ކ. މާލެ
|
4 ޖުލައި 2017 | އަންގާރަ 12:00
މާލޭ ލީގުގައި މާޒިޔާ އަދި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން
މާލޭ ލީގުގައި މާޒިޔާ އަދި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން
މާޒިޔާ ސްޕޯރޓްސް ކްލަބް
މާލޭ ލީގު
މާލޭ ލީގު: މާޒިޔާ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރިއިރު، ޓީސީ އަށް ހުރަސްތަކެއް
މާޒިޔާ ވަނީ 24 ހަމަކޮށް އެއްވަނައިގައި ހަމަޖެހިލާފައި
ޓީސީ އޮތީ 14 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަ ވަނައިގައި
ޓީސީ އަދި މާޒިޔާ ބައްދަލުކުރި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުން

މާލޭ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރިއިރު، ޓީސީ ސްޕޯޓްސް ކްލަބަށް ހުރަސްތަކާ ކުރިމަތިވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ މާޒިޔާ އަދި ޓީސީ ބައްދަލުކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

ފުރަތަމަ ހާފް ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ލަނޑު ޖެހުމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ވަނީ ދެ ޓީމަށް ވެސް ލިބި ބޭކާރުވެފައެވެ.

މެޗުގައި މާޒިޔާ އަށް ހުރަސްތަކާ ކުރިމަތިވީ 40 ވަނަ މިނެޓުގައި އެޓީމުގެ މިޑްފިލްޑަރު އަސްހަދު އަލީ (އަޑުބަރޭ) އަށް ރެފްރީ ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ޓީސީގެ އަބްދުﷲ ހަނީފް (ބެންޖޯ) އަށް ފަހަތުން ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

ދެވަނަ ހާފް ފެށިގެން ޓީސީން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، ހަމަލާތަކެއް ވެސް އެޓީމުން ވަނީ މާޒިޔާގެ ގޯލަށް ފޮނުވާލާފައެވެ. އެހެންނަމަވެސް 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ މާޒިޔާ ކޮޅަށް އެޓީމަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއްނުވިއެވެ.

މީގެ އިތުރުން ވަރަށް އޯގަނައިޒްކޮށް ކުޅެމުންދިޔަ މާޒިޔާއަށް ވެސް ދެވަނަ ހާފްގައި ލަނޑު ޖެހުމަށް ފުރުސަތަކެއް ލިބިފައިވާއިރު، އެޓީމަށް ވެސް ވަނީ މެޗު ނިމިގެންދިޔައިރު ވެސް ޓީސީގެ ގޯލު ފޫއަޅުވާލެވޭ ގޮތް ނުވެފައެވެ.

މި ނަތީޖާއާއެކު މާޒިޔާ ވަނީ ކުޅުނު 11 މެޗުން 24 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. ޓީސީ އޮތީ 11 މެޗުން ލިބުނު 14 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަ ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް