ކ. މާލެ
|
8 މާރޗް 2023 | ބުދަ 11:44
ޑޭވިޑް ޖޭމްސް
ޑޭވިޑް ޖޭމްސް
ޓްވީޓަރ
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް
ސްޕޯޓްސް އެވޯޑްސް އަށް އިންގްލެންޑް އަދި ލިވަޕޫލްގެ ކުރީގެ ކީޕަރު ޑޭވިޑް ޖޭމްސް ރާއްޖެ އަންނަނީ
ޖޭމްސް އެންމެ ބޮޑަށް ފާހަގަވެފައި ވަނީ 1992 އިން 1999 އަށް ލިވަޕޫލަށް ކުޅުނު ދުވަސްވަރު

އިނގިރޭސި ޤައުމީ ޓީމު އަދި ލިވަޕޫލްގެ ގޯލް ބަލަހައްޓާފައިވާ ޑޭވިޑް ޖޭމްސް މި މަހު އޮންނަ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ބުދަ ދުވަހު ކުޅިވަރު ވަޒީރު އަޙުމަދު މަޚްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެވޯޑު ޙަފްލާގައި ބައިވެރިވުމަށް ޖޭމްސް އަށް ދީފައިވާ ދައުވަތު ޤަބޫލުކޮށްފައިވާ ކަމަށެވެ. ޖޭމްސް އަކީ މިހާރު ސްކައި ސްޕޯޓްސްގެ ފުޓުބޯޅަ ކަވަރޭޖުގައި މަސައްކަތް ކުރަމުން އަންނަ އެނަލިސްޓެކެވެ. ވަޓްފޯޑުން ސީނިއާ ކެރިއަރު ފެށި ޖޭމްސް ވަނީ ލިވަޕޫލްގެ އިތުރުން އެސްޓަން ވިލާ، ވެސްޓް ހޭމް ޔުނައިޓެޑު، މެންޗެސްޓަރ ސިޓީ، ޕޯޓްސްމައުތު އަދި ބޯންމައުތަށް ވެސް ކުޅެދީފަ އެވެ. ޖޭމްސް އެންމެ ބޮޑަށް ފާހަގަވެފައި ވަނީ 1992 އިން 1999 އަށް ލިވަޕޫލަށް ކުޅުނު ދުވަސްވަރު އެވެ. އޭނާ ވަނީ ލިވަޕޫލަށް 277 މެޗުގައި ގޯލް ބަލަހައްޓައިދީފަ އެވެ. ލިވަޕޫލާއެކު އޭނާ ވަނީ ކަރަބޯ ކަޕް ކާމިޔާބުކޮށްފަ އެވެ. ޖޭމްސް ވަނީ 1997 އިން 2010 އަށް އިނގިރޭސި ޤައުމީ ޓީމަށް ވެސް ކުޅެފަ އެވެ. އިންގްލެންޑާއެކު އޭނާ ވަނީ ފީފާ ވޯލްޑް ކަޕްގައި ވެސް ކުޅެފަ އެވެ.

ޖޭމްސް އަކީ އެވޯޑު ހަލްފާގައި ބައިވެރިވާނެކަން މިހާތަނަށް ހާމަ ކުރި ދެ ވަނަ ކުޅިވަރު ޝަޚުސިއްޔަތެވެ.

- ކޮމެންޓް