Advertisement
ކ. މާލެ
|
14 މާރޗް 2023 | އަންގާރަ 13:22
ލޯކަލް ކައުންސިލް އިންތިހާބު 2020ގެ އޮފިޝަލުން
ލޯކަލް ކައުންސިލް އިންތިހާބު 2020ގެ އޮފިޝަލުން
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބަށް އޮފިޝަލުން ހޯދުން
ރިޔާސީ އިންތިޚާބަށް 5600ށް ވުރެ ގިނަ އޮފިޝަލުން ހޯދަނީ
ޖޫން 22ގެ 13:00 ގެ ކުރިން ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންޖެހޭ
މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެ
އިންތިޚާބު ބާއްވަން ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު

ރިޔާސީ އިންތިޚާބު 2023ގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ ގިނަ އަދަދެއްގެ އޮފިޝަލުން ހޯދަން އިއުލާންކޮށްފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ)ން ބުނީ 2023 ސެޕްޓެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން ބޭނުންވާ ކަމަށާއި، ޝަރުތުތައް ހަމަވާ މީހުން އޮންލައިންކޮށް ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ރާއްޖެއެމްވީއަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިޚާބަށް ގާތްގަނޑަކަށް 5،600 އޮފިޝަލުން ނެގުމަށް ނިންމާފައިވާ ކަމަށެވެ.

އޮފިޝަލުންނަށް ދޭ މުސާރައަކީ ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް 1500 ރުފިޔާ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1200 ރުފިޔާ، ވޯޓުލާ މަރުކަޒެއްގެ އޮފިޝަލަކަށް 1000 ރުފިޔާ އަދި ރިސާވް އޮފިޝަލަކަށް 500 ރުފިޔާ އެވެ.

Advertisement

މީގެ އިތުރުން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ ފޯނު އެލަވަންސްގެ ގޮތުގައި ސަތޭކަ ރުފިޔާ ލިބޭނެއެވެ. މި މަސައްކަތަށް ކުރިމަތިލާ މީހުން މިމަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެއެވެ. ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ފުރިހަމަ ކުރުމުން ޓްރޭނިންގ އެލަވަންސްގެ ގޮތުގައި ތިންސަތޭކަ ރުފިޔާ ލިބޭނެއެވެ. އަދި މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުސަތު ނުދެވޭނެ ކަމަށް އީސީން ބުނެއެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

މީގެ އިތުރުން އީސީން ބުނީ ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތަކުން ، އޮބްޒާވަރ، މޮނިޓަރ، އަދި ކެންޑިޑޭޓްގެ މަންދޫބަކަށް ވުމަށް އެދި ފޯމު ހުށަހަޅާ ފާސް ދޫކުރެވިއްޖެނަމަ، އެ ފަރާތަކުން އޮފިޝަލުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާފައިވާ ފޯމު ބާތިލުވާނެ ކަމަށެވެ.

އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ މީހުން 2023 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އޮންލައިން ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ. އަދި ބޭނުންވާ އަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެ ކަމަށް އީސީން ބުނެއެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ސެޕްޓެމްބަރު މަހުގެ 30 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް