ކަރަޕްޝަނާއި ފަސާދައިން ރައްޔިތުން ސަލާމަތް ކޮށްދެއްވުމަށް މަޖިލީސް މެމްބަރުންގެ ކިބައިން އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އެދިވަޑައިގެންފިއެވެ.
ޓެރަރިޒަމުގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޝެއިޚް އިމްރާން ރޯދަ މަހާ ދިމާކޮށް ގެއަށް ބަދަލުކުރުމަށް ފަހު އަނބުރާ ޖަލަށް ގެންގޮސްފައި ވަނީ ހުކުރު ދުވަހު އެވެ.
ކްނޫޒްގެ ޖަލްސާގައި ޝެއިޚް އިމްރާން ނެރުއްވި ބަޔާން ހުށައައަޅުއްވާ ދެއްވީ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީޒާހިރުއެވެ.
ޝެއިޚް އިމްރާން ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މިހާރު ގުނަމުންދަނީ ފަސާދަ ވެފައިވާ ގައުމު މިނިވަން ވުމަށް ކުރަމުންދާ މަސައްކަތް ކަމަށެވެ.
"މި ފިޔަވަޅުމަތީގައި ފަހަތަށް ހުއްޓި ބަލާލާއިރު، އަދާލަތު ޕާޓީގެ އެހީތެރިކަމާ އެކު އުފެއްދި ސަރުކާރު ވަނީ 2015 ވަނަ އަހަރު ހަރާބުވެފައި. ހަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރެއްވި މަސައްކަތް ކާމިޔާބު ނުވާއިރު، ފެނިގެން ދިޔައީ ރައީސް އަބްދުﷲ ޔާމީންގެ އަޑިނޭނގޭ ސިޔާސަތު ކަންކަމުގައި މީހުން ހިފައި ހައްޔަރުކުރުމުގެ މަސައްކަތް. އެ މަސައްކަތް ފެށީ އަމިއްލަ ޕާޓީގެ ތެރެއިން. އެއަށް ފަހު ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރި، ގާސިމަށް އިގްތިސާދީ ފިއްތުންތައް ކުރިމަތިކުރުވި" ޝެއިޚް އިމްރާން ވިދާޅުވިއެވެ.
ޝެއިޚް އިމްރާން ވިދާޅުވީ އަދާލަތު ޕާޓީން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އާ ގުޅުނީ ރައީސް ޔާމީންގެ ފަސާދަ ހުއްޓުވުން އަވަސް ނުކޮށްފި ނަމަ ގައުމު ހަމަ މަގަށް ގެއްލިދާނެ ކަމަށް ފެނިގެން އެކަން ގަބޫލު ކުރެވިގެން ކަމަށެވެ. އެހެން ކަމުން މި ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތަކީ ގައުމުގެ މިސްރާބު އަލުން ރަނގަޅުކޮށް ރައްޔިތުންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށް ކަމަށް ޝެއިޚް އިމްރާން ވިދާޅުވިއެވެ.
"ގައުމު ހަމަމަގަށް އެޅުއްވުމަށް ރައްޔިތުން ވަރަށްބޮޑު ގުރުބާނީއެއް ވެއްޖެ ކަމަށާއި ޖަލު ގޮޅީގައި ބަންދުވެ، އާންމުދަނީ ހުއްޓި، އަނިޔާވެރިކަމުން ސަލާމަތްވުމަށް ރާއްޖޭން ބޭރަށް އަރުވާލެވިފައިވޭ. އަދި ބައެއް މީހުންނަށް ހުކުމްކޮށް، ހުކުމްކުރެވިފައިވާ މަރުހަލާގައި ބައެއް މީހުން އެބަ ތިބި،" ޝެއިޚް އިމްރާން ވިދާޅުވިއެވެ.
ޝެއިޚް އިމްރާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ﷲ ގަންދީ ކުރެއްވި ހުވަޔާއި މަޖިލީހުގެ މެމްބަރުން ކުރައްވާ ކޮންމެ ކަމަކީ އަދި ނުކުރައްވާ ދޫކޮށްލެއްވި ކޮންމެ ކަމަކީ ﷲ ގެ ހަޟްރަތުގައި ޖަވާބުދާރީވާންޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން ގައުމު ހަމަމަގަށް އެޅުއްވުމަށް ކާމިޔާބުކުރުމަށް ކެތްތެރިކަމާއި ނުގުޑާ އަޒުމުގައި މާތް ﷲ އަށް ވާގިއެދިގެން އެންމެ އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް އިމްރާން ވަނީ ގޮވާލައްވާފައެވެ.
ޝެއިޚް އިމްރާންގެ ބަޔާން ނިންމަވާލެއްވީ އުފާވެރި ދުވަސްތައް ވަރަށް އަވަހަށް ބައްދަލު ކުރާނެ ކަމަށް ވިދާޅުވަމުންނެވެ.
މެއި 1، 2015 ގައި ޝެއިޚް އިމްރާން ޖަލަށް ލެއްވި ފަހުން، މީޑިއާ ދެއްވި ފުރަތަމަ އިންޓަވިއުގައި ޝެއިޚް އިމްރާން ވިދާޅުވީ އޭނާ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް އަނބުރާ ޖަލަށް ގެންދެވީ، އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ކާމިޔާބު ވާތީ ކަމަށެވެ.