ކ. މާލެ
|
23 މާރޗް 2023 | ބުރާސްފަތި 14:42
ސްޕެއިންގެ އަލްވާރޯ މޮރާޓާ
ސްޕެއިންގެ އަލްވާރޯ މޮރާޓާ
ޓްވީޓަރ
ސްޕެއިން ފުޓުބޯޅަ ޓީމު
ސްޕެއިންގެ ކެޕްޓަންކަން އަލްވާރޯ މޮރާޓާ އަށް
އުމުރުން 30 އަހަރުގެ މޮރާޓާ ސްޕެއިންގެ ޤައުމީ ޓީމަށް ކުޅެން ފެށީ 2014 ވަނަ އަހަރު

ސްޕެއިން ޤައުމީ ޓީމުގެ ކެޕްޓަންކަން އަލްވާރޯ މޮރާޓާ އަށް ދޭން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ސްޕެއިންގެ ކެޕްޓަންގެ ޒިންމާ އެންމެ ފަހުން އަދާކޮށްފައި ވަނީ ބާސެލޯނާ އަށް ކުޅެމުން އަންނަ އެ ޤައުމުގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އެވެ. ނަމަވެސް މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށް ފަހު ބުސްކެޓްސް ވަނީ ޤައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ. ވޯލްޑް ކަޕަށް ފަހު މިހާރު ސްޕެއިން އިން ތައްޔާރުވަމުން އަންނަނީ އަންނަ އަހަރު އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކޮލިފައިން އަށެވެ. ކޮލިފައިންގައި ސްޕެއިންގެ ފުރަތަމަ މެޗު ހޮނިހިރު ދުވަހުގެ ރޭ އޮންނާނީ ނޯވޭއާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން ސްޕެއިންގެ އައު ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ ނިންމާފައި ވަނީ މޮރާޓާ އަށް ކެޕްޓަންކަން ހަވާލުރުމަށް ކަމަށް އެ ޤައުމުގެ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

އުމުރުން 30 އަހަރުގެ މޮރާޓާ ސްޕެއިންގެ ޤައުމީ ޓީމަށް ކުޅެން ފެށީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 61 މެޗުން އޭނާ ވަނީ 30 ލަނޑު ޖަހައިފަ އެވެ. މޮރާޓާ އަށް ސްޕެއިންގެ ކެޕްޓަން ބޭންޑު ދިނުމަށް ނިންމާފައިވާއިރު، އެކަމާ ގުޅިގެން އެ ޤައުމުގެ ސަޕޯޓަރުންނަށް ވަނީ ހައިރާން ކަމެއް ލިބިފަ އެވެ. ގިނަ މީހުން އުފައްދަމުން އަންނަ ސުވާލަކީ ކެޕްޓަނެއްގެ ގޮތުގައި މުޅި ޓީމުގެ ޒިންމާ ނެގޭނެ ޤާބިލުކަން އޭނާގެ ކިބައިގައި ހުރިތޯ އެވެ. ސްޕެއިން ޓީމުގައި މި ފާއިތުވި އަހަރުތަކުގައު މުހިންމު ދައުރެއް އަދާކުރަމުން އަންނަ މޮރާޓާ އަންނަނީ ކުލަބް ފުޓުބޯޅައިގައި ވެސް ފާހަގަކޮށްލެވޭ ކުޅުމެއް ދައްކަމުންނެވެ. އެންމެ ފަހުން ކުޅުނު ވޯލްޑް ކަޕްގައި ސްޕެއިން އިން ކުޅުނު ހަތަރު މެޗުގައި މޮރާޓާ ވަނީ ތިން ލަނޑު ޖަހައިފަ އެވެ.

މޮރާޓާއާއެކު ސްޕެއިންގެ ވައިސް ކެޕްޓަނެއްގެ ގޮތުގައި ކޯޗު ހަމަޖައްސާފައި ވަނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޑެނީ ކާވަހާލް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް