އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓެންހަމްއާއި, ޗެލްސީވެސް މުހިއްމު މޮޅެއް ހޯދައިފިއެވެ.
ތާވަލްގެ ހަތަރު ވަނާގައި އޮތް ޓޮޓެންހަމް މޮޅުވީ ނޮޓިންގހަމް ފޮރެސްޓާ ވާދަކޮށް 3-1 ނެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހާ ޓޮޓެންހަމްއަށް ކުރިހޯދައިދިނީ ހެރީ ކޭންއެވެ. އޭނާ ދެވަނަ ގޯލް ޖެހީ ޕެނަލްޓީއަކުންނެވެ. ދެވަނަ ހާފްގެ ކުރީކޮޅު ތިންވަނަ ގޯލް ޖެހީ ރިޗާލިސަން ތަނަވަސްކޮށްދިން ފުރުޞަތަކުން ސޮންއެވެ. ކޯޗު ކޮންޓޭއާއި ރިޗާލިސަންއާ ދެމެދު ޖެހުނު މައްސަލަތަކަށްފަހު މެޗު ފެށީ ރިޗާލިސަން ފުރަތަމަ އެގާރައިގަ ހިމަނައިގެންނެވެ. ދެވަނަ ގޯލް ކޭން ޖެހީވެސް ރިޗާލިސަންއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުންނެވެ.
ނޮޓިންގހަމް ފޮރެސްޓުން ހަމައެކަނި ލަނޑު 81 ވަނަ މިނެޓުގައި ޖެހީ ވޯރަލްއެވެ. މެޗުން މޮޅުވެ ޓޮޓެންހަމް ވަނީ ގަދަ ހަތަރެއްގައި ހަ ޕޮއިންޓްގެ ލީޑެއް ހޯދާފައެވެ. އެއީ ފަސްވަނާގައި އޮތް ލިވަޕޫލް މިހަފްތާގައި ބޯންމައުތް އަތުން ބަލިވުމުންނެވެ. ޓޮޓެންހަމް ހަތަރު ވަނާގައި އޮތީ 27 މެޗުން 48 ޕޮއިންޓާއެކުއެވެ. ލިވަޕޫލް ފަސްވަނާގައި އޮތީ 26 މެޗުން 42 ޕޮއިންޓާއެކުއެވެ.
ޗެލްސީ މެޗު ކާމިޔާބުކުރީ ލެސްޓާ ސިޓީއާ ވާދަކޮށް 3-1 ނެވެ. 11 ވަނަ މިނިޓްގައި ޗެލްސީއަށް ކުރިހޯދައިދިނީ ޗިލްވެލް އެވެ. އެކަމަކު 39 ވަނަ މިނިޓްގައި ޑާކާ ލަނޑެއް ޖަހާ ލެސްޓާ ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ޗެލްސީން ދެވަނަ ފަހަރަށް ކުރިހޯދީ ފުރަތަމަ ހާފްގެ އިތުރުގެ ވަގުތުގެވެސް ހަވަނަ މިނިޓްގައި ކައި ހާވާޓްޒް ޖެހި ގޯލުންނެވެ. ޗެލްސީން ފަރަގު ބޮޑުކުރީ 78 ވަނަ މިނިޓްގައި ކޮވަސިޗް ޖެހި ލަނޑުންނެވެ. މެޗު ލެސްޓާ ސިޓީން ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ 87 ވަނަ މިނިޓްގައި ފައެސްއަށް ދެވަނަ ރީނދޫކާޑާއެކު ރަތްކާޑް ދެއްކުމުންނެވެ. ލެސްޓާ ސިޓީން ލަނޑެއް ޖެހުމުގެ ކުރިން ޔާއޯ ފެލިކްސް ޗެލްސީއަށް އިތުރު ލަނޑެއް ޖަހައިދިން ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ގަބޫލުނުކުރީއެވެ. އެއީ އޮފްސައިޑް ވުމުންނެވެ.
މިއީ އުނދަގޫ ހާލަތަކަށްފަހު ޗެލްސީން ވިދިވިދިގެން ހޯދި ތިންވަނަ މޮޅެވެ. ޗެލްސީ އޮތީ ތާވަލްގައި 37 ޕޮއިންޓާއެކު 10 ވަނާގައެވެ.