އިންޑިއާގެ ޓެމިލް ނާޑުގައި ސިނަމާތަކުން ޑަބަލް ޓެކްސް ނަގާތީ އެކަމާ ހިތްހަމަ ނުޖެހިގެން އެ އަވަށުގެ ހުރިހާ ސިނަމާތަކެއް ބަންދުކުރުމަށް ނިންމައިފިއެވެ.
ޓެމިލް ނާޑޫގެ ޗެމްބާރ އޮފް ކޮމާސްއިން އަންގާރަދުވަހު ވަނީ 1,100 ސިނަމާ ތިއޭޓާރ ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައެވެ.
ޓެމިލް ނާޑޫގެ ސިނަމާ ތިއޭޓަރ އޯނަރސް ފެޑެރޭޝަންގެ ރައީސް އަބިރާމީ ރަމަނަތަން ބުނީ ހުކުރު ދުވަހުގެ ހަވީރު 5 ޖެހުމާ ހަމައަށް ޑަބަލް ޓެކްސް، ޖީއެސްޓީ (ގުޑްސް އެންޑް ސާވިސް ޓެކްސް) ނަގާ ކަން ނޭނގޭ ކަމަށެވެ. އަދި 28 ޕަސެންޓް ޖީއެސްޓީ އާއި އެންޓަޓެއިންމަންޓް ޓެކްސަގެ ގޮތުގައި 30 ޕަސެންޓް ނެގުމުގެ ކުރިން އަންގަންޖެހޭ ހުރިހާ ފަރާތްތަކަށް އަންގަން ޖެހޭނެކަމަށް އޭނާ ވަނީ ބުނެފައެވެ.
އަބިރާމީ ބުނެފައި ވަނީ އެ ސްޓޭޓްގެ އާބާދީގެ 10 ލައްކަ މީހުންނަކީ ފިލްމީ ދާއިރާއިން ލިބޭ އެއްޗަކުން ދިރިއުޅުން ކުރިއަށް ގެންދާ ބައެއް ކަމަށްވާއިރު ޑަބަލް ޓެކްސް ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޑަބަލް ޓެކްސް ސިސްޓަމްގެ ސަބަބުން ކޮންމެ މީހަކަށް އެއަގުގައި ޓިކެޓް ލިބުން ދަތިވާނެ ކަމަށް އޭނާ ބުންޏެވެ. އަދި އިންޑިއާގެ އެހެން ސްޓޭޓްތަކުގައި އެންޓަޓެއިންމަންޓް ޓެކްސް ނުނަގަނީ ޖީއެސްޓީ ނަގާތީ ކަމަށެވެ. އަދި ސަރުކާރާ ވާހަކަ ދައްކައިގެން މި މައްސަލަ ހައްލު ކުރަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.
އިންޑިއާ ސަރުކާރުން ވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެންޓަޓައިންމަންޓް ޓެކްސްގެ ގޮތުގައި 30 ޕަސެންޓް އަދި ޖީއެސްޓީގެ ގޮތުގައި 28 ޕަސެންޓް ނަގަން ފަށާފައެވެ.
އެންޓަޓެއިންމަންޓް ޓެކްސް އިންޑިއާއިން ނަގަން ފަށާފައި ވަނީ ހަމައެކަނި ޓެމިލް ނާޑޫ ސްޓޭޓުންނެވެ.
އެހެންކަމުން ކޮންމެ ޓިކެޓަކަށް ކުރިން ދައްކަމުން އައި 100 ރުޕީސްގެ ޓިކެޓަކަށް މިހާރު ޖީއެސްޓީ އާއި އެންޓަޓެއިންމަންޓް ޓެކްސްއާ އެއްކޮށް 148 ރުޕީސް ދައްކަން ޖެހޭނެއެވެ. 100 ރުޕީސްގެ ޓިކެޓަކަށް ހަމަ އެކަނި ޖީއެސްޓީ ލައިގެން ދައްކަން ޖެހޭނީ 118 ރުޕީސްއެވެ.