ބާޒަރުގައި ލުނބޯގެ އަގު ބޮޑުވުމުން އެސްޓީއޯއިން ލުނބޯ އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ ބާޒާރުގައި ލުނބޯގެ އަގު ހިފެހެއްޓުމަށްޓަކާ އިންޑިއާއިން ލުނބޯ އެތެރެކޮށްފައިވާކަމަށެވެ. އެސްޓީއޯއިން ލުނބޯ ކިލޯއެއް ވިއްކާނީ 60 ރުފިޔާއަށެވެ. މިހާރު ބާޒރުގައި ލުނބޯ ކިލޯއެއްގެ އަގު ވަނީ 90 ރުފިޔާއަށް އުފުލިފައެވެ.
މިކަމާ ގުޅިގެން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ ލުނބޯގެ އަގު ބޮޑުވުމުން އަގު ދަށްކުރުމަށް އެސްޓީއޯއިން ލުނބޯ އެތެރެކޮށްފައިވާކަމަށެވެ. އަދި އާންމު ކާބޯތަކެތީގެ އަގުތައް ބޮޑު ނުކުމަށް އަމްރު އެދިވަޑައިގެންނެވިއެވެ.
އެސްޓީއޯއިން ގެންދަނީ އާންމު ކާބޯތަކެތީގެ އަގު އުފުލުނަ ނުދީ ހިފެހެއްޓުމަށް މިފަދަ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. މިދިޔަ އަހަރުގެ ރަމަޟާންމަހުވެސް ބާޒާރުގައި ލުނބޯގެ އަގު އުފުލުމުން އެސްޓީއޯއިން ވަނީ ލުނބޯ އެތެރެކޮށް ހެޔޮ އަގުގައި ވިއްކާފައެވެ.