ކ. މާލެ
|
4 ޖުލައި 2017 | އަންގާރަ 19:46
ނިއު އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން
ނިއު އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން
ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް
މާލެ ލީގު
އޮސްކާ ބުރުޒޮންގެ ފުރަތަމަ މޮޅާއިއެކު ނިއު ދިވެހި ޕްރިމިއަރ ލީގާއި ގާތަށް
ނިއުއިން މެޗް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުން
މިއީ އެޓީމުގެ އާ ކޯޗް އޮސްކާ ބުރުޒޮންގެ އިރުޝާދުގެ ދަށުން އެޓީމް ކުޅުނު ފުރަތަމަ މެޗް

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އާ ކޯޗް އޮސްކާ ބުރުޒޮންގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށް ޕްރިމިއަރ ލީގާއި ގާތަށް ޖެހިލައިފިއެވެ.

މާލެ ލީގުގައި އަންގާރަ ދުވަހު ހަވީރު ޔުނައިޓެޑް ވިކްޓްރީ އާއި ދެކޮޅަށް ކުޅުނު މެޗް ނިއުއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މުހިންމު ގިނަ ކުޅުންތެރިން ތަކެއް ނުހިމަނައި ކުޅުނު ނިއުއިން ވަނީ މެޗުގެ ވަރަށް ކުރީކޮޅުގައި ލަނޑެއްޖަހައި ލީޑު ނަގާފައެވެ. 8 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ބިދޭސީ ކުޅުންތެރިއާ އެޑްރިއަން ގަލާޑޯއެވެ. ގަލާޑޯ މި ލަނޑު ކަމިޔާބުކުރީ ފާރޫގް އިސްމާއިލް ނަގައިދިން ހުރަހެއް ސެންޓޭ ކޮންޓްރޯލް ކޮށްލުމަށްފަހު ގަލާޑޯއަށް ޖައްސާލުމުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްގެންނެވެ.

މި ލަނޑަށްފަހުވެސް އެޓީމަށް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކުރުމަށް ފުރުސަތުތަކެއް ލިބި ބޭނުން ހިފޭގޮތް ނުވެފައެވެ. އެގޮތުން ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައިވެސް މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްފާދައިވަނީ ނިއުއިންނެވެ. އެގޮތުން އެޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މުޅި މެޗު ކަހަލަ ގޮތަކަށް ޑޮމިނޭޓް ކޮށްގެން ކުޅެފައެވެ. ނަމަވެސް ލިބުނު ގިނަ ފުރުސަތުތައް ރަނގަޅަށް ނިންމާނުލެވުމުގެ ސަބަބުން ގިނަ ފުރުސަތުތަކެއް ވަނީ ބޭކާރުވެގެން ގޮސްފައެވެ. އެގޮތުން ސެންޓޭ އަދި ގަލާޑޯއަށް ލިބުނު ފުރުސަތުތަށް ފާހަގަކޮށްލެވެއެވެ.

އެޓީމަށް ލީޑު ފުޅާކޮށްދިނީ މެޗުގެ ފަހު މިނެޓުގައި އަހުމަދު ސުހައިލްއެވެ. ފަހު މިނެޓުގައި ސެންޓޭ ނަގައިދިން ކޯނަރު އޭނާ ގޯލުގެ ތެރެއަށް ފޮނުވާލީ ބޮލުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑް ވިކްޓްރީގެ ކޯޗް އަހުމަދު ނަޒީހު ބުނީ މެޗުގައި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމަށް ބަލާއިރު ޕޮއިންޓެއް ހައްގު ކަމަށާއި، ލަނޑެއް ކާމިޔާބޮށް އެއްވަރުކޮށްލަން ފުރުސަތުވެސް ލިބުނު ކަމަށެވެ.

ނިއުރޭޑިއަންޓުން މި މެޗް ކާމިޔާބުކޮށް ދިވެހި ޕްރިމިއަރ ލީގާއި ފިޔަވަޅެއް ގާތަށް ޖެހިލާފައި ވާއިރު، މެޗަށްފަހު ވާހަކަ ދައްކަމުން އެޓީމާއި އަލަށް ހަވާލުވި ކޯޗް ސްޕެއިންގެ އޮސްކާ ބުރުޒޮން ބުނީ، މެޗުން މޮޅުވުމުން އެކަމާއި ހިތްހަމަ ޖެހޭ ކަމަށާއި ނަމަވެސް އަދި ޓީމާއި އެކު ގިނަ ފަރިތަކުރުންތަކެއް ކުރިއަށް ގެންދެވުމުން މިއަށްވުރެ ރަނގަޅު ނަތީޖާތަކެއްވެސް ނެރެވިދާނެ ކަމަށް ގަބޫލު ކުރާކަމަށެވެ.

މި މެޗުން ހޯދި 3 ޕޮއިންޓާއިއެކު ނިއުއިންވަނީ އެއްވަނާގައި އޮތް މާޒިޔާ އާއި ޕޮއިންޓަކަށް ގާތަށް ޖެހިލާފައެވެ. ކުޅުނު 11 މެޗުން 24 ޕޮއިންޓް ނިއުއަށް ލިބޭއިރު އެއްވަނައިގައި މާޒިޔާ އޮތީ ކުޅުނު 11 މެޗުން 25 ޕޮއިންޓް ހޯދައި ދިވެހި ލީގުން ޖާގައެއް ކަށަވަރު ކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް