Advertisement
ކ. މާލެ
|
4 ޖުލައި 2017 | އަންގާރަ 12:32
އެމްއެމްޕީއާރުސީގެ އޮފީސް ކައިރީގައި ފުލުހަކު ފޯރިމަރަނީ
އެމްއެމްޕީއާރުސީގެ އޮފީސް ކައިރީގައި ފުލުހަކު ފޯރިމަރަނީ
ގޫގުލް
އެމްއެމްޕީއާރުސީ
އެސްއޯއެފްގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދަން ނިންމައިފި
ފުރަތަމަ އަޑުއެހުން ވެސް ކެންސެލް ކުރީ އެސްއޯއެފް ހާޒިރު ނުވުމުން
އެމްއެމްޕީއާރުސީ ހާޒިރުނުވި ކަމަށް ބުނެ މީގެކުރިން މި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލާފައިވޭ

 

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން 165 މިލިއަނެއްހާ ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ސިވިލް ކޯޓުގައި ދައުވާކުރާ މައްސަލަ އެސްއޯއެފްގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.

ކޯޓު އޮފިޝަލް ވިދާޅުވި މައްސަލަ އެސްއޯއެފްގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންދަން ނިންމީ އަންގާރަ ދުވަހު 11:15އަށް ތަވާލްކޮށްފައި އޮތް މައްސަލައަށް ކޯޓަށް ހާޒިރުވުމުގެ ޗިޓް އެސްއޯއެފް އަށް ލިބި ވަކި އެއްޗެއް ނައަންގާ ކޯޓަށް ހާޒިރުވެފައި ނުވާތީ ކަމަށެވެ.

ކޯޓު އޮފިޝަލް ވިދާޅުވީ މައްސަލާގައި ދެން އެސްއޯއެފް ފޮނުވާނީ ރަތް ޗިޓެއް ކަމަށް ކޯޓުން ބުނެފައިވާ ކަމަށާއި އެ ޗިޓަކީ މައްސަލަ ޣައިރުހާޒިރުގައި ކުރިއަށް ގެންދާނެކަން އަންގާ ފޮނުވާ ޗިޓެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މީގެ އިތުރުން ކޯޓު އޮފިޝަލް ވިދާޅުވީ ދެން މައްސަލައިގެ އަޑުއެހުމެއް ތާވަލް ކުރާނެ ވަކި ތާރީހެއް ފަހުން އަންގާނެ ކަމަށެވެ.

އެމްއެމްޕީއާރުސީން އެސްއޯފްއާ ދެކޮޅަށް ދައުވާކުރާ މައްސަލައިގެ ޝަރީޢަތުގެ މަރުހަލާ ފެށި މިއީ ދެވަނަ ފަހަރެވެ. އެގޮތުން އެންމެ ފުރަތަމަ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި ދެ ފަރާތުގެ ދެމެދުގައި ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ނުލިބުމުން މައްސަލަ ޝަރީޢަތަށް ފޮނުވިއެވެ. އަދި ޝަރީޢަތުގެ މަރުހަލާގައި ދެ ފަރާތުން ބަދަލު ކުރަން ޖެހޭ ބަޔާންތައް ބަދަލުކޮށް ނިމިފައި ވަނިކޮށް ސިވިލް ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފައެވެ.

އޭރު އެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލާފައި ވަނީ ޝަރީޢަތުގެ އަޑުއެހުމަށް އެމްއެމްޕީއާރުސީ ހާޒިރު ނުވި ކަމަށް ބުނެއެވެ. ނަމަވެސް އެމްއެމްޕީއާރުސީން ބުނެފައި ވަނީ އެ ފަރާތުން ޝަރީޢަތަށް ހާޒިރު ނުވީ މައްސަލައިގެ ޗިޓް ލިބިފައި ނުވާތީ ކަމަށެވެ.

އެމްއެމްޕީއާރުސީން ދައުވާ ކޮށްފައިވަނީ އެ ދެ ކުންފުނީގެ ދެމެދުގައި ހެދިފައި އޮތް އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ 10.3 މިލިއަން ޑޮލަރު (158 މިލިއަން ރުފިޔާ) އާއި އެމްއެމްޕީއާރުސީން އެސްއޯއެފަށް ދޫކުރި ހަތަރު ލައްކަ ޑޮލަރު (6.1 މިލިއަން ރުފިޔާ) އެކީ އެއްފަހަރާ ހޯދުމަށެވެ. އަދި އެ ދެ ކުންފުނީގެ ދެމެދުގައި އޮތް އެއްބަސްވުން އުވާލަން ވެސް ދައުވާގައި އެމްއެމްޕީއާރުސީން އެދިފައި ވެއެވެ.

އެސްއޯއެފް ކުންފުންޏަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާތްގުޅުމެއް އޮންނަ އަދި ހިބަޅިދޫމައްސަލައާއިއެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އިންޓަޕޯލް މެދުވެރިކޮށް ހޯދަން އިއުލާނުކޮށްފައިވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ ހިއްސާ އޮތް ކުންފުންޏެކެވެ. ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށްލިބެންޖެހޭ 1.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެސްއޯއެފް މެދުވެރިކޮށް އެކި ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގައި އެސްއޯއެފް ކުންފުނި މެދުވެރިކޮށް އެކި ފަރާތްތަކަށް 1.3 ބިލިއަންރުފިޔާ ބަހާފައިވާއިރު، އޭގެ ތެރެއިން ފަސް މިލިއަން ޑޮލަރަކަށް ޚިޔާނާތްތެރިވި މައްސަލާގައި އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ވަނީ ޖަލަށްލާފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް