ސަރުކާރަށާއި ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމަށްވެސް މިހާރު އޮތް އެންމެ ރަނގަޅު ގޮތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހް އިސްތިއުފާ ދެއްވުން ކަމަށާއި އެނޫން ގޮތެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއް ލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
މެންބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ހައްޔަރު ކުރަން އުޅޭ އުޅުމަށް އިޝާރާތް ކުރައްވާ ލަތީފް ވިދާޅުވީ މެންބަރުން ހައްޔަރުކޮށްގެން ދެން ސަރުކާރަށް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ.
ރާއްޖެ އެމްވީއަށް ދެއްވި އިންޓަރވިއުއެއްގައި ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެމަޤާމުގައި ހުންނަން ނޭދެނީ ހަމައެކަނި އިދިކޮޅު މެންބަރުން ނޫން ކަމަށާއި ސީދާ ސަރުކާރަށް ނިސްބަތްވާ ޕީީޕީއެމް މެންބަރުންނަށްވެސް މަސީހު އެމަޤާމަށް ކަމުނުދާ ކަމަށެވެ.
"މިހާރު އެވަނީ މަސީހުގެ އިތުބާރު ނެތްކަމަށް ހާމަވެފައި. އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް އިސްތިއުފާ ދެއްވުން. އިދިކޮޅު ފަރާތްތަކަށް އެކަންޏެއް ނޫން މަސީހު ކަމުނުދަނީކީ.ޕީޕީއެމްގެ ގިނަ މެންބަރުންނަށްވެސް މަސީހު ކަންކުރައްވާ ގޮތް ރަނގަޅެއް ނޫން،" ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ މެންބަރުން ހައްޔަރު ކުރިއަސް މަސީހު ބޭރުކުރުވެން ދެން ނުހުއްޓުވޭނެ ކަމަށާއި އެމައްސަލައިގައި ސަރުކާރަކަށް މަޖިލީހުގެ އަޣްލަބިއްޔަތެއް ނުލިބޭނެ ކަމަށެވެ. މެންބަރުން ހައްޔަރު ކޮށްފިއްޔާ އިތުރު މެންބަރުން އިދިކޮޅު ފަރާތްތަކާ ގުޅޭނެ ކަމަށާއި މަސީހާ ދެކޮޅަށް އެވޯޓް ކާމިޔާބު ވާނެ ކަމަށެވެ.
"މެންބަރުން ހައްޔަރު ކުރިއަސް ދެނެއް ސަރުކާރަކަށް ކާމިޔާބެއް ނުވާނެ. މަސީހު އިސްތިއުފާ ދެއްވުން ނޫން ގޮތެއް ނޯންނާނެ" ލަތީފް ވިދާޅުވިއެވެ.