ބަންގްލަދޭޝްގެ މަޝްހޫރު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ފަރްހާދް މަޒްހަރް ގެއްލިގެން ހޯދަމުން ދަނިކޮށް ބަހެއްގެ ތެރޭގައި އިންދާ ފެނިއްޖެ ކަމަށް ބީބީސީ އިން ރިޕޯޓު ކޮށްފިއެވެ.
ބަންގްލަދޭޝްގެ ސަރުކާރަށް ފާޑުކިޔާ ފަރާތެއް ކަމަށްވާ އަދި ކޮލަމިސްޓެއް ކަމަށްވާ ފަރްހާދް މަޒްހަރް ގެއްލިގެން އާއިލާ އިން ރިޕޯޓުކޮށްފައި ވަނީ ހޯމަ ދުވަހު ހެނދުނު އެވެ.ފަރްހާދް ފެނފައި ވަނީ ކޮންއިރަކު ކަމެއް ބީބީސީ އިން ރިޕޯޓުކޮށްފައެއް ނުވެއެވެ. ހޯމަ ދުވަހު ހެނދުނު ވެރިރަށް ޑާކާ ގައި ހުންނަ އޭނާ ގެ އިން ނިކުތްފަހުން އޭނާ އެނބުރި ގެއަށް ނައުމުން އާއިލާ އިން ފުލުހަށް ރިޕޯޓުކުރިއެވެ. ބައެއް ރިޕޯޓުތައް ބުނެފައި އޭނާ ރަހީނު ކުރުމަށްފަހު ދޫކޮށްލުމަށް ފައިސާވެސް ހުށަހެޅި ކަމަށެވެ. އެހެން ނަަމަވެސް މަޒްހަރް ރަހީނު ކުރިކަން އެއްވެސް ފަރާތާކުން ކަށަވަރު ނުކޮށްދެއެވެ.
އުމުރުން 69 އަހަރުގެ މަޒްހަރު ފެނިފައި ވަނީ ދެކުނު-ހުޅަނގު ހުލްނާ ސިޓީ އިން ވެރިރަށް ޑާކާ އަށް ދަތުރުކުރަމުންދިޔަ ބަހަކުން ކަމަށް ބީބީސީ އިން ބުނެއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނަމުން ދަނީ ބަންގްލަދޭޝް ގައި މީހުން ވަގަށް ނެގުމާއި އަދި ރަހީނު ކުރުން އާންމުވަމުންދާ ކަމަށެވެ.