ކ. މާލެ
|
20 މާރޗް 2023 | ހޯމަ 11:36
ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ
ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތް
ދީނީ އަދި އަހުލާގީ ރީތި އާދަތަކުގެ މަތީގައި ދެމިތިބުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ގިނަ ޢަދަދެއްގެ ޙާފިޡުން ތިއްބެވިނަމަވެސް ޙާފިޡުންގެ ގޮތުގައި ދެމިތިއްބެވުމަށް ކުރެވޭ މަސައްކަތް އަދިވެސް މަދު
ކީރިތި ޤުރްއާނާ އެކުގައި ދިރިއުޅުން އާރާސްތުކުރުމުގެ ދާއިރާ މިހާރަށް ވުރެ ފުޅާކުރަންޖެހޭ
ރޯދަ މަހު ތަރާވީޙް ނަމާދުކުރުމަށް ބޭރުގެ ޙާފިޡުން ގިނަ ޢަދަދަކަށް ގެންނަންޖެހޭކަމީ ވެސް ކަމާބެހޭ ފަރާތްތަކުން ވިސްނާލުން މުހިންމުކަމެއް

މި ފެށޭ ރޯދަމަހަކީ، ކީރިތި ޤުރްއާނުގެ ހިޔަލުގައި ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއް ކަމަށާއި އެ ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ދީނީ އަދި އަޚްލާޤީ ރީތި އާދަތަކުގެ މަތީގައި ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މުބާރާތުގެ އެންމެ ޝަރަފުވެރި ވަނަތައް ޙާޞިލުކުރި ފަރާތްތައް ފާހަގަކުރައްވައި އެ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔެވުމާއި ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ ދުނިޔެއާއި އާޚިރަތުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިދޭނެ ވަރަށް މުޤައްދަސް އަޅުކަމެއްކަން ފާހަގަކުރައްވައި އެކަމުގައި ދެމިތިބުމަށް އިލްތިމާސްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގައި ގިނަ ޢަދަދެއްގެ ޙާފިޡުން ތިއްބެވިނަމަވެސް ޙާފިޡުންގެ ގޮތުގައި ދެމިތިއްބެވުމަށް ކުރެވޭ މަސައްކަތް އަދިވެސް މަދުކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ރޯދަ މަހު ތަރާވީޙް ނަމާދުކުރުމަށް ބޭރުގެ ޙާފިޡުން ގިނަ ޢަދަދަކަށް ގެންނަންޖެހޭކަމީ ވެސް ކަމާބެހޭ ފަރާތްތަކުން ވިސްނާލުން މުހިންމުކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެންމެ ޅަފަތުން ފެށިގެން އަލިފުބާ ދަސްކޮށްދިނުންފަދަ ރީތި އަދި ރަނގަޅު އާދަތަކާއެކު، ކީރިތި ޤުރްއާނާ އެކުގައި ދިރިއުޅުން އާރާސްތުކުރުމުގެ ދާއިރާ މިހާރަށް ވުރެ ފުޅާކުރަންޖެހޭ ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ކީރިތި ޤުރުއާނުގައިވާ ޢިލްމީ ޙަޤީޤަތްތަކުގެ މައްޗަށް، ޒަމާނީ ސައެންސާއި ޓެކްނޮލޮޖީގެ އަލީގައި ކުރެވޭ ދިރާސާތަކުން، އިސްލާމީ ރިސާލަތުގެ ފުރިހަމަކަން އިތުރަށް ހާމަވެގެންދާނެކަން ފާހަގަކުރައްވައި ޔުނިވަސިޓީތަކާއި ކޮލެޖްތަކުގެ އިސް ވެރިން، އެކަންކަމަށް ވިސްނުން ބެހެއްޓެވުމުގެ މުހިންމުކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، މުޅި މުބާރާތުން ބަލައިގެން އަދި ނުބަލާ ކިޔުމުގެ ބައިން 1 ވަނަ، މުބާރާތުގެ ޙާފިޒުންގެ ގޮފިން 1 ވަނަ، މުޅި މުބާރާތުގެ 3 ގޮފި އެއްކޮށް 1 ވަނަ އަދި މުޅި މުބާރާތުން 1 ވަނަ މުއައްސަސާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު އަދި 2022 ވަނަ އަހަރު ޤުރުއާން ހިތުދަސްކުރި ޙާފިޒުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި މުބާރާތުގައި 55 ސްކޫލަކުންނާއި 18 އަތޮޅު ކައުންސިލުންނާއި އަދި ކްލަބްޖަމުޢިއްޔާތަކާއި ޤުރުއާން ކްލާސްތައް އަދި ކުންފުނިތަކުގެ ނަމުގައި 47 މުއައްސަސާއާއެކު ޖުމްލަ 121 މުއައްސަސާއިން 1010 ބައިވެރިވެ ކިޔަވާފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 595 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ގޮފީގައި 402 ބައިވެރިންނާއި ޙާފިޒުންގެ ބައިގައި 23 ބައިވެރިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް