ސަރުކާރުގެ ހުރިހާ އިދާރާއަކަށް ޖެންޑާ އެޑްވަކޭޓުން އައްޔަންކޮށް ޖެންޑާ މެއިންސްޓްރީމް ކުރުމަށް ވިޔުގައެއް ގާއިމްކުރާނެ ކަމަށް ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ޖަލްސާގައި ސްޓޭޓް މިނިސްޓަރު ޒިފްލީނާ ވިދާޅުވީ އަމާޒަކީ މިންތީގެ ހަމަހަމަކަމަށް ވަކާލާތުކޮށް އިދާރީ ހިންގުމުގެ ތެރެއިން މިންތީގެ ނަޒަރިއްޔާތަށް ވަދެ، އަންހެނުން ބާރުވެރިކުރަނިވި ސިޔާސަތުތައް ކޮންމެ ދާއިރާއެއްގައި ވެސް އެ ދާއިރާއެއްގައި ހިމެނޭ މުއައްސަސާތަކުން އިސްނަގައިގެން ކުރުމަށް ބާރުއެޅުމަށް ކަމަށެވެ.
އެގޮތުން އިދާރާތަކުން މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށާއި، ޖެންޑާ މެއިންސްޓްރީމް ކުރުމަށް ބާރުއަޅައި، ކުރަމުންދާ މަސައްކަތް ވަޒަން ކުރުމަށް މޯލްޑިވިއަން ޖެންޑާ އީކުއަލިޓީ މޮޑެލް ނުވަތަ "އެމްޖެމް" ގެ ނަމުގައި ނިޒާމެއް އެކުލަވާލާފައިވާ ކަމަށް ޒިފްލީނާ ވިދާޅުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރިޔާސަތު ބަލަހައްޓަވާ ޖީއޭޕީގެ ސްޓިއަރިން ކޮމެޓީން މިދިޔަ އަހަރު ފާސްކޮށްދެއްވި އެމްޖެމް ގެ ތެރެއިން ސަރުކާރުގެ ހުރިހާ އިދާރާއަކަށް ޖެންޑާ އެޑްވަކޭޓުން އައްޔަންކޮށް، ޖެންޑާ މެއިންސްޓްރީމް ކުރުމަށް ވިޔުގަ ހެދިގެންދާނެކަން ފާހަގަކުރައްވައި ޒިފްލީނާ ވިދާޅުވީ ކޮންމެ ދާއިރާއެއްގައި ވެސް ހާސިލްވެފައިވާ ކަންކަމާއި އިތުރަށް މަސައްކަތް ކުރަންޖެހޭ ދާއިރާތައް ދެނެގަތުމަށް މޯލްޑިވިއަން ޖެންޑާ އީކުއަލިޓީ އިންޑެކްސްގެ ނަމުގައި ކޮންމެ އިދާރާއަކުން މިންތީގެ ހަމަހަމަކަމާއި ގުޅިގެން ކުރާ މަސައްކަތުގެ ސްކޯއެއް ކަނޑައެޅިގެންދާނެ ކަމަށެވެ.
މިގޮތުން ފާހަގަކޮށްލެވޭ މިންވަރަށް ނަތީޖާ ހާސިލްކޮށްފައިވާ މުއައްސަސާތަކުގެ އަގުވަޒަންކޮށް، ނަމޫނާ މުއައްސަސާތައް ކަނޑައެޅުމަށްފަހު އެމްޖެމްގެ ސެޓްފިކޭޝަން ނިޒާމެއް ވެސް މި މޮޑެލްގައި ހިމެނިގެންދާނެ. މިނިޒާމުގެ ތެރެއިން މިންތީގެ ހަމަހަމަކަމަށް ކުރާ މަސައްކަތްތައް އިތުރަށްފުޅާވެ ހަލުހިވެ އިދާރާތައް ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާވާނެ.ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން
ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ހުރި އެންމެ ބޮޑު ގޮންޖެހުންތަކަށް އިޝާރާތް ކުރައްވައި ޒިފްލީނާ ވިދާޅުވީ ސިޔާސީ އަދި އިގްތިސާދީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން މަދުކަމަށެވެ. ރައްޔިތުންގެ މަޖިލިސް، ޖުޑިޝަރީ، ކުންފުނިތަކުގެ ބޯޑާއި، އެގްޒެކެޓިވް ލެވަލް އަދި ވަޒީފާ އަދާކުރާ ތަންތަނުގެ މެނޭޖްމެންޓްތަކުގައި އަންހެނުން އިތުރުކުރުމަށް ޖީއޭޕީގައި ލަނޑުދަނޑިތައް އެކުލަވާލާފައިވާ ކަމަށް ޒިފްލީނާ ވިދާޅުވިއެވެ.
ލަނޑުދަނޑިތައް ހާސިލްކުރުމަށް ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި މަތީ މަގާމުތަކަށް ކުރިމަތިލުމަށް އަންހެނުން ބާރުވެރިކުރުވުމަށް ގާބިލިއްޔަތު އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގާނެ. އަދި މަޖިލިސް މެމްބަރުންނާއި ލޯކަލް ކައުންސިލަރުންނާއި ފަނޑިޔާރުން ހިމެނޭ ގޮތަށް އާއްމު އޮފިޝަލުން މިންތީގެ ހަމަހަމަކަން ސެންސަޓައިޒް ކުރުން ހިމެނޭ. އަދި މަތީ ފަންތީގައި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ވަކާލާތު ކުރުމަށް މީޑިއާ ހަމަހަމައުސޫލުތައް ބޭނުންކުރުމަށް ބާރުއެޅުމަށްށާއި ލޮބީ ކުރުންފަދަ ހަރަކާތްތައް މިއަހަރު ކުރިއަށްދާނެ.ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން
މިދިޔަ އަހަރު ލޯންޗު ކުރެވުނު ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭނަށް އިޝާރާތް ކުރައްވައި ޒިފްލީނާ ވިދާޅުވީ ސަރުކާރުން ކުރާ މަސައްކަތްތައް ހަރުދަނާކޮށް ހަލުހި ކުރުމަށް މިދިޔަ އަހަރު ލޯންޗު ކުރެވުނު ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރަން ފެށުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިއެކްޝަން ޕްލޭން އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ކުރާ މަސައްކަތް މެއިންސްޓްރީމްކޮށް އެކި ދައިރާތަކުން ގުޅިގެން ފުރިހަމައަށް ނަތީޖާ ވަޒަން ކުރެވޭނެ ގޮތް ރާވައި ތަންފީޒު ކުރުން ކަމަށް ޒިފްލީނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމުގައި ލާމަރުކަޒު ކުރުމަކީ އިސްކަން ދޭ ކަމެއް ކަމަށެވެ.
އެގޮތުން މިދިޔަ އަހަރު ރާއްޖޭގެ 19 އަތޮޅުގައި ގާއިމްކުރެވިފައިވާ ފެމެލީ ޗައިލްޑްރަން ސަރވިސް ސެންޓަރު މެދުވެރިކޮށް އެކިކަންކޮޅުތަކުގައި ހުރި އިދާރާތަކާއި މުއައްސަސާތަކަށް ޕްރޮގްރާމްތައް ވަނީ ހިންގާފައި. އެގޮތުން ލޯކަލް ކައުންސިލްތަކާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާއާ ފުލުހުންގެ ތެރެއިން އަތޮޅުތަކުގައި މަސައްކަތް ކުރާ ފަރާތްތައް ހިމެނޭ ގޮތުން ޖުމްލަ 1809 ބޭފުޅުން ވަނީ ތަމްރީން ކުރެވިފައި. މީގެ އިތުރުން ޖެންޑާ އީކުއަލިޓީ ގާނޫނުގެ ދަށުން 2022 ވަނަ އަހަރު އަމަލުކުރަން ފެށުނު ގަވާއިދުގެ ދަށުން ޖެންޑާ އީކުއަލިޓީ ގާއިމްކުރުމަށް ކުރާ މަސައްކަތް ލާމަރުކަޒު ކުރުމަށް ލޯކަލް ކައުންސިލްތަކަށް އެ މަސްއޫލިއްޔަތުކާއި ވަސީލަތްތައް ދިނުމަށް ކަނޑައެޅި މިއަހަރުގެ ތެރޭގައި މިނިސްޓްރީން ލޯކަލް ކައުންސިލްތަކާއި ގުޅިގެން އެކި ޕްރޮގްރާމްތައް ހިންގުމަށް ރޭވިފައިވޭ. ޖީއޭޕީގެ މަގުސަދަކީ ޖެންޑާ މެއިންސްޓްރީމް ކުރުންޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން
މީގެ އިތުރުން ޒިފްލީނާ ވަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހެއް ފާހަގަކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ. ޒިފްލީނާ ވިދާޅުވީ މަގުސަދަކީ މުޖުތަމައުގައި އަންހެނުންގެ އަގުވަޒަންކޮށް އެކި ދާއިރާތަކުގައި އަންހެނުން ހާސިލްކޮށްފައިވާ ކުރިއެރުންތަކާއި ކާމިޔާބީތައް ފާހަގަކުރުން ކަމަށެވެ. އަދި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި މުޖުތަމައުގައި ހުރި ފުރުސަތުތަކާއި ބެހޭ ގޮތުން ވާހަކަދެކެވި ހުރި ހުރަސްތައް ނައްތާލައި މިންތީގެ ހަމަހަމަކަމަށް ބާރުއެޅުން ކަމަށް އޭނާ ވިދާޅުވިއެވެ.