Advertisement
ކ. މާލެ
|
21 މާރޗް 2023 | އަންގާރަ 07:07
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
މަޖިލިސް
ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅުން
ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި މެންބަރު ޝިޔާމް ހައްޔަރުކޮށްފި
ރައީސް ދަތުރުކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނުގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ކުރިއަށްގެންދިޔަ މުޒާހަރާގެ ބައިވެރިން ހުރަސް އަޅައިފައިވަނީ ހޯމަ ދުވަހުގެ ރޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދަތުރުކުރައްވަނިކޮށް އެމަނިކުފާނުގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހައްޔަރުކޮށްފިއެވެ.

މިކަން ފުލުހުން މިހާތަނަށް ކަށަވަރުކޮށްނުދިން ނަމަވެސް ޝިޔާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ޝިޔާމް ހައްޔަރުކުރުން އަންނަ ފުލުސް މީހާ އޭނާ ހައްޔަރު ކުރާ ސަބަބެއް ކަމަށް ބުނަނީ ޖިނާއީ ބޮޑު މައްސަލައެއްގެ ތުހުމަތު ޝިޔާމަށް ކުރެވޭ ކަމަށާއި ވަކީލަކު އައްޔަންކުރަން ފުރުސަތު ލިބޭނެ ކަމަށެވެ.

ހައްޔަރު ކުރާ ސަބަބު އިތުރަށް ތަފްސީލުކުރަން ޝިޔާމް އެދިވަޑައިގަތުމުން ފުލުސް މީހާ، އޭނާ ހައްޔަރު ކުރަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މުޒާހަރާކޮށް، ޝިޔާމު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން އިދިކޮޅު ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސް އެޅުމުން ކަމަށް ބުނެއެވެ.

ރައީސް ދަތުރުކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނުގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ކުރިއަށްގެންދިޔަ މުޒާހަރާގެ ބައިވެރިން ހުރަސް އަޅައިފައިވަނީ ހޯމަ ދުވަހުގެ ރޭ، ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ނިންމަވާލެއްވުމަށްފަހު ރައީސް ވަޑައިގަންނަވަަނިކޮށެވެ. އެގޮތުން، ބޮޑުތަކުރުފާނު މަގުން އެމަނިކުފާނުގެ މޮޓޯކޭޑު ދަތުރުކުރަނިކޮށް އެ ސަރަހައްދުގައި އޭރު މުޒާހަރާ ކުރަން ތިބި މީހުން އެމަނިކުފާނުގެ ކާރުކޮޅު ހުއްޓުވައި ހުރަސްއެޅިއެވެ.

Advertisement

ވީޑިއޯތަކުން ފެންނަ ގޮތުގައި އެމަނިކުފާނުގެ މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޗީބޯ ރެސްޓޯރެންޓާ އަރާ ހަމަވާ ހިސާބުންނެވެ. އެމަނިކުފާނަށް އެ ސަރަހައްދުން ދަތުރުނުކުރެވިގެން މޮޓޯ ކޭޑު އަނބުރާލަން ޖެހުނު ކަމަށް މުޒާހަރާގެ ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑީއާގައި ބުނެފައެވެ.

މޮޓޯކޭޑަށް ހުރަސްއެޅުމާއެކު ފުލުހުންނާއި ސިފައިން މުޒާހަރާގެ ބައިވެރިން ހުއްޓުވަން މަސައްކަތް ކުރާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

މިކަމާ ގުޅޭގޮތުން މިހާތަނަށް އެއްވެސް އިދާރާއަކުން ރަސްމީ ޖަވާބެއް ދީފައި ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް