ކުރީގެ ނައިބުރައީސް އަޙުމަދު އަދީބާއިމެދު ސަރުކާރުން އަމަލުކުރަމުންދާ ފަދައިން އަމަލުކުރަމުން ދަނީ، އަދީބަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނާއި ދެކޮޅަށް މުހިއްމު ހެއްކަކަށް ވާތީކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދީބަކީ ރައީސް ޔާމީނާއި ދެކޮޅަށް މުހިއްމު ހެއްކެއްކަން ރައީސް ޔާމީނަށް އެނގިލައްވާ ކަމަށެވެ. އަދި އަދީބާއި މެދު އިހާނެތިކޮށް ހިތައި، ބޭސްފަރުވާއިން އެކަހެރި ކުރެވިފައިވަނީ އެ ކަންކަން ފަޟީހަތް ވެދާނެތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މިއީ ލަދުވެތި ކަމެއް ކަމަށެވެ.
Pres.Yameen knows Adeeb could be a star witness against him. That's why he's being treated degradingly and denied medical care- disgraceful.
— Mohamed Nasheed (@MohamedNasheed) July 4, 2017
ރައީސް ނަޝީދު މިފަދައިން ޓްވީޓެއް ކުރައްވާފައިވާއިރު، ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، އަޙުމަދު މަޚްލޫފް ވަނީ ދޫނިދޫގައި އަދީބް ބަހައްޓާފައިވާ ގޮޅީގައި އަދީބް އޮންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ޓްވީޓް ކުރައްވާފައެވެ.
Kureege Naib Raees Adheeb Dhoonidhooga baavaafa onna nikamethi haalu. Maraalafaanekamah kanboduvey @maryam_nashwa @moosaanvar @MoosesSiraj pic.twitter.com/8LFyZyU9le
— Ahmed Mahloof (@AhmedMahloof) July 3, 2017
މި ފޮޓޯ އާންމުވުމާއި ގުޅިގެންވެސް ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެފައިވާއިރު، ސަރުކާރުން ދަނީ އަދީބްގެ ބޭސްފަރުވާއަށް ހުރަސް އަޅަމުންނެވެ.
އެގޮތުން ފުރާނައަށް ނުރައްކާވާފަދަ، ރާއްޖެއިން ފަރުވާ ނުލިބޭ ބަލިތަކެއްގެ ޝިކާރައަކަށް އަދީބް ވެފައިވާއިރު، ސަރުކާރަށް އަދީބްގެ ފަރާތުން ލިބެންޖެހޭ ފައިސާތަކެއް އޮތްކަމަށް ބުނެ، އަދީބް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ހުއްދަ ދިނުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.