ކ. މާލެ
|
8 މާރޗް 2023 | ބުދަ 14:40
ބަޔާން މެޗުގެ ކުރިން އޮތް ޕްރެސްގައި ޕީއެސްޖީގެ ކޯޗު ގަލްޓިއޭ
ބަޔާން މެޗުގެ ކުރިން އޮތް ޕްރެސްގައި ޕީއެސްޖީގެ ކޯޗު ގަލްޓިއޭ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
އެމްބާޕޭ އާއެކު ޕީއެސްޖީ އަށް ބޮޑު ބަދަލެއް އަންނާނެ: ގަލްޓިއޭ
 
ގަލްޓިއޭ ބުނީ ކޮންމެ ގޮތެއްވީ ނަމަވެސް އެމްބާޕޭ އާއެކު ޕީއެސްޖީން ތަފާތުތަކެއް ފެންނާނެ ކަމަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެ ވަނަ ލެގުގައި ބަޔާން މިއުނިކާ ދެކޮޅަށް ނިކުންނައިރު، ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭއާއެކު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އެ ޓީމުގެ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ބުނެފި އެވެ.

މި ދެ ޓީމު ފްރާންސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ކާމިޔާބު ކުރީ ބަޔާނުންނެވެ. އެ މެޗުގައި އެމްބާޕޭ ކުޅެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އަނިޔާ ސަބަބުން އެމްބާޕޭ އަށް މެޗުގެ ފުރަތަމަ 11 ގެއްލުނުއިރު، ބަޔާންގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގަށް އެމްބާޕޭ ހުރީ ފިޓުކޮށެވެ. ޕީއެސްޖީގެ ކޯޗު ގަލްޓިއޭ ބުނީ، ފުރަތަމަ ލެގުގައި ދެއްކި ކުޅުމަށްވުރެ ރަނގަޅު ކުޅުމެއް ދެ ވަނަ ލެގުގައި ދައްކަން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ ދެ ވަނަ ލެގަށް ނިކުންނާނީ ވެސް މުޅިން ތަފާތު ގޭމް ޕްލޭނަކާ އެކު ކަމަށެވެ. ގަލްޓިއޭ ބުނީ ކޮންމެ ގޮތެއްވީ ނަމަވެސް އެމްބާޕޭ އާއެކު ޕީއެސްޖީން ތަފާތުތަކެއް ފެންނާނެ ކަމަށާއި، ނަމަވެސް ދަނޑު މަތީގައި ޖެހޭނީ ބަޔާންގެ ހާފުގައި ބޯޅަ ގެންގުޅެ އެ ޓީމަށް ނުރައްކާކޮށް ނަތީޖާ ނެރުމަށް ކަމަށެވެ.

ގަލްޓިއޭ ބުނީ ފުރަތަމަ ލެގުގެ ނަތީޖާ ނިކުތް ގޮތުން ދެ ވަނަ ލެގުގައި މާ ބޮޑަށް ސަމާލުވެގެން ތިބެން ޖެހެނޭ ކަމަށެވެ. ގަލްޓިއޭ ބުނީ މެޗަށް ނިކުންނައިރު ޕޮސިޓިވް ވިސްނުމަކާއެކު މެޗަށް ސަމާލުވެގެން ތިބެއްޖެ ނަމަ، މެޗުން މޮޅުވެ ކުރިއަށް އޮތް ކޮލިފައިވުމުގެ ފުރުސަތު ޕީއެސްޖީ އަށް އޮތް ކަމަށެވެ. ގަލްޓިއޭ ވަނީ އަނިޔާގައި ހުރި ޕީއެސްޖީގެ ފޯވާޑް ނޭމާ ޖޫނިއާގެ ވާހަކަ ވެސް ދައްކައިފަ އެވެ. އޭނާ ބުނީ ނޭމާއާ ގުޅޭ ގޮތުން މިހާރު ދެކެވެމުން އަންނަ ވާހަކަތައް އަޑު އިވޭ ކަމަށާއި، މިވަގުތު ޓީމުގައި އެންމެ ހިތާމަވެރިކޮށް ހުރި ކުޅުންތެރިޔަކީ ވެސް ނޭމާ ކަމަށެވެ. ގަލްޓިއޭ ފާހަގަ ކުރި ގޮތުގައި ނޭމާ އަށް ލިބުނު އަނިޔާ އަކީ ވަރަށް ސީރިއަސް އަނިޔާއެކެވެ. އޭނާގެ ނަޒަރުގައި އެއީ ޓީމަށް ވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. ސަބަބަކީ ސީޒަންގައި 17 ލަނޑު ޖަހައި، 11 ލަނޑު ޖެހުމަށް އެހީތެރިވެދިން ކުޅުންތެރިޔެއްގެ މުހިންމުކަން އިހުސާސްވާތީ ކަމަށް ވެސް އޭނާ ބުންޏެވެ. ގަލްޓިއޭ ބުނީ އޭނާ ޕީއެސްޖީއާ ހަވާލުވި ފަހުން ވެސް ނޭމާ ވަނީ މޮޅު ކުޅުމެއް ދައްކާފައި ކަމަށާއި، އަނިޔާގެ ބަދު ނަސީބު ނޭމާ އަށް ކުރިމަތިވީ އެންމެ މުހިންމު ވަގުތުގައި ކަމަށެވެ.

ގަދަ 16 ގެ ދެ ވަނަ ލެގުގައި ޕީއެސްޖީން ބަޔާންގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން އެކެއް ޖަހާއިރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް