ފަސް ދުވަސް ތެރޭ ހާލާންޑް ހެދި ދެވަނަ ހެޓްރިކާއެކު, އިނގިރޭސި އެފްއޭކަޕްގެ ސެމީފައިނަލުން މެންޗެސްޓަރ ސިޓީ ޖާގަ ހޯދައިފިއެވެ.
ސިޓީ އެފްއޭކަޕް ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ބާންލީ 6-0 ން ބަލިކޮށްގެންނެވެ. މެޗުގައި ސިޓީން ޖެހި ހަ ލަނޑުގެ ތެރެއިން ފުރަތަމަ ތިން ލަނޑު ޖަހާ ހެޓްރިކް ހެދީ ހާލާންޑެވެ. އޭނާ ހެޓްރިކް ހެދީ 32,35 އަދި 59 ވަނަ މިނެޓުގައި ލަނޑު ޖަހައިގެންނެވެ. މެޗުގައި ޖެހި ތިން ލަނޑާއެކު ސީޒަންގައި ހާލާންޑްގެ މިހާރުގެ ޖުމްލައަކީ 42 ލަނޑެވެ. އިނގިރޭސި ފުރަތަމަ ޑިވިޝަންގެ ކްލަބެއްގައި އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑް މުގުރާލުމުން ވެސް ހާލާންޑް މިހާރު ހުރީ ކައިރީގައެވެ. އެއީ ލިވަޕޫލްގެ ފޯވާޑް ސަލާހުއާއި, ރުޑް ވެން ނިސްތެލްރޫއީ އަތުގައި އޮތް ރެކޯޑެވެ. މެޗުގައި އާޖެންޓީނާގެ ޒުވާން ފޯވާޑް އަލްވާރޭޒް ވެސް ދެ ލަނޑު ޖެހިއެވެ. ފުރަތަމަ ލަނޑު ޖަހަން ހާލާންޑަށް ފުރުޞަތު ތަނަވަސްކޮށްދިނީ ވެސް އަލްވާރޭޒްއެވެ. ސިޓީއަށް ދެން ލަނޑު ޖަހައިދިނީ ހާލާންޑްގެ ބަދަލުގައި 63 ވަނަ މިނެޓުގައި ނިކުމެ ކޯލް ޕަލްމާއެވެ.
ބާންލޭއަކީ ޗެމްޕިއަންޝިޕްގެ އެއްވަނާގައި އޮތް ޓީމެވެ. އެޓީމްގެ ކޯޗަކީ ސިޓީގެ ކުރީގެ ކެޕްޓަން އަދި ލެޖެންޑް ކޮމްޕެނީއެވެ. މެޗަށްފަހު ކޮމްޕެނީ ވަނީ ހާލާންޑަށް ތައުރީފްކޮށްފައެވެ. ބުނީ ޒުވާން އުމުރުގައި ކުރިއެރުން ހޯދަން ހާލާންޑް އެހުރީ ރަނގަޅު ކްލަބްގައި ކަމަށެވެ. އަދި އިރުޝާދު ލިބެމުން އެދަނީ ރަނގަޅު ކޯޗުގެ ފަރާތުން ކަމަށެވެ. ހާލާންޑް އަދިވެސް ކުރިއެރުން ހޯދާނެކަން ކޮމްޕެނީ ފާހަގަކުރިއެވެ.