މި ސަރުކާރުން ރާއްޖެ ތަރައްގީ ކުރުމަށް ހާއްސަ ތަސައްވަރެއް ގެންގުޅޭ ކަމަށާއި އެ ތަސައްވަރު އެއްކޮށް އަދި ފަސް އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަ ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިފަދައިން ވިދާޅުވީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން، މި ސަރުކާރުން ގެންގުޅޭ ތަސައްވަރަކީ މުޅި ރާއްޖެއާ ގުޅޭގޮތުން އޮތް ތަސައްވަރެއް ކަމަށާއި އެ ތަސައްވަރު ވަނީ ލިޔެވިފައި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ފާއިތުވި އަހަރުތަކުގައި ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ އެއީ ރާއްޖޭގެ ވެރިކަން ކުރި ބޭފުޅުންގެ ވިސްނުންފުޅުގެ ސަބަބުން އައި ބަދަލުތަކެއް ކަމަށާއި އެއީ އެ ވެރިން ރާއްޖެއާ މެދު ދެކުނު ތަސައްވަރު ކަމަށެވެ. ހަމައެގޮތަށް މި ސަރުކާރުގައި ވެސް ވަރަށް ސާފު ތަސައްވުރެއް އެބައޮތް ކަމަށާއި އެގޮތުން މި ތަސައްވަރުގެ ދަށުން ރާއްޖެ ތިން ސަރަހައްދަކަށް ބަހާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮންމެ ސަރަހައްދެއްގައި ދެ ޒޯނު ހަދައި ޖުމްލަ ހަ ޒޯނެއްގޮތަށް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަސްލަމް ވިދާޅުވީ ތަރައްގީއަށް ބޭނުންވާ އެންމެ މުހިންމު އެއް އަސާސަކީ ދަތުރުފަތުރުގެ ފަސޭހަކަން ކަމަށްވާއިރު ވައިގެ ނިޒާމަށް ބޭނުންވާ އިންފްރާސްޓްރަކްޗަގެ 80 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަ މަސައްކަތްތައް ނިމުމުން އެ ނިޒާމުގެ އިންފްރާސްޓްރަކްޗަރ އެއްކޮށް ނިމުނީކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ވައިގެ ދަތުރުފަތުުރުގެ އިންފްރާސްޓްރަކްޗާއަށްފަހު ދެން އޮތީ ކަނޑުގެ ދަތުރުފަތުރުކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ ގއ. އަދި ގދ. ގައި އަންނަ ޖުލައި މަހު އާރުޓީއެލްގެ ޚިދުމަތް ފެށިގެންދާނެ ކަމަށެވެ. އަދި އުއްމީދަކީ އަހަރު ނިމުމުގެ ކުރިން މުޅި ދެކުނު އެއްކޮށް ގުޅާލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ ވައިގެ ނިޒާމުގެ އިންފްރާސްޓްރަކްޗަރއާއެކު ދަތުރުފަތުރު ކުރާގޮތް ބަދަލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ވައިގެ މަގުން އެއް އެއަރޕޯޓު އަނެއް އެއަރޕޯޓާ ގުޅުވާލެވި އޭގެ ތެރެއަށް އާރުޓީއެލްގެ ޚިދުމަތް އައުމުން ނިޒާމު ފުރިހަމަވީ ކަމަށާއި މި ސަރުކާރުން ރާއްޖެއާމެދު ކުރާ މި އުއްމީދު އަވަސް މުސަތުބަލެއްގައި ފުރިހަމަވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިވަގުތު އެކަން ކުރަން ހުންނެވި މާލިމީއަކަށް ހުންނެވި ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓާއި ކުންފުނިތަކުގެ ވެރިންނަކީ އަޅުގަނޑު މިދެންނެވި ޕްލޭނާ އެއްގޮތަށް ރާއްޖޭގެ ތަސައްވަރެއްއް އޮވެގެން، އެ ތަސައްވަރު ހަގީގަތަކަށް ހަދައިދޭން މަސައްކަތް ކުރާ ބައެއް. އޭރުން އަޅުގަނޑުމެންނަށް ބޮޑުތަނުން ކުރައަރައިދެވޭނެ. މި ދެންނެވި ހުރިހާ ކަމެއް ކޮށް ނިންމާލެވޭނެ އަދި ފަސް އަހަރު ތެރޭގައި،ޕްލޭނިން މިނިސްޓަރު އަސްލަމް