސް ވިސްނުމަކީ އަމާޒަކީ އެއީއެވެ. މިއަހަރު ރަން މެޑަލް ހޯދުމެވެ, އިއްކޮ އާއެކު މިއަހަރު ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުން ރަން މެޑަލް ހޯދުމަކީ ބޮޑު އަމާޒެވެ. އެނޫން ވިސްނުމެއް ހަޤީޤަތުގައި ނުވެސް ނެތެވެ. ޤައުމީ ޓީމާއެކު ލޯ މެޑަލް ހޯދުން އެއީ ނިމުން ނޫންކަމަށް އިއްކޮ ޤަބޫލުކުރެއެވެ.
ދެން އަންނަ އަހަރުގެ މިއެވޯޑް (މޯލްޑިވްސް ސްޕޯރޓްސް އެވޯޑް) ލިބޭނެކަމެއް ނުލިބޭނެކަމެއް ނޭންގެ, އަޅުގަނޑުގެ އަމާޒަކީ ބާސްކެޓަށް, އަންހެން ޓީމުން ރަން މެޑަލް ގެނެސްދިނުން. މިއަހަރު އެއަމާޒަށް ވާސިލުވުން އަމާޒަކީ.އާމިނަތު އިސްރާއު ޢަބުދުއްޝުކޫރު/ ރާއްޖޭގެ އެއްވަނަ އަންހެން ބަސްކެޓް ކުޅުންތެރިޔާ
ކާމިޔާބީ ތަކުރާރުކުރުމުގައި އޮތް ގޮންޖެހުން ބޮޑެވެ. އެންމެ ބޮޑު ގޮންޖެހުމަކީ ހުނަރުވެރި މޮޅު ކުޅުންތެރިން ގިނަވުމެވެ. ކުޅިވަރެއްގެ ގޮތުގައި އެއީ ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ. އެއާއެކު ކުރަންހުރި މަސައްކަތްތައް ދެ ކުޅުންތެރިންނަށްވެސް ގިނައެވެ. އެމަސައްކަތުގައި ޑައިޓާއި, ޖިމަށް ދެމަފިރިންވެސް ޚާއްޞަ ސަމާލުކަމެއް ދެއެވެ. އަމްޒަރަކީ ކުރިންވެސް އެކަންކަމަށް ސަމާލުކަން ދެމުން އައި ފުރިހަމަ އެތްލީޓެކެވެ. އިއްކޮގެ ވިސްނުމާއި, ފިކުރު އެތްލީޓެއްގެ މަގަށް ބައްޓަން ކުރުވީ ފިރިމީހާ އަމްޒަރުއެވެ.
އަމްޒަރާ ދިމާވުމުގެ ކުރިން ޑައެޓެއް ނޯންނާނެ. އަމްޒަރު ހަމަ ވަރަށް ސްޓްރިކްޓް ވާނެ, ނުކެވޭނެ ބޭނުންހާ އެއްޗެއް. ޑައެޓަށް ވަރަށްބޮޑަށް ބަލާނެ. ޖިމަށްވެސް ޤަވާއިދުން ދާނެ.އާމިނަތު އިސްރާއު ޢަބުދުއްޝުކޫރު/ ރާއްޖޭގެ އެއްވަނަ އަންހެން ބަސްކެޓް ކުޅުންތެރިޔާ
މިހާރު ހަމައެކަނި ޖިމަށް ދަނީއެއް ނޫނެވެ. ޖިމްގައިވެސް ފިރިމީހާއަށް ޗެލެންޖް ކުރަނީއެވެ. އިއްކޮށް ވަނީ ފިރިމީހާއަށްވެސް ހިތްވަރަކަށެވެ. ކޯޗު "ހޯހޯ" ބުނަންދެން އަމްޒަރުއާ އެއްވަރަށް ވެއިޓް އުފަލަނީއެވެ. ނަތީޖާއަކީ އަމްޒަރަށް އިތުރު ހިތްވަރުކުރަން މަޖުބޫރުވުމެވެ.
އިއްކޮ ޖިމަށް ވަދެއްޖިއްޔާ ވަރަށް ޗެލެންޖް ކުރާނެ. ބައެއް ދުވަސް ދުވަހު އެއްކޮށް ވޯކްއައުޓްކުރާނީ, ބައެއް ދުވަސްދުވަހު ދެމީހުން ދެ ސެޝަންވެސް ޖައްސަން. އެއްކޮށް ކުރާ ދުވަހެއްގަ ވެއްޖިއްޔާ ހަމަ ދުލެއް ނުކުރާނެ އަޅުގަނޑަކަށް. ވަކިދުލެއް ނުކުރާނެ ހަމަ. ބަރުކޮށް ހިފާ ހަމަ ޗެލެންޖްކުރާނެ, ގިވަޕެއް ނުކުރާނެ. އަޅުގަނޑަށްވެސް ލިބޭ އިތުރު ހިތްވަރެއް އެއީ އިއްކޮށް ގިވަޕް ނުކުރުން. ވަރުބަލިވެގެންދާ ގަޑީގަވެސް ހިތަށްއަރާ އިއްކޮށްއަށް ވަންޏާ އަޅުގަނޑަށްވެސް ވާނޭ.އަބުދުالله އަމްޒަރު މުޙައްމަދު/ ރާއްޖޭގެ އެއްވަނަ ބާސްކެޓް ކުޅުންތެރިޔާ
ދެ އެތްލީޓުން ދެމަފިރިންނަށް ބަދަލުވުން ވެގެންދިޔައީ ފުރިހަމަ އެތްލީޓަކަށް ބަދަލުކޮށްލުމަށް މެދުވެރިވި ވަރަށްބޮޑު ސަބަބަކަށެވެ. ކުޅިވަރާއި, އަމިއްލަ ދިރިއުޅުމުގައިވެސް އިއްކޮއަށް ހެޔޮ ބަދަލުތަކެއް ގެނެސްދިން, ގިނަ ކަންކަން ދަސްވި މެދުވެރިއަކަށްވީ ރާއްޖޭގެ އެއްވަނަ ބާސްކެޓްބޯޅަ ކުޅުންތެރިޔާ އަމްޒަރުއެވެ. އެއީ އިއްކޮގެ އިތްވަރެވެ. މާޔޫސްވެގެންދާ ކޮންމެ ވަގުތަކު ހިތްވަރު ލައިދޭ ބެސްޓް ފްރެންޑެވެ. ފިރިމީހާއެވެ.
ޕްރެކްޓިސްއަށް ގޮސް އައީމަވެސް އަހާނެ ކިހިނެއްތޯ ޕްރެކްޓިސް ދިޔައީ. ޑިމޯޓިވޭޓްވާ ދުވަހެއްގައިވެސް ހަމަ ވަރަށް މޯޓިވޭޓްވާކަހަލަ ވާހަކައެއް ބުނާނެ. ހީ އިޒް ވެރީ ޕޮޒިޓިވް ހަމަ. ބާސްކެޓްކަމެއްގަ ވެއްޖިއްޔާ ދުވަހަކުވެސް ނެގެޓިވް އެއްޗެއް ނުބުނާނެ. އެއީ ވަރަށްބޮޑު ހިތްވަރެއް.އާމިނަތު އިސްރާއު ޢަބުދުއްޝުކޫރު/ ރާއްޖޭގެ އެއްވަނަ އަންހެން ބަސްކެޓް ކުޅުންތެރިޔާ
އަމްޒަރަށްވެސް ހަމަ އެފަދައެވެ. ކޮންމެ ކަމެއްގައި އިއްކޮގެ ފުރިހަމަ ސަޕޯރޓް ލިބުމަކީ މިއަދު ކާމިޔާބީ ތަކުރާރުކޮށް, އެއް ފެންވަރެއްގައި ހިފަހައްޓާލެވޭ މައިގަނޑު ސަބަބެވެ. ޚާއްޞަކޮށް ކޯޓްމަތީގައި ހުންނައިރު އިއްކޮށް ސަޕޯރޓާއި ހިތްވަރު ބޮޑެވެ. އިދިކޮޅު ޓީމްގެ ސަޕޯޓަރުން ގިނަވެފައި, އަޑުގަދަ ނަމަވެސް އިއްކޮގެ އަޑުން އަމްޒަރަށް ހިތްވަރު ލިބެއެވެ. ދަށްކޮށްދާވަގުތު އިތުރު ހިތްވަރެއް ގެނެސްދެއެވެ.
ބާސްކެޓް ކުޅުންތެރިއެއްގެ ގޮތުގައި ކުރިއަށް ދިއުމުގައި މިއަދު ދެމީހުނަށް އެންމެ ބޮޑު ހިތްވަރަކީ އެކަކު އަނެކަކެވެ. ބޮޑަތި މެޗުތަކާ ކުރިމަތިލާއިރު އެކުގައި މެޗުތަކުގެ ވީޑިއޯތައް ބަލާ މަޝްވަރާކުރެއެވެ. އެކަމަކު ގޭތެރޭގައި ބާސްކެޓްގެ ވާހަކަތަކާ ދުރުވެ އަމިއްލަ ދިރިއުޅުމަށް ބޮޑަށް ފޯކަސް ކުރެވޭތޯވެސް މަސައްކަތްކުރެއެވެ. އެއީ ދެމީހުންގެ މެދުގައި އޮތް "އެއްބަސްވުމެއް" ނަމަވެސް އެކަން ތަންފީޒުކުރުމަކީވެސް އުނދަގޫ ކަމެކެވެ.
ދެމަފިރިން އެކަކު އަނެކަކަށް ހިތްވަރަކަށް ވުމުގެ ކުރިން ދެމީހުންގެވެސް އެންމެ ބޮޑު ހިތްވަރަކީ މަންމައެވެ. މިއަދު އެކަކު އަނެކަކަށް ހިތްވަރުދީ, ހިތްވަރު ދޫނުކުރުމުގެ ސިފަ އަށަގެންނުވީ ދެ އެތްލީޓުންގެ ބަހުންވެސް "މަންމަ" އެވެ.
ކުޅިވަރުގައި ކުރިއަށް ދިއުމުގައި އަދި މިއަދު ތިބި ހިސާބަށް ވާސިލްވުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޚާއްޞަކޮށް ކޯޗުންނަށް ދެ ކުޅުންތެރިންގެވެސް އޮތީ ޝުކުރެވެ. އިއްކޮށް ޚާއްޞަ ޝުކުރު އޮތީ ސުޕުން ކޯޗަށެވެ. އެހުރިހާ ފަރާތްތަކުގެ އެހީތެރިކަމާއެކު މިއަދު ފެންނަން އޮތް ހަޤީޤަތަކީ ރާއްޖޭގެ ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިންކަމެވެ.
މިހުރިހާ ވާހަކަތަކަށްފަހު ދެން އޮތް ސުވާލަކީ ދެމަފިރިން ދެމަފިރިންނަށްވީ ބާސްކެޓް ކޯޓްގެ ތެރެއިންތޯއެވެ. ޖަވާބަކީ އާނއެކެވެ. އެފަދަ ގުޅުމަކަށް ބަދަލުވެ މިއަދު ދެމަފިރިންގެ ގޮތުގައި ތިބީ ބާސްކެޓްގެ ތެރެއިންނެވެ. އެކަމަކު ކޮލެޖްގައި ތައުލީމް ހާސިލްކުރި އިރު ވިލާ ކޮލެޖުން ބައްދަލުވެ ރަށްޓެހިކަމެއް އުފެދުނެވެ. އެރައްޓެހިކަމަށް ފަނޑުކަމެއް އައިސްފައި ވަނިކޮށް ދެމީހުން އަލުން ގުޅުވައިދިނީ ބާސްކެޓްބޯޅައެވެ.