މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން ވަރުގަދަކޮށް ނަފްރަތު ނައްތާލުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯރޕަރޭޝަން، އޯ.އައި.ސީގެ ގައުމުތަކުން އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ މޮރިޓޭނިއާގެ ނޫއާކްޗޮޓްގައި ކުރިއަށްދާ އޯ.އައި.ސީގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ 49 ވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ މިފަހުން ތުރުކީއާއި ސީރިއާއަށް ކުރިމަތިވި ބިންހެލުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. ބައިނަލްއަގުވާމީ މުޖުތަމައުތަކުން، އެހީތެރިކަމުގެ މަސައްކަތްތައް އަވަސްކޮށްދިނުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލެއްވިއެވެ. އަދި މި ބިންހެލުމުގައި ނިޔާވި އަޚުންނާއި އުޚުތުންގެ އާއިލާތަކަށް ދިވެހި ރައްޔިތުންގެ ނަމުގައި ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ މިފަހަކަށް އައިސް ޤުރުއާން އަންދާލުމާއި، މުސްލިމުންނާމެދު ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް އެކި ކަންކޮޅުތަކުގައި ތަފާތު ކަންކަން ކުރަމުންދާ ކަމަށެވެ. ނަމަވެސް މިކަމުގެ ސަބަބުން ނަފްރަތާއި ހަރުކަށި ފިކުރާއި ދެކޮޅަށް އިސްލާމީ އުންމަތް އިތުރަށް ވާނީ ވަރުގަދަ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ވެސް ވާހަކަ ވާހަކަފުޅު ދައްކަވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލަކީ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ނުރައްކަލެއްގެ ގޮތުގައި އޯއައިސީން ބަލައިގަތުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.
މުސްލިމުންނަކީ އަބަދުވެސް އެއްބައިވަންތަ ބައެއްކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވަނީ ފަލަސްތީނުގެ މުސްލިމުންނަށް ލިބިދޭ ހައްގު ކަށަވަރުކުރުމަށް ރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންނަށް އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ފަލަސްތީނުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމުގައި ކަނޑައަޅައި، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ގޮވާލާ ގޮވާލުން މިނިސްޓަރު ތަކުރާރުކުރެއްވިއެވެ.
މީގެ އިތުރުން ރޮހިންޔާ މުސްލިމުންގެ ހާލަތަށް ވެސް އިޝާރަތް ކުރައްވާ މިނިސްޓަރު ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރޮހިންޔާ މުސްލިމުން ބިރުވެރިކަމުން އެއްކިބާވެފައިވާ ކަރާމާތްތެރި ދިރިއުޅުމެއް އުޅެން ކުރާ މަސައްކަތުގައި އެހީތެރިވެ އެއްބާރުލުން ދިނުމަށް މުސްލިމު ގައުމުތަކަށް ގޮވާލެއްވިއެވެ.