ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެކުގައި މަސައްކަތް ނުކުރެވޭނަމަ ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެންނަ ޖެހޭ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހައްދަވާ ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. އެގޮތުން، ޚިޔާލު ތަފާތުވާ ބަޔަކާއެކު އިންތިޚާބުގެ މަސައްކަތްތައްކޮށް، ކެމްޕޭން ނުކުރެއްވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް ކޯލިޝަން ހައްދަވައި އެގްރީމަންޓެއް ހަދާފައިވާ ކަމަށެވެ. އެ އެއްބަސްވުމުގައި ދައުރު ނިމެންދެން އެކީގައި ތިބެން އޮތް ނަމަވެސް އެއީ އަކުރުން އަކުރަށް މާނަ ނެގުމުން ދޭހަވާ މާނަ ކަމަށާއި ރިޔާސީ އިންތިޚާބެއް ކުރިއަށްދާއިރު އެކީގައި ނުތިބެވޭނަމަ އެއްބަސްވުން ނިމޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަޅުގަނޑުމެން ރިޔާސީ އިންތިޚާބަށް ކުރިއަށްދާއިރު އަޅުގަނޑުމެންނަށް އެކީގައި ނުތިބެވޭކަމަށްވަންޏާ އޭގަ އެެއޮތީ އަޅުގަނޑު ދެކޭގޮތުގައި އެއްބަސވްުން ނިމުމަކަށް ގެންނަން ޖެހިފައި. އޭގެ މާނައަކީ ކޯލިޝަން ނެތީކީއެއް ނޫން. އެ އެއްބަސްވެވޭ އެއްބަސްވުމަކީ ތަންފީޒު ކުރެވޭ އެއްޗަކަށް ވާންވާނެ. ތަންފީޒު ނުކުރެވޭ ކަމަށްވަންޏާ އޭގެ ބޭނުމެއް ނޯންނާނެ،ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު
މިހާރު ކޯލިޝަނުގެ ބައިވެރިއެއް ކަމަށްވާ ޖުމްހޫރީ ޕާޓީން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމުމުން އެ ޕާޓީގެ ސްލޮޓުތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވުމަށް ސަރުކާރަށް ތާއީދު ކުރާ ގިނަ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނުނިިންމަވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށްގެންދާނެ ގޮތާ ގުޅޭގޮތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ މިހާރު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ރައީސް ވަނީ އަދިވެސް އެމްއާރުއެމް އާއި ޖޭޕީއިން ކޯލިޝަނާ ގުޅޭގޮތުން ރަސްމީގޮތުން އެއްޗެއް އަންގާފައިނުވާކަން ފާހަގަކުރައްވައި އެކަން ރަސްމީކޮށް އެންގުމަށް ވެސް އެދިވަޑައިގެންފައެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއެކު ކޯލިޝަން ހެދުމަށް މިހާތަނަށް ނިންމާފައިވަނީ އަދާލަތު ޕާޓީ އާއި އެމްޑީއޭ އިންނެވެ.