Advertisement
ކ. މާލެ
|
8 މާރޗް 2023 | ބުދަ 16:00
އެމްޑީޕީ ރަށްވެހި ފަތިސް އަންހެނުގެ ކޮންފަރެންސް --- ޕޮޓޯ : ޔޫސުފް ސޮފްވާން
އެމްޑީޕީ ރަށްވެހި ފަތިސް އަންހެނުގެ ކޮންފަރެންސް --- ޕޮޓޯ : ޔޫސުފް ސޮފްވާން
ޔޫސުފް ސޮފްވާން ރަޝީދު
އެމްޑީޕީ
މިސަރުކާރުން ސިޔާސީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށް ރަގަޅު މަސައްކަތްތަކެއް ކޮށްފި: އެމްޑީޕީ
މިއަދު "އެމްބްރޭސް އިކުއިޓީ" މި ޝިއާރު ވަރަށް މުހިއްމު
ކޮންމެ މީހަކުވެސް އަޒުމް ކަނޑައަޅަންވީ މީސްމީޑިއާ ޕްލެޓްފޯމުތައް ހެޔޮގޮތުގައި ބޭނުންކުރުމަށް
އަންހެނަކަށް ދެރައެއް ލިބޭ ހިނދު އެމީހާ އިތުރަށް ގަންބާލަން ބޭނުންކުރާ ހަތިޔާރަކަށް ސޯޝަލް މީޑިއާ ނުހަދާ

މިހާރުގެ ސަރުކާރުން ސިޔާސީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ފަރާތުން، އަންހެނުންގެ ދުވަހާ ގުޅުވައިގެން ނެރުނު ބަޔާނުގައި ބުނީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަގުސަދަކީ އަންހެނުން ހޯދަމުން އަންނަ ކުރިއެރުންތައް ފާހަގަކޮށް އުފާފާޅުކުރުމާއި، އަންހެނުންނަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް އެކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ހައްލު ހޯދަން މަސައްކަތްކުރުން ކަމަށެވެ. އެގޮތުން، ޤައުމެއްގެ ހައިސިއްޔަތުން ބަލާއިރު، ތަޢުލީމީ ދާއިރާއަކީ ރާއްޖޭގައި އަންހެނުންނަށް ފުރުސަތު ލިބުމުގައި އެންމެ ބޮޑަށް ހަމަހަމަކަން ގާއިމްކުރެވިފައިއޮތް އެއްދާއިރާ ކަމަށާއި އެ ދާއިރާއިން އަންހެނުން ގިނަ ކާމިޔާބީތައް ހޯދަމުން އަންނަ ކަން އެ ޕާޓީން ފާހަގަކުރިއެވެ.

ތައުލީމީ ދާއިރާއިން އަންހެނުންނަށް ހަމަހަމަކަން ގާއިމް ކުރެވިފައި އޮތް ނަމަވެސް އެހެން ދާއިރާތަކުން، ހާއްސަކޮށް ސިޔާސީ ދާއިރާ އާއި އިޤްތިސާދީ ދާއިރާގައި އަންހެނުން އަދިވެސް އުޅެނީ ވަރަށް ފަހަތުގައި ކަން އެމްޑީޕީން ފާހަގަކުރިއެވެ. އެގޮތުން، ރާއްޖޭގެ ޤާނޫނުއަސާސީއާ ޤާނޫނުތަކަށް ބަލާއިރު، ކަރުދާހުގައި ހުންނަ އަކުރުތަކުން، އަންހެނުންނާއި ފިރިހެނުންނަށް ސިޔާސީ ދާއިރާގައިވެސް ހަމަހަމަ ފުރުސަތުތައް އޮންނަ ކަމަށާއި ނަމަވެސް އެ ޤާނޫނުތަކަށް އަމަލުކުރުމަށްފަހު ނިކުންނަ ނަތީޖާއިން ގިނަފަހަރު އެ ހަމަހަމަކަމެއް ނުފެންނަ ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން ވަނީ އިންތިޚާބުތަކަށް ކުރިމަތިލުމުގައި އެއް ފުރުސަތުތަކެއް އެންމެންނަށްވެސް ޤާނޫނީ ގޮތުން ލިބޭއިރު ނަތީޖާއަށް ބަލާއިރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައިވެސް 87 މެމްބަރުންގެ ތެރޭގައި ތިބީ އެންމެ 4 އަންހެނުންކަން ފާހަގަކޮށްފައެވެ. އަދި ކައުންސިލްތަކުގެ އިންތިހާބުތަކުންވެސް 2021 ވަނަ އަހަރުގެ ކުރިން ފެނިގެން ދިޔައީ ހަމަ އެ މަންޒަރުކަން ވަނީ ފާހަގަކޮށްފައެވެ.

އެ ޕާޓީން ނެރުނު ބަޔާނުގައި ބުނީ އަދިވެސް ބައެއް ދާއިރާތަކުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ނުލިބުނު ނަމަވެސް މިސަރުކާރުން ސިޔާސީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ކެބިނެޓާއި، ސަރުކާރުގެ މަތީ މަޤާމުތަކުގައި ތިބި އަންހެނުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ ގޮތުގައިވެސް ގިނަ އަންހެނުންތަކެއް އައްޔަން ކޮށްފައިވާކަން އެމްޑީޕީން ފާހަގަކުރިއެވެ.

Advertisement

މީގެ އިތުރުން އަލަށް ސުޕްރީމް ކޯޓަށާއި، ޖިނާއީ ކޯޓަށްވެސް އަންހެން ފަނޑިޔާރުން އައްޔަން ކޮށްފައިވާއިރު ހާއްސަ ގޮތެއްގައި ކައުންސިލްތަކުގައި އަންހެނުންނަށް ޤާނޫނީ ގޮތުން ދެވުނު 33 އިންސައްތައިގެ ކޯޓާއަކީ ކައުންސިލަރުންގެ ގޮތުގައި ތިބޭ އަންހެނުންނާއި ފިރިހެނުންގެ އަދަދަށް ވަރަށް ބޮޑު ހަމަހަމަ ކަމެއް ގެނުވައިދިން ބަދަލެއް ކަން އެމްޑީޕީން ފާހަގަކުރިއެވެ.

މުޖުތަމައުގައި މިފަދަކަންކަމާމެދު އޮންނަ ހޭލުންތެރިކަން ކުޑަކަން ފާހަގަކޮށް އެމްޑީޕީން ބުނީ މި ސަރުކާރުން އެޅި ރަނގަޅު ފިޔަވަޅާ ދޭތެރޭގައިވެސް ގޯސް ނަޒަރަކުން ދެކުނު، އަދި ދެކެމުންދާ މީހުން މަދުނޫން ކަމަށެވެ. އެހެންވެ މިއަދު "އެމްބްރޭސް އިކުއިޓީ" މި ޝިއާރު ވަރަށް މުހިއްމު ކަމަށާއި ހަމަހަމަކަން ގެނައުމަށް ކުރެވޭ މިފަދަ ކަންކަމާ ދެކޮޅުހަދާ، ތަފާތުކުރުމެއް ކަމަށް ބުނެ ނުރުހުން ފާޅު ނުކުރުމަށް، ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަން ވެސް އެޕާޓީން ވަނީ ފާހަގަކޮށްފައެވެ.

ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންނަށް އޮންލައިން ޕްލެޓްފޯރމްތައް ބޭނުން ކޮށްގެން ފުރައްސާރަކޮށް، ހަނގާ ކުރުމަކީ އެ ދާއިރާއަށް އަންހެނުން ނުކުތުމަށް ޖެހިލުންވާ އެންމެ ބޮޑު އެއް ސަބަބުކަން ފާހަގަކޮށް އެމްޑީޕީން ބުނީ، މީސްމީޑިއާއަކީ އޭގެ ރަގަޅު ގޮތުގައި ބޭނުންކޮށްފިނަމަ، ބިނާކުރަނިވި ޚިޔާލު ފާޅުކޮށް، ރަގަޅު މަޝްވަރާތަކެއް ކުރުމުގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރެވޭނެ އެންމެ ގިނަމީހުންނަށް، އެންމެ އަވަހަށް، މަޢުލޫމާތު ފޯރުކޮށްދެވޭނެ އެއް ޕްލެޓްފޯމު ކަމަށެވެ. އެހެންކަމުން މިއަދު ކޮންމެ މީހަކުވެސް އަޒުމް ކަނޑައަޅަންވީ މީސްމީޑިއާ ޕްލެޓްފޯމުތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ކަމަށް އެ ޕާޓީން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން އަންހެނަކަށް ދެރައެއް ލިބޭ ހިނދު އެމީހާ އިތުރަށް ގަންބާލަން ބޭނުންކުރާ ހަތިޔާރަކަށް ސޯޝަލް މީޑިއާ ނުހެދުމަށާއި ހާއްސަކޮށް މިކަމުގައި އެހެން އަންހެނުން ބައިވެރި ނުވުމަށް ހޭލުންތެރިކަން އިތުރުކުރުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް ކަން ވެސް އެ ޕާޓީން ފާހަގަކުރިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް