އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތްދަށުން މޫސަލް ހިފުމަށް އިރާގު އަސްކަރިއްޔާ އިން ހަނގުރާމަ ކުރަމުންދާއިރު މޫސަލްގެ ހަނގުރާމަ ވަރަށް ވަރުގަދަވެފައިވާ ކަމަށާއި އަދި އައިއެސް އިން ދެމުންދާ ޖާނުންފިދާވުމުގެ ހަމަލާތައް ވެސް ވަރަށް އިތުރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން މޫސަލްގައި އައިއެސްގެ ކޮންޓްރޯލް އޮތް އެންެމެ ފަހުގެ ސަރަހައްދު ކަމަށްވާ "އޯލްޑް ސިޓީ" އަށް އިރާގު އަސްކަރިއްޔާ އިން ދަނި ވަރުގަދަ ވައިގެ ހަމަލާތައް ދީ އަދި އެހެނިހެން ގޮތްގޮތުން ހަމަލާ ދެމުންނެވެ. އަދި މޫސަލްގައި ތިބި އިރާގުގެ އަސްކަރިއްޔާގެ ކޮމާންޑަރުން "އޯލްޑް ސިޓީ" ގެ ކޮންޓްރޯލް ވަރަށް އަވަހަށް އަތުލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިރާގު އަސްކަރިއްޔާ އިން މޫސަލްގައި ކުރިއެރުންތައް ހޯދަަމުން ދިޔައަސް ޖާނުން ފިދާވުމުގެ ވަރަށް ގިނަ ހަމަލާތަކެއް އައިއެސް އިން ދެމުންދާ ކަމަށް ވެއެވެ. އަދި ޖާނުންފިދާވުމުގެ ވަރަށް ގިނަ ހަމަލާތަކެއްގައި އަންހެނުން ބޭނުން ކުރާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އައިއެސް އަތްދަށުން މޫސަލް މިނިވަން ކުރުމުގެ ހާއްސަ އޮޕަރޭޝަން އައިއެސް އިން ފެށީ އޮކްޓޯބަރު 2016 ގައެެވެ.
އިރާގު އަސްކަރިއްޔާ އިން މޫސަލް މިނިވަންކުރުމުގެ އޮޕަރޭޝަން ހިންގަމުން ދަނީ ގުޅިފައިވާ ކޯލިޝަނެއްގެ ތެރެއިންނެވެ. އޭގެ ތެރޭގައި ޝިއާ ހަނގުރާމަވެރިންނާއި، އަދި އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަން ހިމެނެއެވެ.
އިރާގު ސަރުކާރުން ވަނީ ޖެނުއަރީ 2017 ގައި އިރުމަތީ މޫސަލް އައިއެސްގެ އަތްދަށުން މިނިވަންކޮށްފައިވާ ކަމަށް ބުނެފައެވެ. އިރާގު އަސްކަރިއްޔާ އަށް ވަނީ ހުޅަނގު މޫސަލް މިނިވަން ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިލާން ޖެހިފައެވެ.