ފަލަސްޠީނޭ ބުނުމުން ގިނަ ފަހަރަށް ޚިޔާލަށް ގެނެވެނީ ހަނގުރާމައިގެ ތެރޭގައި ސުންނާފަތިވެފައި ޢިމާރާތްތަކާ، އިންތިހާ ނިކަމެތި ޙާލުގައި ދިރިއުޅެމުންދާ ރައްޔިތުންތަކެކޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ބައިނަލްއަޤުވާމީ މީޑިއާއިން މިހާތަނަށް މުޅިންހެންވެސް ސިފަކޮށްދީ، ގެނެސްދީފައި ވަނީވެސް އެފަދަ މަންޒަރުތަކެކެވެ. ނަމަވެސް، ފަލަސްޠީނަކީވެސް ޤުދުރަތީ މުއްސަނދިކަން ލިބިފައިވާ މަންޒިލެއްކަން ބައިނަލްއަޤުވާމީ މުޖުތަމަޢަށް ސާބިތުކޮށްދެމުންދާ އެކަކީ ޙަސަން ރިމާވީއެވެ.
ދޫނިތަކުގެ ހިތްގައިމު ގޮވުންތަކާއި، ޖަނަވާރުތަކުގެ ހަރަކާތްތަކާއި ޤުދުރަތީ ރީތިކަން ފެނި، އެ ދިމާއަށް އޭނާގެ ކެމެރާގެ ލެންސް އަނބުރާލި ރިމާވީއަކީ، ފަލަސްޠީނުގެ ހިތްގައިމު މަންޒަރުތައް އާންމުންނަށް ގެނެސްދިނުމުގެ ފަހަތުގައި ހުރި، ހީވާގި ފޮޓޯގްރާފަރެކެވެ. ފޮޓޯގްރަފީގެ ދުނިޔޭގައި ރިމާވީ މި ދަތުރު ފެށީ، ކޮވިޑް-19ގެ ލޮކްޑައުންގެ ތެރޭގައެވެ. އިންތިހާ ހަލަބޮލިކަމުގައި އޮތް ދުނިޔެ ހުއްޓުމަކަށް އައިސް، ޤުދުރަތުގެ ފުރިހަމަ ކަމާއި ހިތްގައިމުކަން ހާމަވި ދުވަސްވަރުގައެވެ.
ފަލަސްޠީނުގެ ސިންދަފާތު ކަމަކީ ވަރަށް ހާއްސަ ސިފައެއް. މި ކަހަލަ ސިންދަފާތު ކަމެއް، ދުނިޔޭގެ އެހެން އެއްވެސް ތާކު ނޯންނާނޭވެސް އަހަރަމެންނަށް ބުނެވިދާނެ. ފަލަސްޠީނަކީ ހިޖުރަކުރާ ދޫނިތަކުގެ މަރުކަޒެއް. ހޫނު މުސުމާއި، ފިނި މޫސުމާ، ބަހާރާއި ޚަރީފު މޫސުމުގަވެސް.ޙަސަން ރިމާވީ؛ ފަލަސްޠީނުގެ ފޮޓޯގްރާފަރެއް
ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ވިޔަފާރިއެއް ހިންގާ ރިމާވީ އަކީ 2013 ވަނަ އަހަރުން ފެށިގެން، ޚަބަރުތަކަށްވެސް ފޮޓޯ ނަގާދޭ ފޮޓޯގްރާފަރެކެވެ. ރޮއިޓަރޒްއާ ވާހަކަދައްކަމުން ރިމާވީ ބުނީ، އޭނާގެ ޢުއްމީދަކީ، ޤުދުރަތީ މަންޒަރުތަކުގެ ފޮޓޯ ނެގުމަކީ އޭނާގެ ކެރިއަރަށް ހެދުން ކަމަށެވެ. ނަމަވެސް މި ވަގުތު އޭނާ އެ މަސައްކަތް ކުރަނީ ހުސްވަޤުތު ފަޅުފިލުވާލަން ކުރާ ކަމެއްގެ ގޮތުގައެވެ.
ކޮވިޑްގެ ލޮކްޑައުން ތެރޭގަ، ފަލަސްޠީނުގެ ދޫނިތަކާއި ވަލުޖަނަވާރުތަކުގެ ދިރިއުޅުން، އަހަރެންގެ ސަމާލުކަން ދަމައިގަތް. އެހެންވެ، އަހަރެން ގަސްތު ކުރީ މި ދާއިރާއަށް ހާއްސަވާން. ކުރިއަށް އޮތްތަނުގަ، މި ދާއިރާއިން ވަޒީފާއެއްގެ ގޮތުގަ ކުރިއަށް ދިއުން ޢުއްމީދަކީ. މިހާރު މި ކަން މި ކުރަނީ ހޮބީއެއްގެ ގޮތުގަ.ޙަސަން ރިމާވީ؛ ފަލަސްޠީނުގެ ފޮޓޯގްރާފަރެއް
ޢުމުރުން 39 އަހަރުގެ ރިމާވީ ބުނި ގޮތުގައި ޖަނަވާރުތަކުގެ ފޮޓޯ ނަގަނީ، އެ މަޚްލޫޤުތައް ދިރިއުޅެމުންދާ ތަކުލީފުތައް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އިންސާނީ ދަރިފަސްކޮޅަށް އަންގައިދިނުމުގެ ގޮތުން ކަމަށެވެ.
ހުޅަނގު އައްސޭރީގެ އެކި މަންޒިލްތަކުން ފޮޓޯ ނެގުމަށް ރިމާވީ ކުރަމުންދާ މަސައްކަތުގެ ތެރެއިން، އޭނާއަށް ވަނީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސީދާ އަސަރުތައްވެސް ހަމަ ލޮލަށް ފެނި، ތަޖުރިބާ ކުރެވިފައެވެ.
މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އަހަރަމެންނަށް ކުރޭވެ. މި އަހަރު، ވަރަށް މަދުން ވާރޭ ވެހުނީ. ނޮވެމްބަރު މަސް ނިމިގެން މި އަންނަނީ ދޫނި ހިޖުރަ ކުރާ މޫސުން. ހިޖުރަ ކުރާ ދޫނިތައް އަންނާނެ އުރުދުން ވާދީއަށް. ފިނި މޫސުމުގަ، އެ ދިމާލުން ހޫނު ލިބޭނެ. ވާރޭވެހޭނެ. އެކަމަކު، މި ފަހަރު، ވިއްސާރައެއް ނުވެހުނު. އެހެންވެ، އުރުދުން ވާދީގަ އެ ދޫނިތައް މަޑެއް ނުކުރި. ކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލާފަ، އުދުހިގެން ހިނގައްޖެ. އެހެންވެ، ގިނަ ޒާތްޒާތުގެ ދޫނިތަކެއް ނުފެނުނު.ޙަސަން ރިމާވީ؛ ފަލަސްޠީނުގެ ފޮޓޯގްރާފަރެއް
ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ދުނިޔެ ހޫނުވުމާއި، ފިނިހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން، ފިނި މޫސުމާ ދިމާކޮށް ހިޖުރަކުރާ ދޫނިތައް އަންނަ ދުވަސްވަރަށް ވަނީ ބަދަލު އައިސްފައެވެ. އަދި ހިޖުރަކުރާ ދޫނިތަކަށް ލިބެން ހުރި ކާބޯތަކެތީގެ ސްޓޮކަށްވެސް ބަދަލު އައިސްފައި ވާ ކަމަށެވެ.
ރިމާވީ ނަގާފައިވާ ބައެއް ފޮޓޯތަކުން ދޫނިތަކުގެ ދިރިއުޅުން ކިތަންމެހާވެސް ރަނގަޅަކަށް ފެނިގެންދެއެވެ. ހަމަ އެފަދައިން ވަލު ޖަނަވާރުތަކުގެ ދިރިއުޅުންވެސް ދައްކުވާދީފައި ހުރެއެވެ. ޖަނަވާރުތައް ކުޅެ ހަދާ ތަނާ، ކައިބޮއެ ހަދާ މަންޒަރުތަކުގެ އިތިރުން، ނިދާ މަންޒަރުތައްވެސް ރިމާވީގެ ކެމެރާއިން ވަނީ އާންމުންނަށް ތިލަކޮށްދީފައެވެ.
އަހަރެން އާންމުކޮށް މިތަނަށް އަންނަން ފަތިސްވުމުގެ ކުރިން. ކޮންމެހެންވެސް އިރު އެރުމުގެ ކުރިން އަންނަންޖެހޭނެ. މީ ހުރަހެއް. ދޫންޏޭއް ނޫނީ ޖަނަވާރެއްގެ އިންތިޒާރުގަ އަހަރެން މަޑުކުރަން. ބައެއް ފަހަރު ތިން ހަތަރު ގަޑިއިރުވެސް މަޑު ކުރަން. ބައެއް ފަހަރު އަހަރެން މިތަނުން ދާއިރުވެސް އެސޮރުމެން ނާދޭ. މަޑުކޮށްބަލަ، މިއޮއް އުޅެނީ ބްލޫތުރޯޓް ދޫންޏެއް.ޙަސަން ރިމާވީ؛ ފަލަސްޠީނުގެ ފޮޓޯގްރާފަރެއް
މި ހުރިހާ ކަމެއްގެ ތެރެއިންވެސް ރިމާވީ އެންމެ ލޯބި ކުރާ އެއް ކަމަކީ، ދޫނިތަކުގެ މަންޒަރުތައް ފޮޓޯ ނެގުމެވެ. ރިމާވީގެ ކެމެރާގެ ލެންސުން އެ ދުވަހަކު ކުރާހާލާ ތަސްވީރުތައް އަތުލުމަށްޓަކާ، އޭނާ މަސައްކަތް ފަށަނީ އިރު އެރުމުގެވެސް ކުރިންނެވެ. ބައެއް ދުވަސްދުވަހަކީ، ކެމެރާ އަމާޒުކޮށްލާނެ ޖަނަވާރެއް ނުފެނި، އެތައް ގަޑިއިރެއް ހޭދަ ކުރަން ޖެހޭ ދުވަސްދުވަހެވެ.