ޗައިނާއިން އެމެރިކާ އަށް އެތެރެވާ މީހުން ކޮވިޑް-19ށް ޓެސްޓްކުރަން ނުޖެހޭ ގޮތަށް ހެދުމަށް ނިންމާފައިވާކަމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ން ބުނެފިއެވެ.
ބުދަ ދުވަހު ސީޑީސީން ބުނެފައިވަނީ ފިޔަވަޅުތައް އަޅާފައިވަނީ އެމެރިކާގެ ރައްޔިތުންނާއި މުޖުތަމައު ކޮވިޑް-19ން ރައްކާތެރިކުރުމަށް ޓަކައި ކަމަށެވެ. އެއީ ޗައިނާ އިން އަންނަ މީހުންގެ ތެރެއިން ކޮވިޑް ޖެހިފައިވާ މީހުން ދެނެގަތުމަށާއި ވޭރިއަންޓްތަކާއި ގުޅޭގޮތުން މުހިންމު މައުލޫމާތުތައް ދެނެގަތުމަށްކަމަށް ވެސް އެމެރިކާގެ ސީޑީސީއިން ބުނެއެވެ. ސީޑީސީން އިތުރަށް ބުނީ ކޮވިޑް-19ގެ ހާލަތު ޗައިނާ އާއި މުޅި ދުނިޔޭގައި އޮތްގޮތް އެ އިދާރާއިން ބަލަމުންދާނެކަމަށެވެ.
ފާއިތުވި ހަފްތާގައި ޖަޕާނުން ވަނީ ޗައިނާ އިން އަންނަ މީހުން ކޮވިޑް-19ށް ޓެސްޓްކުރަން ޖެހޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސްފައެވެ.
ޒީރޯ ކޮވިޑްގެ ސިޔާސަތުތަކަށް ޗައިނާގައި ލުއިދިނުމަށްފަހު އެގައުމު ހުޅުވާލުމުން މި އަހަރު ފެށުނުއިރު އެމެރިކާ އިތުރުން އެހެން ގައުމުތަކަކުން ވަނީ ޗައިނާއިން އަންނަ މީހުން ކޮވިޑަށް ޓެސްޓްކުރުން ފަދަ ފިޔަވަޅުތަކެއް އަޅައިފައެވެ.
އެއީ ޗައިނާގައި ކޮވިޑް-19ގެ ހާލަތު އަސްލު އޮތްގޮތް ނޭންގޭތީކަމަށާއި ވޭރިއަންޓްތައް އުޅޭ މިންވަރު ދެނެގަނެވޭ ވަރަށް މައުލޫމާތުތައް ލިބިފައިނުވާތީކަމަށް ސީޑީސީން ބުނެއެވެ.