ކ. މާލެ
|
9 މާރޗް 2023 | ބުރާސްފަތި 14:45
ތުރުކީވިލާތާއި ސޫރިޔާ ހިއްސާ ކުރާ ބޯޑަރު ސަރަޙައްދަށް، ފެބުރުއަރީ 6 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމަކީ، މި ފަހުގެ ތާރީޚުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ބިންހެލުން
ތުރުކީ ބިންހެލުން
ބިންހެލުމުގައި ތުރުކީއަށް ލިބުނު ގެއްލުމުގެ އަގު މިހާރުވެސް 100 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައިފި
 
ެ ބިންހެލުމާ ގުޅިގެން އެކި ލޮޅުންތަކުގައި 345000 އެއްހާ އެޕަރޓްމަންޓް ސުންނާފަތިވެއްޖެ
 
އެ ބިންހެލުމަކީ 1939 ވަނަ އަހަރަށް ފަހު ތުރުކީވިލާތަށް އައި އެންމެ ބާރުގަދަ ބިންހެލުން

ތުރުކީވިލާތާއި ސޫރިޔާ ހިއްސާ ކުރާ ބޯޑަރު ސަރަޙައްދަށް، ފެބުރުއަރީ 6 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމަކީ، މި ފަހުގެ ތާރީޚުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ބިންހެލުމުގެ ކާރިޘާއެވެ. ރެކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައި އައި އެ ބިންހެލުން، ތުރުކީވިލާތުގެ މެދުތެރެއާއި ދެކުނުގެ ސަރަޙައްދުތައް، އަދި ސޫރިޔާގެ ދެކުނާއި ހުޅަނގުގެ ސަރަޙައްދުތައް މުޅިންހެން ސުންނާފަތިކޮށްލިއެވެ. އެ ބިންހެލުމަކީ 1939 ވަނަ އަހަރަށް ފަހު ތުރުކީވިލާތަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. ބިންހެލުމާ ވިދިގެން އަރަން ފެށި ލޮޅުންތަކަކީވެސް ވަކި ކުޑަ ލޮޅުންތަކެއް ނޫނެވެ.

ބާރުގަދަ ބިންހެލުމާއި އެ ބިންހެލުމާ ގުޅިގެން އެކި ލޮޅުންތަކުގައި 345000 އެއްހާ އެޕަރޓްމަންޓް ސުންނާފަތިވެފައި ވާއިރު، މަރުވި މީހުންގެ ޢަދަދު އަދިވެސް މައްޗަށް ދާނެ ކަމީ މިއަދު ޤަބޫލު ކުރަން ޖެހިފައި އޮތް ހިތި ޙަޤީޤަތެވެ. ފެބުރުއަރީ 6 ވަނަ ދުވަހުގެ ބިންހެލުމަކީ އޯގަސްޓް 2021 އަށްފަހު މުޅި ދުނިޔޭގެ ނިސްބަތުންވެސް މިހާތަނަށް ރެކޯޑް ކުރި އެންމެ ބާރުގަދަ ބިންހެލުމެވެ. ފެބުރުއަރީ 6 ވަނަ ދުވަހުގެ ފުރަތަމަ ބިންހެލުން އައިތާ އެންމެ 11 މިނެޓް ފަހުން، ރެކްޓަރ މިންގަނޑުން 6.7ގެ ބާރުމިނުގައި ވަރުގަދަ ލޮޅުމެއް އަރާފައިވެއެވެ.

ކަން މިހެން އޮތް އިރު، އެ ބިންހެލުމުގައި ތުރުކީވިލާތަށް ލިބުނު މާލީ ގެއްލުމުގެ އަގު، 100 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެ ކަމަށް އދގެ ތަރައްޤީއާ ބެހޭ މަޝްރޫޢު (ޔޫއެންޑީޕީ)އިން ވަނީ މަރޗް 7 ވަނަ ދުވަހު ބުނެފައެވެ.

ލިބުނު ގެއްލުންތައް ދެނެގަތުމަށް ހަދާ އެސެސްމަންޓް އަދިވެސް ދަނީ ކުރިއަށް. ވިލާތުގެ އިއްތިހާދުން ބްރަސަލްސްގައި ޑޯނަރ ކޮންފަރެންސް ފަށަން ވާއިރަށް ނިމޭނެ. ކޮންފަރެންސް ތާވަލުކޮށްފަ އޮތީ މަރޗް 16އަށް. އެކަމަކު، މިހާތަނަށް ލިބިފަ ހުރި މަޢުލުމާތަށް ބަލާއިރު އެކަނިވެސް، 100 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އެބަ އަރާ ގެއްލުމުގެ އަގު.
ލުއީޒާ ވިންޓަން؛ ތުރުކީވިލާތުގައި ހުންނަވާ އދގެ މަންދޫބު

ގާޒިއެންޓެޕުގައި ހުންނަވާ، ވީޑިއޯ ލިންކް މެދުވެރި ކުރައްވާ ވާހަކަދައްކަވަމުން ޔޫއެންޑީޕީގެ ތުރުކީ މަންދޫބު ލުއީޒާ ވިންޓަން ވިދާޅުވީ، ލިބުނު ގެއްލުންތައް ދެނެގަތުމަށް ހަދާ އެސެސްމަންޓްތައް ހެދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.

ބިންހެލުމުގެ ކާރިޘާގައި ތުރުކީވިލާތާއި ސޫރިޔާއިން މަރުވި މީހުންގެ ޢަދަދު 52000 އަށް ވުރެ މައްޗަށް އަރާފައި ވާ އިރު، ގިނަ މީހުންނަކީ ނިދީގައި ތިއްބާ އައި ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ބައިތަކުގެ ދަށުވެ، ޗިސްވެގެން ނުވަތަ ގާކުނޑިތަކުގެ ތެރޭގައި ވަޅުލެވިގެން މަރުވި މީހުންނެވެ.

ވިންޓަން ވިދާޅުވި ގޮތުގައި އަންދާސީ ގެއްލުމުގެ އަގަކީ، ހަމަ އެކަނި ތުރުކީވިލާތަށް ލަފާކޮށްފައި ވާ ޢަދަދެކެވެ. އެއީ ކުރިއަށް އޮތް ޑޯނަރ ކޮންފަރެންސްއަށް، ކޮންމެވެސް ވަރެއްގެ ތަސްވީރެއް ކުރަހާލުމަށް ނަގާފައިވާ ޢަދަދެއް ކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. ބިންހެލުމުގެ ކާރިޘާއާ ގުޅިގެން ބޭނުންވާ ބައިނަލްއަޤުވާމީ އެހީ ހޯދުމަށް ކުރިއަށް ގެންދާ ޑޯނަރ ކޮންފަރަންސް ފަށަން ތާވަލު ކޮށްފައި ވަނީ މަރޗް 16 ވަނަ ދުވަހަށެވެ. ކޮންފަރެންސް ކުރިއަށް ދާނީ ބެލްޖިއަމްގެ ވެރިރަށް، ބްރަސަލްސްގައެވެ.

ފެބުރުއަރީ 6 ވަނަ ދުވަހުގެ ވަރުގަދަ ބިންހެލުން އައި ސަރަޙައްދަކީ، ޖުމުލަ ގޮތެއްގައި އެފަދަ ހަރަކާތްތައް މަދު ސަރަޙައްދެކެވެ. 1905 ވަނަ އަހަރުން ފެށިގެން ބަލާ ކަމުގައި ވާނަމަ، ފެބުރުއަރީ 6 ވަނަ ދުވަހުގެ ބިންހެލުން އައި ސަރަޙައްދުގެ ވަށައިގެން އޮތް 250 ކިލޯމީޓަރުގެ ހިސާބުގަނޑުން، ރެކްޓަރ މިންގަނޑުން 6.0ގެ ބާރުމިނަށް ވުރެ މަތިން ރެކޯޑް ކޮށްފައިވަނީ އެންމެ 5 ބިންހެލުމެކެވެ. އެއީ 1905، 1945 އަދި 1986 އާއި 1998 ގައި އައި ބިންހެލުންތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް