ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމި ގިނަ ދުވަސްވެފއިވާ ގިނަމައްސަލަތަކެއް ހުއްޓާ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ މައްސަލަ ހުށަހަޅައި އެ މައްސަލަ ދެތިން މަސް ތެރޭ ނިމޭ ނަމަ އެއީ ސިޔާސީ ނުފޫޒަށް ނުވާނެތޯ އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއިލް (އިބުރާ) ސުވާލު އުފައްދަވައިފިއެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ހައިކޯޓަށް ހުށަހަޅައި، ނުނިމި ހުރި އެތައް ދުވަހެއްވީ ގިނަމައްސަލަތަކެއް ހުއްޓައި، ޔާމީނުގެ މައްސަލަ ހުށަހަޅައި، މަހެއް، ދެމަހެއްތެރޭ ނިމެންޏާ ކޯޓުތަކަށް ސިޔާސީ ނުފޫޒު ނެތްކަމަށް ރައްޔިތުން ޤަބޫލުކުރާނީ ކިހިނެތްތޯ ސުވާލުކުރައްވާފައިވެއެވެ. އޭނާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ އެނގިފައިވާގޮތުގައި، ދަށުކޯޓުގައި މައްސަލަ ބެލީ ޖިނާއީ އިޖްރާއަތުގެ ޤާނޫނުގައިވާ ހުރިހައި މުއްދަތެއް ހަމަކޮށްގެން.ކަމަށެވެ. އެހެންކަމުން "އަވަސް އަރުވާލައިގެން" ހިންގި ކަމެއް ނެތް ކަމަށް ވިދާޅުވިއެވެ. ޖިނާއީކުށެއްގެ ތުހުމަތުން ބަރީއަވާނީ ސަޕޯޓަރުން ގިނަވެގެނެއްނޫން ކަމަށާއި އެމީހުންގެ ޙައްޤެއް މިކަމުގައި އެކުލެވިގެން ނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅީ ފެބްރުއަރީ މަހުގެ ފަހުކޮޅެވެ. ވ. އާރަށު ހިޔާނާތުގެ މައްސަލައިގައި ޔާމީނު 11 އަހަރަށް ޖަލަށް ލައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ޙުކުމް ކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ހުކުމް އިއްވަމުން، މައްސަލަ ބެއްލެވި އިސްގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، ރައީސް ޔާމީނުގެ މަޤާމަށް ބަލާއިރު، އެހާ ބޮޑު އަދަދެއްގެ ފައިސާއެއް ޔާމީނުގެ އެކައުންޓަށް ސައްޙަ ގޮތުގައި ޖަމަވާން ޖެހޭ ސަބަބެއް ދަލާލަތު ކޮށްދެވިފައިނުވާ ކަމަށެވެ.
ޔާމީނުގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ، ވ އާރަށު ހިޔާނާތުގެ ފައިސާކަމަށް މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުން އެނގޭކަމަށް އިސްގާޒީ ވިދާޅުވިއެވެ.މަނީ ލޯންޑަރިންގ ދައުވާގައި ދައުލަތުން އެދުނީ 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައިދިނުމަށެވެ. ޔާމީނަށް ކުރި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގައި 7 އަހަރަށް ޖަލަށް ލުމާއެކު، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ވަނީ ޙުކުމްކުރައްވާފައެވެ.