ކޮވިޑުގެ ހާލަތުގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާ ފަތުރުވެރިކަން އަވަހަށް ފަށައިގަތުމުން ދުނިޔޭގެ ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) ގެ ސެކްރެޓަރީ ޖެނެރަލް ޒުރާބް ޕޮލޮލިކަޝްވިލީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ތައުރީފު ކުރައްވައިފިއެވެ.
ރައީސް ޖަރުމަންވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާރޗް 09 ވަނަ ދުވަހު ޒުރާބް ޕޮލޮލިކަޝްވިލީ ވަނީ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމަށްފަހު ޒުރާބް ޕޮލޮލިކަޝްވިލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ރާއްޖެއިން ފަތުރުވެރިކަން އަލުން ފެށީ ވަރަށް ކުރީކޮޅު، ދެމެހެއްޓެނިވި ގޮތެއްގައި ކަމަށެވެ. އަދި އެއާއެކު އެތައް މިލިއަން ބައެއްގެ ދިރިއުޅުން ވެސް ސަލާމަތް ކުރެވުނު ކަމަށް ވެސް ވިދާޅުވިއެވެ.
ޓޫރިޒަމް އޯގަނައިޒޭޝަންގެ ސެކްރެޓަރީ ޖެނެރަލް ރައީސަށް މިފަދައިން ތައުރީފު ކުރައްވާފައިވާއިރު ދުނިޔޭގެ އެކި ޤައުމުތަކުގެ ލީޑަރުންނާއި އިސްވެރިން ވަނީ ކޮވިޑުގެ ހާލަތުގައި ރާއްޖޭގެ އިޤްތިސާދު ރައީސް ސާލިހު މެނޭޖްކުރެއްވި ގޮތް ފާހަގަކުރައްވާ އެކަމަށް ވެސް ތައުރީފު ކުރައްވާފައެވެ.
 
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
