ކ. މާލެ
|
16 މާރޗް 2023 | ބުރާސްފަތި 11:36
ބިން ހިއްކުމުގެ މަސައްކަތް ކުރުން
ބިން ހިއްކުމުގެ މަސައްކަތް ކުރުން
އެމްޓީސީސީ
ޕީއެސްއައިޕީ
ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރި ޚަރަދު 1.4 ބިލިއަނަށް!
ދައުލަތުން މިހާތަނަށް ކުރި ޚަރަދު 7.6 ބިލިއަނަށް އަރާ
ބިން ހިއްކުމާއި، މަގު ހެދުމަށް 403.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ
ދަތުރުފަތުރުގެ މަޝްރޫއުތަކަށް 370.2 މިލިއަން ރުފިޔާ ހިނގާފައިވޭ

ޕީއެސްއައިޕީ މަޝްރޫއުތައް 1.4 ބިލިއަން ރުފިޔާއިން މައްޗަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މާރޗް 9 ގެ ނިޔަލަށް ދައުލަތުން މިއަހަރު ކުރި ޚަރަދު ވަނީ 7.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން 1.48 ބިލިއަން ރުފިޔާ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ޚަރަދުކޮށްފައިވާކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

މިއީ ފާއިތުވި އަހަރުގެ މިހާތަނަށް ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ޚަރަދުކުރި މިންވަރަށްވުރެ އިތުރު އަދަދެކެވެ. މިގޮތުން 2022 ވަނަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ޚަރަދުކޮށްފައިވަނީ 1.32 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ބިން ހިއްކުމާއި، މަގު ހެދުމުގެ މަސައްކަތަށް ކަމަށެވެ. 403.3 މިލިއަން ރުފިޔާ މި މަސައްކަތްތަކަށް ޚަރަދުކޮށްފައިވާއިރު، މަގު ހެދުމުގެ މަސައްކަތަށް 212.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ބިން ހިއްކުމުގެ މަސައްކަތަށް 191 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 155.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށާއި، ދަތުރުފަތުރުގެ މަޝްރޫއުތަކަށް 370.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ. މީގެ ތެރެއިން ބަނދަރުގެ މަޝްރޫއުތަކަށް 264.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ބްރިޖް ހެދުމުގެ މަސައްކަތަށް 72.3 މިލިއަން ރުފިޔާ ޕީއެސްއައިޕީން ވަނީ ޚަރަދުކޮށްފައެވެ. އަދި އެއަރޕޯޓުތައް ތަރައްގީކުރުމުގެ މަސައްކަތަށް 33.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތްތަކަށް 148.1 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް 90.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ ތެރޭގައި ކުނި މެނޭޖްކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ފެންހިންދާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

ތައުލީމީ ނިޒާމުގެ މަސައްކަތްތަކަށް 93.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ތެރޭގައި ޔުނިވަރސިޓީއާއި، ސްކޫލްތަކަށް ކުރި ޚަރަދު ހިމެނެއެވެ. މީގެ އިތުރުން ގައުމީ ސަލާމަތާ ޝަރުއީ ނިޒާމާ ގުޅުންހުރި މަޝްރޫއުތަކަށް 67.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ސިއްހީ ދާއިރާ ކުރިއަރުވަން ކުރާ މަސައްކަތްތަކަށް މިހާތަނަށް ޚަރަދުކޮށްފައިވަނީ 22.5 މިލިއަން ރުފިޔާއެވެ. އިޖުތިމާއީ އަދި ދީނީ ކަންކަމާ ގުޅުންހުރި މަޝްރޫއުތަކަށް 75 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅުންހުރި މަޝްރޫއުތަކަސް 1.3 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

- ކޮމެންޓް