ކ. މާލެ
|
4 ޖުލައި 2017 | އަންގާރަ 13:23
ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް
ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް
މުހައްމަދު ޝަރުހާން
މެމްބަރު ލަތީފް
ޕީޕީއެމް މެމްބަރުކަމުން ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ވަކިވެވަޑައިގެންފި
ލަތީފް ވަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގަ ސޮއި ކުރައްވާފަ
ލަތީފްއަކީ އަމިއްލަ ގޮތުން މަޖިލީހަށް ހޮވިވަޑައިގެންެވި ބޭފުޅެއް
ސަރުކާރުން ކަންކުރަނީ ރައްޔިތުންނަށް ފައިދާހުރި ގޮތަށް ނޫން ކަމަށް ލަތީފް ވިދާޅުވި

ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު އެ ޕާޓީގެ މެމްބަރުކަމުން ވަކިވެވަޑައިގެންފި އެވެ.

ޕީޕީއެމްއިން ވަކިވެވަޑައިގަންނަވާފައިވާކަން ލަތީފް "ރާއްޖެއެމްވީ" އަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ޕީޕީއެމްގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް އެޑްރެސް ކުރައްވާ ލަތީފް ވިދާޅުވެފައިވަނީ ދިއްދޫ ދާއިރާގެ ގޮނޑި އޭނާ ކާމިޔާބު ކުރައްވާފައިވަނީ އަމިއްލަ ގޮތުން ކަމަށާއި އޭނާ ޕީޕީއެމާއި ގުޅުނީ ސަރުކާރާއި ގުޅިގެން ގައުމާއި ދިއްދޫގެ ރައްޔިތުންނަށްޓަކައި ހިދްމަތް ކުރުމުގެ ފުރިހަމަ އަޒުމާއި އުއްމީދުގަ ކަމަށެވެ.

ތަރައްގީއާއި ކުރިއެރުމަށް ބޭނުންވެފައިވާ ދިވެހި ޒުވާނުންގެ ހުވަފެންތަކުގައި ހަގީގީ ކުލަޖައްސައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ބޭރުން މަސައްކަތްތަކެއް ކުރުމުގެ ނިޔަތުގައި ކަމަށް ލަތީފް ވިދާޅުވެފައިވެއެވެ.

ނަމަވެސް ފާއިތުވި ދެތިން އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި، ޕީޕީއެމް އިސްކޮށްއޮވެ، ނިންމާފައިޥާ ބައެއް ނިންމުންތަކަކީ ޒުވާނުންނާއި ރައްޔިތުންގެ ހެވާއި ލާބައަށް ނިންމާފައިވާ ނިންމުންތަކެއް ނޫންކަން އިހުސާސް ކުރެވޭ ކަމަށެވެ. އެހެންނަމަވެސް ޕީޕީއެމްގެ މެމްބަރަކަށް ވީތީ، މިހާތަނަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ނެރެފައިވާ ހުރިހާ ވިޕްލައިނާ އެއްގޮތަށް ވޯޓް ދެއްވާފައިވާނެ ކަމާއި ސަރުކާރުގެ ދިފާއުގައި އެންމެ ވަރުގަދައަށް އެކިއެކި މީޑިއާތަކުގައާއި ޕޯޑިއަމްތަކުގައި އަޑު އުފުއްލަވާފަވާ އެއް މެމްބަރު ކަމުގައިވާނެ ކަމަށްވެސް ލަތީފްގެ އެސިޓީގައި ވެއެވެ.

 

ނަމަވެސް މަޖިލީހުގައި ޕީޕީއެމުން ނިންމާފައިވާ މުހިއްމު ބައެއް ނިންމުންތަކާއި ސަރުކާރުގެ ސިޔާސަތުތަކަށް ޕީޕީއެމްގެ އާއްމު މެމްބަރުންގެވެސް މާބޮޑު ތާއީދެއް ނެތްކަން ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާއިން ވަރަށް ސާފުކޮށް ފެނިގެން ހިނގައްޖެކަން އެއީ އެންމެނަށް ވެސް ގަބޫލުކުރެވޭނެ ހަގީގަތެއްކަމަށް ވެސް ލަތީފްގެ އެސިޓީގައި ވިދާޅުވެފައިވެއެވެ.

"ވީމާ، ދިއްދޫގެ ޒުވާނުންނާއި ރައްޔިތުންގެ ހައްގުގައި ސާބިތުވެހުރެ، އިތުރަށް މަސައްކަތްކުރަން ބޭނުންވާތީ، ޕީޕީއެމް ޕީޖީ ގްރޫޕުން ނެރޭ ކޮންމެކޮންމެ ވިޕްލައިނަކާ އެއްގޮތަށް ވޯޓް ދިނުމަކީ އަޅުގަނޑަށް ކުރެވިދާނެ ކަމަކަށްނުވާތީ، ޕީޕީއެމްގެ މެމްބަރުކަމުން މިއަދުން ފެށިގެން އަޅުގަނޑު ވަކިވެފައިވާ ވާހަކަ ދެންނެވުމަށް މިފުރުސަތުގެ ބޭނުން ކުރަމެވެ،" މިދިއަ ޖޫން މަހު ރައީސް ޔާމީންއަށް ލަތީފް ފޮނުއްވި ސިޓީ ނިންމާލައްވަމުން ވިދާޅުވެފައިވެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުރުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު ހޯމަ ދުވަހު ހުށަހެޅިއިރު، އެލިސްޓްގައި ލަތީފް ވެސް ސޮއި ކުރައްވާފަ އެވެ.

- ކޮމެންޓް