ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި ކަމަށް ބުނާ މައްސަލައިގައި އޭރު އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކޮމާންޑަރަކަށް ހުންނެވި، އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ (ބްރިގޭޑިއަރ ޑީޑީ)ގެ މައްޗަށް ކުރިން އުފުލި ދައުވާ އަނެއްކާވެސް އުފުލައިފި އެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އެކަން "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދެއްވާފަ އެވެ. ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި ކަމަށް ބުނާ މައްސަލައިގައި މީގެ ކުރިން ފަސް ބޭފުޅެއްގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ ދައުލަތުން އުފުލާފައި ވެއެވެ. ފަހުން ވަނީ އެ މައްސަލަ އަނބުރާ ވަނީ ގެންގޮސްފައެވެ.
އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ޓެރެރިޒަމްގެ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާ 13 އަހަރުގެ ޖަލު ހުކުމެއް ދަނީ ދަނީ ތަންފީޒު ކުރައްވަމުންނެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި 10 އަހަރުގެ ޖަލު ހުކުމެއް ދަނީ ތަންފީޒު ކުރައްވަމުންނެވެ.
ނަމަވެސް ކުރީގެ އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި އެމްއެމްޑީއެފްގެ ކުރީގެ ކާނަލް ރޭންކްގެ މަގާމުގައި ހުންނެވި މުހައްމަދު ޒިޔާދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
އިބްރާހީމް ދިދީގެ މައްސަލަ ދައުލަތުން އަނބުރާ ގެންދިޔައިރު، ގިނަ ދުވަސްތަކެއް ވަންދެން އިބްރާހީމް ދީދީ އުޅުއްވަމުން ގެންދެވީ އާލާސްކަންފުޅެއްގައި ބޭސްފަރުވާއަށް ރާއްޖޭން ބޭރުގަ އެވެ.