ކ. މާލެ
|
23 މާރޗް 2023 | ބުރާސްފަތި 08:42
(ކ-ވ) ކްރިސްޓިއާނޯ ރޮނާލްޑޯ، ބެކަމް އަދި ޒިދާން
(ކ-ވ) ކްރިސްޓިއާނޯ ރޮނާލްޑޯ، ބެކަމް އަދި ޒިދާން
ގޫގުލް
ފުޓްބޯޅަ
މޮޅު ފުޓްބޯޅަ ކުޅުންތެރިންނާއި އެމީހުންގެ ދަރިންގެ ހަގީގަތް
ބައްޕަގެ ފެންވަރު ގިނަ ކުދިންނަށް ނުދެއްކޭ

ޑޭވިޑް ބެކަމް އާއި ޒައިނުއްދީން ޒިދާން އަދި ޕައުލޯ މަލްޑިނީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ އެހާރާއި މިހާރުގެ ތަރިން ކެނޑިނޭޅި މަސައްކަކުރަމުންދަނީ އެމީހުން ފަދައިން ދަރިންނަށް ފުޓްބޯޅައިން ދިރިއުޅުން ބިނާކޮށްދިނުމަށެވެ.

މީގެ ތެރެއިން މިހާރު އެންމެ ކުރީސަފުގައި ހުރީ އެކަކީ ޒިދާނެވެ. އިޓަލީގެ މާކޯމަޓެރާޒީގެ މޭގައި ބޮލުން ޖަހައި ވައްޓާލުމުން ރަތްކާޑަކާއެކު ކެރިއަރު ނިންމާލި ނަމަވެސް ފަރަންސޭސި ކުރީގެ ކެޕްޓަންގެ މަގުބޫލުކަމަށް ކުޑަވެސް ފަނޑުކަމެއްނައިސް އަދިވެސް ދަނީ ވިދައި ބަބުޅަމުންނެވެ. މި ވިދުވަރުގެ އަލީގައި ޒިދާންގެ ދަރިންގެ އޭނާ ފަދަ ބަޔަކަށް ހެދުމަށް އަތުކުރި އޮޅާލި އެވެ. ހަތަރު ކުދިންގެ ތެރެއިން 24 އަހަރުގެ ލޫކާ އަކީ ގޯލްކީޕަރެކެވެ. އޭނާ އަށް ރެއާލް މެޑްރިޑުގެ ފުރަތަމަ 11އާ ހަމައަށް ދެވޭވަރެއްނުވެ އެވެ.

ޒިދާން ދަރިފުޅު އެންޒޯ އަށް ބުނެދެނީ - ގޫގުލް

ޒިދާން ފަދައިން އޭނާގެ 27 އަހަރުގެ ދަރިފުޅު އެންޒޯ އަކީ ވެސް ހުނަރުވެރި މިޑްފީލްޑަރެކެވެ. މިސޮރުގެ ކުޅުން ފެނިފައި ސާ އެލެކްސް ފާގަސަން ވަނީ މެންޗެސްޓާގެ ބީ ޓީމާއެކު ފަރިތަކުރަން ވެސް ފުރުސަތުދީފައެވެ. އެކަމަކު އެންޒޯ ގަސްތުކުރީ ބައްޕަ ގާތުގައި ރެއާލްމެޑްރިޑުގައި ހުރެެން ދަރިވަރުވާށެވެ. އެކަމަކު އެކަން ކާމިޔާބު ނުވާނެކަމަށް ގނަ ބަޔަކު މިހާރު ދެކެން ފަށައިފި އެވެ. އެއީ މެޑްރިޑުގައި ހިފަހައްޓާނުލެވިގެން ފާއިތުވެދިޔަ އަހަރު ތެރޭގައި އޭނާ ހަ ކުލަބަކަށް ކުޅެން ޖެހުމުންނެވެ. އަނެއްކޮޅުން ޒިދާންގެ ދަރިފުޅު ކިތަންމެ މޮޅު ކުޅުންތެރިއަކަށްވިޔަސް މިކަމާ ފްރާންސްގެ ރައްޔިތުންގެ ތެރެއިން އުފާކުރާނީ މަދުބައެކެވެ. އެއީ ފްރާންސްގެ ބަދަލުގައި ސްޕޭނުގެ ގައުމީ ޓީމަށް ކުޅެން އެންޒޯ ގަސްތުކުރުމުންނެވެ.

ޕެޓްރިކް ކްލައިވަޓް (ކ) އާއި ދަރިފުޅު - ގޫގުލް

ޕެޓްރިކް ކްލައިވަޓް އާއި ދަރިފުޅު ޖަސްޓިން

ނެދަލޭންޑްސްގެ ކުރީގެ އެއްވަނަ ފޯވަޑް ޕެޓްރިކް ކްލައިވަޓަކީ އޯވަނައިޓަކުން ތަރިއެއްގެ މަގާމު ހޯދި ކުޅަދާނަ ފޯވަޑެކެވެ. އަޔެކްސް އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ގޯލު ކްލައިވަޓް ޖެހީ އޭނާގެ އުމުރުން އެންމެ 18 އަހަރުގައެވެ. މިއާއެކު އޭނާގެ ސޮއިހޯދީ ސްޕޭނުގެ ބާސެލޯނާއިންނެވެ. ނޯކޭމްޕްގައި ބަތަލަކަށްވި ކްލައިވެޓް ފަދައިން އޭނާގެ ދަރިފުޅު ޖަސްޓިން ކްލައިވަޓްގެ އުއްމީދަކީ ވެސް ބާސެލޯނާގައި ވިދާލުމެވެ. ބައްޕަ ފަދައިން އޭނާ ވެސް ކުޅުން ފެށީ އަޔެކްސްއިންނެވެ. އެކުލަބުގެ ޒުވާން ޓީމުގައި އޭނާ ޖެހި ގޯލުތަކުގެ ސަބަބުން އެވަގުތަށް ވިދާލިޔަސް ރޯމާއިން ބާކީވެ، ޖަސްޓިން މިހާރު ހުރީ ސްޕޭނުގެ ވެލެންސިއާގަ އެވެ. ޖަސްޓިން ބުނީ ބައްޕަގެ ނަން ދެމެހެއްޓުމަކީ އޭނާގެ އަދާކުރަންޖެހޭ މުހިންމު ވާޖިބެއް ކަމަށެވެ. އެކަމަކު ބާސެލޯނާ ޝައުގުވެރިވާ ވަރުގެ ކުުޅުމެއް އަދި ނުދެއްކެ އެވެ.

ޑިއެގޯ ސިމިއޯނީ އާއި ދަރިފުޅު (ކ) - ގޫގުލް

ޑިއެގޯ ސިމިއޯނީ އާއި ދަރިފުޅު ޖިއޮވާނީ

އެތްލެޓިކޯ މެޑްރިޑުގެ މިހާރުގެ ކޯޗު ޑިއެގޯ ސިމިއޯނީ އަކީ އާޖެންޓީނާގެ ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ވަރުގަދަ ޓެކުލްކުރާ މިޑްފީލްޑަރެކެވެ. އެކަމަކު އަދިވެސް ސިމިއޯނީގެ މަތިން ގިނަ ބަޔަކު އެންމެ ބޮޑަށް ހަނދާން ހުންނަނީ ޑޭވިޑް ބެކަމް ދަނޑުން ފޮނުވާލި ހާދިސާއިންނެވެ. މޮޅު ކޯޗެއްގެ ގޮތުގައި މިހާރުހުރި ސިމިއޯނީ އަކީ އޭނާ އަށް ލިބޭ ކޮންމެ ކާމިޔާބީއަކާއި ކޮންމެ ނާކާމިޔާބީއަކަށް ފަހު ވެސް އޭނާގެ ދަރިފުޅާ އެކަން ވަގުތުން ހިއްސާކުރާ މީހެކެވެ. ދެކުނު އެމެރިކާގެ 20 އަހަރުން ދަށުގެ މުބާރާތުގައި ޖިއޮވާނީ ޖެހި ގިނަ ގޯލުތަކާއެކު ބައްޕައަށް ވުރެ ޖިއޮވާނީ މާމޮޅުވާނެ ކަމަށް އެތައް ބަޔަކު ދެކެން ފެށި އެވެ. އޭނާ އަކީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޓެކްނިކުތައް ބޭނުންކޮށްގެން ހިލޭޖެހުންތަކުން ގޯލުޖަހަން ވަރަށް އިސްކަންދޭ ކުޅުންތެރިއެކެވެ. ނަމަވެސް އިޓާލިއަން ލީގުގައި ހިފަހައްޓާލަން ވަނީ ދަތިވެފަ އެވެ.

ޕައުލޯ މަލްޑިނީ އާއި (ވ) އާއި ދަރިފުޅު - ގޫގުލް

ޕައުލޯ މަލްޑިނީ (ވ) އާއި ދަރިފުޅު ކްރިސްޓިއަން

ދުނިޔެދުށް އެންމެ ކުޅަދާނަ އެއް ޑިފެންޑަރަކީ އޭސީމިލާނުގެ ކުރީގެ ކެޕްޓަން ޕައުލޯ މަލްޑީނީއެވެ. އޭނާގެ ކުރިން ބައްޕަ ސެޒާ މަލްޑިނީ އަކީ ވެސް މިލާނުގެ ލެޖެންޑެކެވެ. މިހެންވެ މަލްޑިނީގެ އާއިލާ އިން ދެކޭގޮތުގައި މިލާނުގައި އަބަދުވެސް އެމީހުންގެ ހަނދާނެެއް ހުންނަންވާނެ އެވެ. ކާފަ އާއި ބައްޕަގެ މަގާމު މިހާރު މިލާނުގައި ފުރަމުންދަނީ ޕައުލޯ މަލްޑިނީގެ ދޮށީ ދަރި ކްރިސްޓިއަން މަލްޑިނީ އެވެ. އެކަމަކު މިލާނުގައި ހުރެގެން ކުރިއަށްދާން ދަތިވުމުން 21 އަހަރުން އެޓޭކިން މިޑްފީލްޑަރު މިހާރު ދޫކޮށްފައިހުރީ މިލާނުން ބޭނުންއިރަކު އަނބުރާ ގެނެވޭގޮތަށް އިޓަލީގެ ސްޕެޒިއާއަށެވެ.

ކެސްޕާ ޝުމައިކަލް (ވ) އާއި ބައްޕަ ޕީޓަ ޝުމައިކަލް - ގޫގުލް

ޝުމައިކަލްގެ ދެބަފައިން

އިނގިރޭސި ޕްރެމިއާ ލީގު ދެ ބަފައިން ހޯދަފާނެ ކަމަށް އެކަކު ގަބޫލު ނުކުރިއަސް މިހާރު އެއީ ހަގީގަތެކެވެ. ލެސްޓާ ސިޓީ އަށް 2015 ވަނަ އަހަރު ޕްރެމިއާ ލީގު ހޯދައިދިން ޑެންމާކުގެ ގައުމީ ކީޕަރު ކެސްޕާ ޝުމައިކަލް އަކީ މެންޗެސްޓާގައި ވިދާލި މަޝްހޫރު ޕީޓަ ޝުމައިކަލްގެ ދަރިފުޅެވެ. ކެސްޕާ މިހާރު ކުޅެނީ ފްރާންސްގެ ނީސްއަށެވެ. ކެސްޕާ ކިތަންމެ މޮޅަށް ކުޅުނަސް ޔޫރަޕުގެ ބޮޑު ކުލަބަކުން އޭނާ ގަތުމަށް ޝައުގުވެރިނުވުމަކީ ދޭތެރެދޭތެރެއިން އެކަމާ ބައްޕަ ޝުމައިކަލް ނުރުހުން ފާޅުކުރާ ކަމެކެވެ.

ރިވާލްޑޯ (ކ) އާއި ދަރިފުޅު ރިވާލްޑީނިއޯ - ގޫގުލް

ރިވާލްޑޯ އާއި ދަރިފުޅު ރިވާލްޑީނިއޯ

ބްރެޒިލްގެ ރިވާލްޑޯގެ ދަރިފުޅު ރިވާލްޑީނިއޯ ކުޅެންފެށީ އޭނާގެ ބައްޕަ ބްރެޒިލްގެ ހަތަރުވަނަ ޑިވިޝަނުގައި ހިންގި ކުލަބަކުންނެވެ. ނަމަވެސް މިކަން ދުނިޔޭގެ ސަމާލުކަމަށް އައީ ދެބަފައިން އެކުގައި އެކުލަބުގެ މެޗުތަކަށް ނުކުންނަން ފެށުމުންނެވެ. ބައްޕަ ފަދައިން ރިވާލްޑީނިއޯ އަކީ ވެސް ފޯވަޑެކެވެ. އެކަމަކު ބާސެލޯނާ އާއި ބްރެޒިލް ގައުމީ ޓީމުގައި ރިވާލްޑޯގެ ފުށުން ފެނުނުފަދަ ތޫނުފިލިކަމެއް ދަރިފުޅުގެ ކިބަޔަކު ނެތެވެ. ރޫމޭނިޔާ ލީގުގައި 20 މެޗުން ޖެހުނީ އެންމެ ގޯލެކެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ދަރިފުޅު ރޮނާލްޑޯ ޖޫނިއާ - ގޫގުލް

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ދަރިފުޅު ކްރިސްޓިއާނޯ ޖޫނިއާ

މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ދަރިފުޅު ރޮނާލްޑޯ ޖޫނިއާ މޮޅު ކުޅުންތެރިއަކަށް ހެދުމަށް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ. ރޮނާލްޑޯ ދާހާތާކަށް ގެންދެ އެވެ. މިހާރު ހުރީ ސައޫދީގެ އަލް ނަސްރުގެ އެކަޑަމީގަ އެވެ. ރޮނާލްޑޯ ފަދައިން އޭނާގެ ދަރިފުޅުގެ ކިބައިގައި ހުނަރާއި ވައްޓަފާޅި އާއި އަަޒުމް ހުރި ކަމަށް ގިނަ ކޯޗުން ގަބޫލުކުރެ އެވެ. ނަމަވެސް މި ދަރިފުޅަކީ އަދި އެންމެ 12 އަހަރުގެ ކުއްޖަކަށްވުމުން އޭނާއާމެދު ދުނިޔެ އުއްމީދުގައި ތިބުން ނޫން ގޮތެއްނެވެ. ރޮނާލްޑޯއާ އެންމެ ވާދަވެރި ކުޅުންތެރިއަކީ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އެވެ. އޭނާގެ ދޮށީ ދަރިފުޅު ތިއާގޯ މެސީ އަދިވީ އެންމެ 10 އަހަރެވެ. މެސީއާ ހިލާފަށް ތިއާގޯ އަކީ ފުޓްބޯޅަ ކުޅުމާ ދޯޅު ކުއްޖެއްހެން ހިޔެއްނުވެ އެވެ.

ބެކަމް (ކ) އާއި ދަރިފުޅު ބްރޫކްލީން - ގޫގުލް

ޑޭވިޑް ބެކަމް އާއި ދަރިފުޅު ބްރޫކްލީން

ދަރިއަކު މޮޅު ކުޅުންތެރިއަކަށް ހެދުމަށް އެންމެ ބޮޑަށް މަސައްކަތްކޮށް އެކަން ކާމިޔާބުނުވި މީހަކީ މަޝްހޫރު ޑޭވިޑް ބެކަމް އެވެ. އެންމެ ދޮށީ ދަރިފުޅަށް ބްރޫކްލީންއަށް އިނގިރޭސި އެކި ކުލަބުތަކުން ޖާގަ ހޯދައިދީ އަދި ބެކަމް ކުޅުނު ކުލަބުތަކުގައި އޭނާގެ ބެލުމުގެ ދަށުން މިކުއްޖާ ގެންގުޅެ، އެކުވެރިކަމުގެ ބައެއް މެޗުތަކަށް ބެކަމްއާއެކު ނެރުނަސް ބްރޫކްލީން އަށް ދާއިމީ ޖާގައެއްދޭން ބޭނުންވި އެއްވެސް ކުލަބެއްނެތެވެ. އެއީ އޭނާގެ ހުނަރު ނެތުމާއި ދަނޑުބޭރާއި މާބޮޑަށް ގުޅިފައި ހުންނާތީ އެވެ. ބައްޕަ އަކީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއަކަށްވެފައި މަންމަ އަކީ މަޝްހޫރު ލަވަކިޔުންތެރިއަކަށްވުމުން ބްރޫކްލީން ލޯބިކުރަނީ މަޝްހޫރު ދިރިއުޅުމަކަށެވެ. ދާދި ފަހުން އިނގިރޭސި މީޑިޔާއިން ބުނެފައިވަނީ ބްރޫކްލީންގެ އުޅުމާހެދި ބެކަމް އާއި އަންހެނުން ވިކްޓޯރިއާ ވެސް ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ ކަމަށެވެ.

- ކޮމެންޓް