ކ. މާލެ
|
23 މާރޗް 2023 | ބުރާސްފަތި 12:05
ޔޫރޯ ކޮލިފައިންގައި އިޓާލީއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސްގައި ސައުތުގޭޓް ވާހަކަ ދައްކަނީ
ޔޫރޯ ކޮލިފައިންގައި އިޓާލީއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސްގައި ސައުތުގޭޓް ވާހަކަ ދައްކަނީ
ރޮއިޓާސް
އިނގިރޭސި ޤައުމީ ޓީމު
ޔޫރޯ ކޮލިފައިންނާއި މާޒީއާ އެއްވެސް ގުޅުމެއް ނެތް: ސައުތުގޭޓް
 
ކުރިއަށް އޮތް މެޗަށް ނުކުންނާނީ މުޅިން އައު ފެށުމަކުން ފަށަން އަޒުމު ކަނޑައަޅައިގެން

އަންނަ އަހަރު އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކޮލިފައިންނަށް ނުކުންނައިރު، އެކަމާ މާޒީއާ އެއްވެސް ގުޅުމެއް ނެތް ކަމަށް އިނގިރޭސި ޤައުމީ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

ޔޫރޯ ކޮލިފައިންގައި އިންގްލެންޑުން އެންމެ ފުރަތަމަ ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާ ދެކޮޅަށެވެ. މި ދެ ޓީމު ވަނީ 2021 ވަނަ އަހަރު އޮތް ޔޫރޯ މުބާރާތުގެ ފައިނަލްގައި ވެސް ބައްދަލުކޮށްފަ އެވެ. ޕެނަލްޓީީގައި އިންގްލެންޑުގެ މައްޗަށް ކުރި ހޯދައިގެން މުބާރާތުގެ ތަށި އުފުލާލީ އިޓަލީ އިންނެވެ. ކޮލިފައިން މެޗުގެ ކުރިން ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ، އިޓަލީއާ ދެކޮޅަށް ނުކުންނައިރު ބޭނުންވަނީ ކިހާ ފެންވަރެއްގެ ކުޅުމެއް ދައްކަންކަން މިހާރު އޭނާގެ ކުޅުންތެރިންނަށް އެނގޭނެ ކަމަށެވެ. އަދި އެ ފެންވަރުގައި ވާދަކުރެވޭނެ ފެންވަރު ކުޅުންތެރިންގެ ކިބައިގައި ހުރިކަން އެމީހުންނަށް އެނގޭނެ ކަމަށާއި، ފާއިތުވި ތަނުގައި ލިބުނު ނަތީޖާތަކާ ކުރިއަށް އޮތް މެޗާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ، ކުރިއަށް އޮތް މެޗަށް ނުކުންނާނީ މުޅިން އައު ފެށުމަކުން ފަށަން އަޒުމު ކަނޑައަޅައިގެން ކަމަށް ވުމުންނެވެ. އިތުރަށް ސައުތުގޭޓް ބުނީ މުބާރާތަށް ކޮލިފައިވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި، އެކަމަށްޓަކައި ކުރިއަށް އޮތް މެޗަކީ ރަނގަޅު ފެށުމެއް ކަމަށެވެ.

އިޓަލީގެ ނޭޕަލްސް ގައި ހުންނަ ސްޓޭޑިއޯ ޑިއޭގޯ އާމަންޑޯ މަރަޑޯނާގައި އިޓަލީއާ ދެކޮޅަށް ކުޅޭއިރު، މިހާތަނަށް އެ ދަނޑުގައި އިންގްލެންޑަށް މޮޅެއް ހޯދިފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ސައުތުގޭޓް ބުނީ އެ ވާހަކަ އެގޮތަށް ދެކެވޭއިރު، މިއީ ތާރީޚު ބަދަލުކޮށްލުމަށް ވެސް އިންގްލެންޑަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. އޭނާ ބުނީ އިޓަލީ އެންމެ ފަހުން އޮތް ފީފާ ވޯލްޑް ކަޕަށް ކޮލިފައި ނުވި ނަމަވެސް، އެ ޓީމުގައި ވަރަށް މޮޅެތި ކުޅުންތެރިން ތިބި ކަމަށެވެ. އަދި އިޓަލީ ކުޅުންތެރިންގެ ހިތްވަރު ހުންނާނީ ވަރަށް މަތީގައި ކަމަށާއި، އެހެންކަމުން އެ މެޗު ވަރަށް ވާދަވެރިވާނެ ކަމަށެވެ.

މީގެ އިތުރުން ސައުތުގޭޓް ބުނީ އޭނާގެ އަމިއްލަ ޚިޔާލުގައި ބުނާނަމަ، ނޭޕަލްސް ކަހަލަ ފުޓުބޯޅަ އަށް ލޯބި ކުރާ ބަޔަކު އުޅޭ ސިޓީއެއްގައި ކުޅުމަކީ ވަރަށް އުފާވެރި ކަމެެއް ކަމަށެވެ. އޭނާ ބުނީ އެ ދަނޑުގައި ކުޅެން ނުކުންނައިރު ވަރަށް އުފާވެރި ހަނދާންތަކެއް ވެސް އައުވާ ކަމަށެވެ. އެގޮތުން ޑިއޭގޯ މަރަޑޯނާ އާއި ކަރެކާގެ މޮޅު ކުޅުން އެ ދަނޑުން ފެނުނު ކަމަށް އޭނާ ބުންޏެވެ. އަދި އަބަދު ވެސް ފުޓުބޯޅަ އަކީ އެކުވެރިކުރުވާ ކުޅިވަރެއް ކަމަށާއި، ފުޓުބޯޅަ ސަޕޯޓަރުންގެ ފަރާތުން ވެސް ފެންނަން އޭނާ ބޭނުންވަނީ އެކަން ކަމަށެވެ.

މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތުން އިންގްލެންޑު ކެޓުމާއެކު ސައުތުގޭޓްގެ މުސްތަޤުބަލާމެދު ސުވާލުތަކެއް އުފެދިފައި އޮއްވާ، އެ ޤައުމުގެ ފުޓުބޯޅަ އިދާރާ އިން ވަނީ އޭނާ މަގާމުގައި ބަހައްޓަން ނިންމައިފަ އެވެ. އެހެންކަމުން މިހާރު ސައުތުގޭޓްގެ އެންމެ ބޮޑު އެއް އަމާޒަކަށް ވަނީ އަންނަ އަހަރު އޮންނަ ޔޫރޯ މުބާރާތަށް ކޮލިފައިވެ، މުބާރާތް ކާމިޔާބު ކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް