ދަން ޖެއްސިއަސް ރައްޔިތުންގެ މަޖިލީހަށް ހޮވައިދިން ރައްޔިތުންނަށް ހަރާންކޯރު ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދައިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ދީދީ މިހެން ވިދާޅުވީ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.
Alhugadu Dhanjessiyas alhugandu hovaidhin rayyithunnah haraankoaruvaane evves gotheh nuonnaane
— Ibrahim M Didi (@ibrahimmdidi) July 4, 2017
މިކަމާ ގުޅޭ ގޮތުނ އިބްރާހިމް ދީދީ ވިދާޅުވީ، ސީދާ މިއީ ރައީސް ޔާމީން ސިޔާސީ ކަމެއްގައި ބަލަން ނިންމި މައްސަލައެއް ކަމަށާއި އަދި މިކަމަކީ މަޖިލީހުގ ތެރެއިން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް މަސައްކަތް ކުރަމުންދާ ދުވަސްވަރެއްގައި އެކަން ހުއްޓުވުމަށް ކުރެއްވި ކަމަށެވެ.
އިބްރާހިމް ވަނީ މިކަމަކީ ހައިކޯޓުގެ ހުކުމާ ހިލާފަށް ޕީޖީ އޮފީހުން ކޮށްފައިވާ ދައުވާއެއް ކަމަށް ވިދާޅުވެފަ އެވެ.
މިފަދަ ގޮތަކަށް އޭނާ ޓްވީޓު ކުރައްވާފައިވާ އިރު ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް ކުރަން އުޅުނު ދައުވާ އަނބުރާ ގެންދިއުމަށްފަހު، އަލުން އެ ދައުވާ އުފުލުމަށް ނިންމި ކަން ވަނީ ހާމަވެފައެވެ. އަބްދުﷲ ގާޒީ ހައްޔަރު ކުރި އިރު މުހައްމަދު ދީދީ ހުންނެވީ، އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކޮމާންޑަރަކަށެވެ.
ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ކޮށްފައިވާ ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައިވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ކަމަށް ބުނެ އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ޕީޖީ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.
އެ މައްސަލަ އަނބުރާ ގެނގޮސްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެހެން ކަމުން އެ ދައުވާ އިބްރާހިމް ދީދީގެ މައްޗަށް އަލުން ކުރީ، 15 މަސް ދުވަހަށް ފަހު އެވެ.
ޕީޖީ އޮފީހުން 25 ޖޫން 2015 ގައި ވަނީ އިބްރާހިމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ނުކުރާނެ ކަމަށް ބުނެ އެކަން އޭނާއަށް އަންގާފަ އެވެ. އެހެން ނަމަވެސް، އަނެއްކާވެސް އެ މައްސަލަ ބެލުމަށް ނިންމީ ޕީޖީއަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށް އެ އޮފީހުން ބުނެ އެވެ.
ޕީޖީ އޮފީހުން އިބްރާހިމް ދީދީގެ މައްޗަށް އަލުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އިރު ހައިކޯޓުން ކޮށްފައިވާ ހުކުމެއްގައި ބުނެފައިވަނީ ޕީޖީ އޮފީހުގެ ފަރާތުން މައްސަލައެއްގައި މުރާޖައާ ކުރުމަށް ނުވަތަ ދިރާސާކުރުމަށް ނޫން ގޮތަކަށް މައްސަލަ އަނބުރާ ގެންގޮސްފި ނަމަ އެ މައްސަލައެއްގައި ދެން އަލުން ދައުވާ ނުކުރެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި މީހެއްގެ މައްޗަށް ދައުވާ ކުރެވޭ މައްސަލައެއްގައި ދައުވާ ނުކުރާނެކަން އެމީހަކަށް ޕީޖީ އޮފީހުން އަންގައިފައިވާނަމަވެސް އެފަދަ މައްސަލައެއްގައިވެސް ދައުވާ ނުކުރެވޭނެ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ. ހައިކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ 2012 ވަނަ އަހަރު ހައިކޯޓުން ކޮށްފައިވާ ހުކުމެއްގަ އެވެ
އަބްދުﷲ ގާޒީ ހައްޔަރުކުރި ކަމަށް ބުނާ މައްސަލައިގައި މީގެ ކުރިން ފަސް ބޭފުޅެއްގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ ދައުލަތުން އުފުލާފައި ވެއެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ޓެރެރިޒަމްގެ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާ 13 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފަ އެވެ. އަދި އޭރުގެ ރައީސް ނަޝީދު ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި 10 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އިބްރާހީމް ދިދީގެ މައްސަލަ ދައުލަތުން އަނބުރާ ގެންދިޔައިރު، ގިނަ ދުވަސްތަކެއް ވަންދެން އިބްރާހީމް ދީދީ އުޅުއްވަމުން ގެންދެވީ އާލާސްކަންފުޅެއްގައި ބޭސްފަރުވާއަށް ރާއްޖޭން ބޭރުގަ އެވެ.
ދައުލަތުން އިބްރާހިމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާއިރު، ދީދީ އަކީ ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި އުދުވާނީ ހަމަލާގައި، ސިފައިންގެ މީހެއްގެ ހައިސިއްޔަތުން ޓެރަރިސްޓުންގެ ކިބައިން ރާއްޖެ ސަލާމަތް ކުރުމަށް ވަރަށް މަތިވެރި ދައުރެއް އަދާ ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަ ކުރެވެއެވެ.